ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 18:27
ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރާ ކޮރަޕްޝަންގެ 10 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުމަށް 22 ޖުލައި 2018 ވީ އާދީއްތަ ދުވަހު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު އެނބު
ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ދައުލަތުން ކުރާ ކޮރަޕްޝަންގެ 10 ދައުވާއެއްގެ އިބްތިދާއީ އަޑުއެހުމަށް 22 ޖުލައި 2018 ވީ އާދީއްތަ ދުވަހު އަދީބް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމަށްފަހު އެނބު
މުހައްމަދު ޝަރުހާން
އަހުމަދު އަދީބް
އަދީބް އަވަހާރަކޮށްލަފާނެތީ ސެކިއުރިޓީ ދޭން އެދިއްޖެ
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާއި ގުޅޭ އައު ވާހަކަތަކެއް ހާމަކުރެއްވި
ކޮރަޕްޝަންގެ ލާރި ގުނީ ރައީސް ޔާމީންގެ ގޭގައި
ފައިސާ ގުނީ ރައީސް ޔާމީނާއި އެގޭގައި ގެންގުޅުނު ބިދޭސީއެއް

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ހިންގާފައިވާ ކޮރަޕްޝަނާއި ގުޅޭ މަޢުލޫމާތު ހާމަނުކުރެއްވުމަށް އިންޒާރުތައް ލިބިފައި ވަނިކޮށް، ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު އެ ވާހަކަތައް ކްރިމިނަލް ކޯޓުގައި ހާމަކުރެއްވުމުން، އެމަނިކުފާނުގެ ފުރާނަފުޅަށް ނުރައްކާ އޮތްކަމަށް ވިދާޅުވެ އަދީބަށް އެކަށީގެންވާ ސެކިއުރިޓީ ހަމަޖައްސައި ދިނުމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފުލުހުންގެ ގާތުން އެދިވަޑައިގެންފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދީއްތަ ދުވަހު ކޯޓުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެމްޕީއާރްސީގެ ވާހަކަ ނުދެއްކުމަށް އަންގައި އަދީބަށް އިންޒާރު ދީފައިވާކަން އަދީބު އެ ވާހަކަ ހާމަކުރައްވާފައިވާ ކަމަށެވެ. އަދި އެކަން ހާމަކުރެއްވުމާއި ގުޅިގެން އަދީބް މަރާލިޔަސް ފަސްޖެހިވަޑައި ނުގަންނަވާނެކަމަށް އަދީބް ވިދާޅުވެފައިވާތީ، އަދީބުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، އަދީބުގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް ނަޝްވާ ވަނީ ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ.

އެމްއެމްޕީއާރްސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި 10 ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން ދައުލަތުން އުފުލާފައިވާ ނާޖައިޒު ފައިދާ ހޯދައިދިނުމުގެ 10 ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އާދީއްތަ ދުވަހު އަދީބް ވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަމާޒުކުރައްވައި ބޮޑު ތުހުމަތުތަކެއް ކުރައްވާފައެވެ.

އެގޮތުން އެމްއެމްޕީއާރްސީގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކުރުމަށް މަގު ކޮށްޓެވީ ރައީސް ޔާމީން ކަމަށް އަދީބް ތުހުމަތު ކުރެއްވިއެވެ.

"2012 އަދި 2013 ގައި އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީން ދޫކުރާ ރަށްތަކަށް ދައްކާ ކުލި ޖަމާކުރަމުން ދިޔައީ މީރާއަށް، އެކަމަކު އެކަން 2014 ވަނަ އަހަރުގެ ތެރޭގައި ބަދަލު ކުރެއްވީ ރައީސް، ރައީސް ނިންމެވީ ހުރިހާ ފައިސާއެއް އެމްއެމްޕީއާރްސީއަށް ޖަމާކުރާ ގޮތަށް،" ކޮރަޕްޝަންގެ 10 ދައުވާއަށް ވެސް އިންކާރު ކުރައްވަމުން ދެއްކެވި ވާހަކަފުޅުގައި އަދީބު ވިދާޅުވިއެވެ.

