ކ. މާލެ
|
22 ޖުލައި 2018 | އާދީއްތަ 07:25
އިމްތިޔާޒް ފަހުމީ: އީސީ ބަދަލު ކުރާނަން
އިމްތިޔާޒް ފަހުމީ: އީސީ ބަދަލު ކުރާނަން
އަހުމަދު މުހުސިނު
ފަލަ ސުރުހީ
އިންތިޚާބަށް ދާނީ އީސީ ބަދަލު ކޮށްފައި: އިންތި
ގޭގެއިން ވަރަށް ހޫނު މަރުހަބާއެއް ކިޔާ
ގޭގެއިން ޕީޕީއެމް ދަނީ ފައްސާލަމުން
އިންތިޚާބު މިނިވަންކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން

ސެޕްޓެމްބަރު މަހު 23 ގައި ބާއްވާ ރިޔާސީ އިންތިޚާބަށް ދާނީ އިލެކްޝަންސް ކޮމިޝަން ބަދަލު ކޮށްފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިންތިޚާބުގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލު ކުރައްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާ ވިދާޅުވުން އިންތި މި ތަކުރާރު ކުރެއްވީ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އައިޑީކާޑު ނަމްބަރާއި އެހެނިހެންވެސް ބައެއް ޒާތީ މައުލޫމާތު ޕީޕީއެމަށް ލިބޭ ކަމަށް ކުރާ ތުހުމަތު ތަކާއި ގުޅިގެން ރާއްޖެ ޓީވީއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ އެމްޑީޕީން ރައްޔިތުންގެ ތާއީދު ހޯދަނީ އަދި ރައްޔިތުން އެދޭ ގޮތް ހޯދަނީ އެ ރައްޔިތުންގެ ގާތަށް ގޮސްގެން ކަމަށާއި ގުޅިފައިވާ ޕާޓީތަކުންވެސް މިހާރު ކުރިއަށް ގެންދާ ދޮރުން ދޮރަށް ކެމްޕެއިނަށް ގިނަ ބައެއްގެ ތާއީދު ލިބޭ ކަމަށެވެ. ގޭގެއަށް ދިއުމުން މަރުހަބާ ކިޔާ ކަމަށްވެސް އިންތި ވިދާޅުވިއެވެ.

"އެހެން ނަމަވެސް ސަރުކާރަށް ވާގޮތަކީ، ޕީޕީއެމުން ސެލެކްޓް ކޮށްގެންދާ ގެއެއް ފިޔަވާ ގިނަ ގެތަކަށް ދިޔައިމަ ހަމަ ފައްސާލަނީ. އެހެރީ ބައެއް ވީޑިއޯތަކުން ފެންނަން. މިގެއަށް އައިސްގެން ނުވާނެޔޭ ބުނެ ފައްސާލަނީ.  އެ ދަރަޖައަށް ރަކިކޮށްލާފައި އެބަ ފޮނުވާލާ. އެހެންވީމާ އެބޭފުޅުންނަކީ ރައްޔިތުންނާ ހަމައަށް ގޮސްގެން މައުލޫމާތު ހޯދަން ކެރިވަޑައިގަންނަވާ ބައެއް ނޫން. އެހެންވެ ބައެއް ޒާތީ މައުލޫމާތުތައް ބައެއް މުއައްސަސާތަކުން ފޯރުކޮށްދެމުން ގެންދަނީ" އިންތި ވިދާޅުވިއެވެ.

އިންތިޚާބު އޮބްޒަރވް ކުރުމާ ގުޅޭ ގޮތުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިންތި ވިދާޅުވީ ޔޫރަޕިއަން ޔޫނިއަން ފަދަ ބޭރުގެ މިނިވަން އޮބްޒަރވަރުން އެކަމަށް ގެނެސްފިނަމަ ސަރުކާރުން ބޭނުންވާ ނަތީޖާ ނުނެރެވޭނެކަން ސަރުކާރަށް އެނގޭ ކަމަށާއި އެހެންކަމުން ފަޟީޙަތްވެ ބޭޒާރުވެދާނެތީ އޮބްޒަރވަރުންނަށް ގެންނަނީ ދުވަހަކު އިންތިޚާބު ނުވެސް ބާއްވާ ޤައުމުތަކުގެ އޮބްޒަރވަރުން ކަމަށެވެ.

އިންތި ވިދާޅުވީ އެކަމުގެ ބޭނުމަކީ ރައްޔިތުންނަށް ޙަޤީގަތް އޮޅުވާލުން ކަމަށާއި އެހެން ނަމަވެސް އެއްކަމެއްވެސް އޮޅުވާނުލެވޭނެ ކަމަށެވެ. 

"އިންތިޚާބު ތާރީޚަށް ބޭއްވޭތޯވެސް މަސައްކަތް ކުރާނަން. އަދި މިނިވަން ކުރެއްވޭނޭ މިންވަރަކަށް މިނިވަންވެސް ކުރާނަން. އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށްފައި ރިޔާސީ އިންތިޚާބަކަށް ދާނީ" އިންތި ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް