ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 21:05
ކުރީގެ ނާއިބު ރައީސް އަދީބާއި ރައީސް ޔާމިން ޖަލްސާއެއްގައި: އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އަދީބު ވަނީ ބޮޑެތި ތުހްމަތުތަކެއް ރައީސަށް ކުރައްވާފައި
ކުރީގެ ނާއިބު ރައީސް އަދީބާއި ރައީސް ޔާމިން ޖަލްސާއެއްގައި: އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އަދީބު ވަނީ ބޮޑެތި ތުހްމަތުތަކެއް ރައީސަށް ކުރައްވާފައި
ރައީސް އޮފީސް
އެމްއެމްޕީއާރުސީގެ ހިޔާނަތް
ގައުމު ހިންގީ އަހަރެން، ރައީސް އުޅުއްވީ އެމްއެމްޕީއާރުސީގެ ޑޮލަރު ގުނަން: އަދީބު
އެ ވާހަކަ ނުދައްކަން ވެސް އެންގެވި

ގައުމު ހިންގަވަމުން ގެންދެވީ ރައީސް އަބްދުﷲ ޔާމީން ނޫން ކަމަށާއި އެމަނިކުފާނު އުޅުއްވީ އެމްއެމްޕީއާރުސީން ލިބުނު ޑޮލަރު މާރުކުރެއްވުމާއި ގުނުއްވުމުގައި ކަމަށް، ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އާދީއްތަ ދުވަހު ބޭއްވި ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ އަޑުއެހުމުގައި ވިދާޅުވެއްޖެ އެވެ.

ކުއްޔަށް ދިނުމަށް އެމްއެމްޕީއާރްސީއަށް ޓޫރިޒަމް މިނިސްޓްރީން ދޫކުރި 10 ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް 10 ދައުވާއެއް ވަނީ ކޮށްފަ އެވެ. ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ނާޖައިޒު ފައިދާ ހޯދައިދިންކަމަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ބޭއްވި އިބުތިދާއީ އަޑުއެހުމުގައި ހުރިހާ ދައުވާއަކަށް، ކުރިން ޓޫރިޒަމް މިނިސްޓަރުކަމުގައި ވެސް ހުންނެވި އަދީބު އިންކާރުކުރެއްވެވި އެވެ. އެއަށް ފަހު އޭނާ ވަނީ ކުރިން ހާމަކުރައްވާފައި ނުވާ ވަރުގަދަ ތުހްމަތުތަކެއް ރައީސް ޔާމީންގެ މައްޗަށް ކުރައްވައި، އެ ވާހަކަތައް ވިދާޅުވެފަ އެވެ.   

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 1.22 ބިލިއަން ރުފިޔާއަށް އަރާއިރު އަދި އެއީ ދިވެހި ދައުލަތުގެ ތެރެއިން ހިންގި އެންމެ ބޮޑު ހިޔާނާތުކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންފައި ވާއިރު، ޝަރީއަތުގެ އަޑުއެހުމުގައި އުމުރުން 36 އަހަރުގެ އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީ އަށް ލިބުނު ޑޮލަރު ޗެކްތައް ދިވެހި ފައިސާއަށް މާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސް ޔާމީން ކަމަށާއި އެ މަނިކުފާނު އެ ފައިސާ ގުނުއްވަމުން ގެންދެވީ ގ. ދޫވެހީގެ ކުޑަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކާއެކުގައި ކަމަށެވެ.

އެކި މައްސަލަތަކުގައި މިހާރު ވެސް 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ އަދީބު ވިދާޅުވީ، ރައީސް ޔާމީން ނޫޓު ގުނުއްވުމުގައި ޝާމިލުވެ އުޅުއްވިއިރު، ގައުމު ހިންގެވީ އޭނާ ކަމަށެވެ. އަދި ބްރިޖަކީ ވެސް އޭނާގެ މަސައްކަތް ކަމަށާއި ޖަލުގައި އޮންނެވި ނަމަވެސް، ބުރިޖް ނިމުމުން އުފާ ކުރައްވާ ކަމަށް އަދީބު ވިދާޅުވި އެވެ.