އަދީބް ވިދާޅުވީ ޤައުމު ހިންގުން އަދީބާއި ހަވާލުކުރެއްވުމަށްފަހު ރައީސް ޔާމީން ކުރެއްވި މަސައްކަތަކީ ޑޮލަރު އެއްކޮށް، އެ މާރުކޮށް، އެ ގުނުއްވުން ކަމަށެވެ. އެގޮތުން އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ކުއްޔަށް ދޫކޮށްގެން ލިބޭ ޑޮލަރުތައް އެމްއެމްޕީއާރްސީގެ އެކައުންޓަށް ޖަމާކުރުމަށްފަހު، އެހެން ކުންފުނިތަކަށް އެ ފައިސާ ޓްރާންސްފަރ ކުރާ ކަމަށާއި، އަދި އެއަށްފަހު އެ ކުންފުނިތައް މެދުވެރިކޮށް އެ ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައިގެން ގެންދަނީ ރައީސް ޔާމީން އޭރު ދިރިއުޅުއްވި ގ. ދޫވެއްސަށް ކަމަށް އަދީބް ތުޙުމަތު ކުރެއްވިއެވެ. އަދި އެ ފައިސާތައް ގުނަނީ އެގޭގައި އެ ފައިސާ ބަހައްޓާފައި ހުންނަ ކުޑަ ކޮޓަރިއެއްގައި ރައީސް ޔާމީނާއި އެ ގޭގައި ގެންގުޅުނު ބަންގްލަދޭޝްގެ ރައްޔިތެއްކަން ވެސް އަދީބް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން 80 މިލިއަނެއްހާ ޑޮލަރު ރައީސް ޔާމީންގެ ގެކޮޅަށް އެތެރެވެފައި ވާނެ ކަމަށް އަދީބް ތުހުމަތުކުރެއްވިއެވެ.

މި ކަންކަން ހާމަ ކުރެއްވުމަށްފަހު އަދީބް ވަނީ މި ވާހަކަތައް ނުދެއްކުމަށާއި، މި ވާހަކަތައް ދައްކައިފިނަމަ ޖަލުގައި ދެރަގޮތެއް ވެދާނެ ކަމުގެ އިންޒާރު ލިބިފައިވާކަން ހާމަކުރައްވާފައެވެ.

"ސިމެންތި އައްޓެއްގައި ގަބުރެއްހެން އޮންނަން ޖެހުނަސް ނުކުރާ ކަމަކަށް އެއްބަހެއް ނުވާނަން، ބޭސްފަރުވާ ނުދީ އަޅުގަނޑުގެ ލޯ އަނދިރިކޮށްލިޔަސް އެއްބަހެއް ނުވާނަން،" އާދީއްތަ ދުވަހުގެ އަޑުއެހުމުގައި އަދީބު ވިދާޅުވިއެވެ.

އަދީބަށް ދީފައިވާކަން އެމަނިކުފާނު ހާމަކުރެއްވި އިންޒާރުތަކާއި ގުޅިގެން އެމަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އަދީބްގެ އަނބިކަނބަލުން ފުލުހުންގެ ކިބައިން އެދިލެއްވިއިރު، އާދައިގެ ސިޔާސީ ފަރާތްތަކަށްވެސް ޖަލުގައި ލިބޭ ސްޕެޝަލް ޕްރޮޓެކްޝަން، ޤައުމުގެ ނާއިބު ރައީސްކަން ވެސް ކުރައްވާފައިވާ އަދީބަށް ހަމަޖައްސައިދެވެން ނެތްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މީގެ ކުރިން ވަނީ އަދީބްގެ އާއިލާއަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
23 ޖުލައި 2018 | ހޯމަ 15:10
ހަބީބު ސ ހިތަދޫ
މަރާލިޔަސް ބިރު ނުގަންނާތި ޔާމިނު ވެރިކަމުން ބަލިކުރާނަން އެއައްފަހު މިނިވަން ތަހުގީގެއް ހިންގެވުމައް ފަހު އެފައިސާ ޔާމިނު އަތުން ހޯދާފަ އުމުރު ދުވަހުގެ ޖަލުހުކުމެއް އިއްވާނެ
22 ޖުލައި 2018 | އާދީއްތަ 10:57
Despardesh
Maraakias fas jehivadai nugannavaa beyfulhakah kon security eh tho eve