 "2014 އަދި 2015 ވަނަ އަހަރު އިގްތިސާދު ހިންގަން ހަވާލުކުރީ އަޅުގަނޑާ، ގައުމު ހިންގީ އަޅުގަނޑު،" އޭނާ ވިދާޅުވި އެވެ.

 

ނާއިބު ރައީސްކަމުގެ ހުވާ ކުރެއްވުމަ ފަހު، ފިޝަރީޒު މިނިސްޓަރު ޑރ. ޝައިނީ އަދީބާއެކު ފޮޓޯއެއް ނަންގަވަނީ

ރައީސް ޔާމީންގެ މައްޗަށް ތުހްމަތުކުރެވޭ މި ވާހަކަތައް ނުދެއްކެވުމަށް އިންޒާރު ދެއްވި ކަމަށާއި އެފަދަ ވާހަކަތަކެއް ދައްކަވައިފި ނަމަ ޖަލުގައި މިހާރު ލިބިވަޑައިގަންނަވާ އިނާޔަތްތައް މެދުކަނޑާލާނެ ކަމަށް ވެސް އަންގާފައިވާ ކަމަށް އަދީބު ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ވެސް ވައްކަމާއި ހިޔާނާތުގެ ތުހްމަތު ކުރެވިފައިވާ ރައީސް ޔާމީނުގެ މައްޗަށް ތުހްމަތު ކުރައްވައި ޝަރީއަތުގެ މަޖިލީހުގައި އަދީބު ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ޖަވާބެއް ނުދެއްވި އެވެ.

"ޖަލުގައި ހުންނެވި ބޮޑު ކުށްވެރިއަކަށް ރައީސް [ޔާމީން] ދެއްވާނެ ޖަވާބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މުއާޒު މިހެން ވިދާޅުވިއިރު، މި ސަރުކާރުގެ ވެރިން ހިންގި ކަމަށް ތުހްމަތުކުރާ މާލީ ވައްކަންތަކާއި މަނީ ލޯންޑެރިންގެ މައްސަލަތަކާ ގުޅޭ ގޮތުން އަލްޖަޒީރާއިން އުފައްދާފައިވާ ޑޮކިއުމެންޓަރީ، "ސްޓީލިން ޕެރަޑައިސް" ގައި، ވާހަކަ ދައްކާފައިވާ ބައެއް މީހުން ބުނެފައި ވަނީ އެ މީހުން ކަޅު ދަބަސްތަކުގައި ދޫވެއްސަށް ފައިސާ ގެންދިޔަ ކަމަށެވެ. އަދި ހަލާލު ނޫން ފައިސާ ވަދެފައި ވަނީ ހަމައެކަނި ދޫވެއްސަށް ނޫން ކަމަށް ރައީސް ޔާމީން އެއްބަސްވެވަޑައިގެންނެވިއިރު، އެ މަނިކުފާނުގެ ބޭންކު އެކައުންޓަށް ވެސް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވެ އެވެ. ބޭންކު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު އަނބުރާ ދައުލަތަށް ދެއްކެވިކަން އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނެތެވެ.

 

އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތު

އެމްއެމްޕީއާރުސީ އިން ހިންގީ ދައުލަތުން ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު، ޝަރީއަތުގެ އަޑުއެހުމުގައި ތާކުރާރުކޮށް އަދީބު ވެސް ވިދާޅުވީ މިއީ މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތު ކަމަށެވެ.

ޖަލުގައި އޮންނަވަން ޖެހިވަޑައިގެންފައި ވަނީ ރައީސް ޔާމީނަށް އިހްލާސްތެރިކަމާއެކު ކޮށްދެއްވި މަސައްކަތުގެ ހަދިޔާއެއްގެ ގޮތުންކަން ފާހަގަ ކުރައްވައި، އަދީބު ވިދާޅުވީ ޖަލުގައި އެކަހެރިކޮށްފައިވާތާ 1000 ދުވަސްވެފައިވާއިރު، އޮށޯންނެވުމަށް ހުންނަ އަށީގައި އޮންނަވަން ޖެހެނީ "ގަބުރެހެން" ހަށަން ބަނދެގެން ކަމަށެވެ.  އެހާވެސް ހަނިކަމަށް އޭނާ ވިދާޅުވި އެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާ ސާފުކޮށްދެމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރެސެކިއުޓާ މަލްހާ އަލީ ވިދާޅުވީ އަދީބު މަގާމުގެ ނުޒޫފު ބޭނުންކުރައްވައިގެން ނާޖައިޒް ފައިދާ ހޯދައިދީފައި ވަނީ 100 އިންސައްތަ ހިއްސާވާ އެމްއެމްޕީއާރުސީ ކުންފުންޏަށެވެ. ނަމަވެސް، ޓޫރިޒަމް ޕްރޮމޯޓްކުރަން އުފައްދާފައިވާ އެމްއެމްޕީއާރުސީގެ މެންޑޭޓް ބަދަލުކޮށް، ރަށްތައް ކުއްޔަށް ދެވޭ ގޮތަށާއި އެކިއުޒިޝަންފީ ބަލައިގަނެވޭ ގޮތަށް 2014 ވަނަ އަހަރު ހަމަޖެއްސެވީ ރައީސް ޔާމީން ކަމަށް އަދީބު ވިދާޅުވި އެވެ. ރަށްތަކާއި ފަޅުކުގެ ކުއްޔާއި އެކިއުޒިޝަން ފީ ކުރިން ދައްކަން ޖެހެނީ މީރާއަށެވެ.

ރައީސް ޔާމީންގެ މި ނިންމެވުންތައް ލިޔެކިޔުމުން އެނގެން ހުންނާނެ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

 

އަދީބާއެކު މިނިސްޓަރު ފޮޓޯއަކަށް އިށީނދެ ވަޑައިގެން

އެމްއެމްޕީއާރުސީގެ މައްސަލައަށް ފަހު، މިހާރު ވަނީ ކުރިން އޮންނަ އުސޫލުން ކުއްޔާއި އެކިއުޒިޝަން ފީ މީރާއަށް ދައްކަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

ދިހަ ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް އޭގެ ތެރެއިން ދެ ދައުވާއެއްގައި ބުނެފައިވާ އަމަލު ހިންގާފައި ވަނީ ގާނޫނުލް އުގޫބާތަށް އަމަލު ކުރަން ފެށުމަށްފަހު ކަމަށްވާތީ އެ ދައުވާ ކުރަން ޖެހޭނީ އެ ގާނޫނުގެ ދަށުން ކަމަށް އަދީބުގެ ވަކީލުން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ދައުލަތުން ބުނަމުން ދިޔައީ އެ ދައުވާ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކުރުމަށް ހުރަހެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް އެ ދެ ދައުވާ ކުރުމާމެދު ގާޒީ އާދަމް އާރިފް ވިދާޅުވީ ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ. މިއިން ކޮންމެ ދައުވާއެއް ސާބިތުވެއްޖެ ނަމަ ކޮރަޕްޝަން ހުއްޓުވުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން 3 އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމަށް ނުވަތަ ގޭ ބަންދު ކުރުމަށް ނުވަތަ އަރުވާލުމަށް ހުކުމް ކުރެވިދާނެ އެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން އެއިން ކުށަކަށް އަންނާނެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
22 ޖުލައި 2018 | އާދީއްތަ 12:51
ާޭޢިންސަފް
ކުރީގަ ޢަދިިބުވަ ރެއް ނެއް ޔަަމިނަކަށް ރުފީޔަ ކޮޅު ނުދިނިމަ އަދިބު ވަރު ގެ ގުސް މިހެއްނެއް
22 ޖުލައި 2018 | އާދީއްތަ 10:57
the cat
the cat out of the bag.
22 ޖުލައި 2018 | އާދީއްތަ 07:55
Bulha hajjuvun
Onnaanee raakanimas mihaaru yaameen ah kevifa. Aee miadhu eyna ah libunu aguhuri hadhiyaa eh court in