ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ތާއިދުކުރައްވާ ވިޔަފާރިވެރިން ސިކުޑީގެ ބޭނުން ކުރަންވީ ވަގުތަކީ މިއީ ކަމަށް އެމަނިކުފާންގެ ސަރުކާރުގެ އިންތިޚާބީ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވިލާތުގެ އިއްތިޙާދުން ފާސްކުރި އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފެށުމާ ގުޅިގެން ހޮނިހިރު ދުވަހު ޑރ. ޖަމީލް ކުރެއްވި ޓްވީޓެގައި ވިދާޅުވީ އެ ނިންމުމާ ގުޅިގެން ސަރުކާރަށް ތާއިދުކުރާ ވިޔަފާރިވެރިން ސިކުޑީގެ ބޭނުންކޮށް، ދަތިކުރުމުގެ ލިސްޓުތަކުގައި ނަން ހިމެނުމުގެ ކުރިން ރައީސް ޔާމީނާ ދުރުވެވަޑައިގެންނެވުމަށް ގޮވާލައްވާ ކަމަށެވެ. އަދި ރާއްޖޭގެ ބުރޭޑަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ ސަރުކާރުގެ 'ކްރިމިނަލް' އަމަލުތަށް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
Sarukārah Thāēdhu kurā viyafāri verinnah miee Sikundeege beynun kuran vee vaquthu. Listuthaku gai nan himenumuge kurin YAG āi dhurah vadai gannavā. Rājjeyge Brand ah libunu enme bodu gehllumakee sarukāru ge criminal amaulu thah. https://t.co/0kX54gDdmS
— Mohamed Jameel Ahmed (@MJameelAhmed) July 21, 2018
އިނގިރޭސި ޓްރޭޝަރީގެ ދަށުން ހިންގާ އޮފީސް އޮފް ފައިނޭންޝަލް ސެންކްޝަންސް އިމްޕްލިމެންޓޭޝަނުން މިހާރު ވަނީ މި އޮނިގަނޑަށް އަމަލުކުރަން ފަށާފައެވެ. ވިލާތުގެ އިއްތިޙާދުން ރާއްޖޭގެ ސަރުކާރުގެ އިސް ބޭފުޅުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާއިރު، އެކަމަށް ބޭނުންވާ އޮނގިގަނޑާއި އަޅާނެ ފިޔަވަޅުތައް ވަނީ ފާސްކޮށްފައެވެ. އަދި ފިޔަވަޅު އަޅާނެ ބޭފުޅުންގެ ނަންތައް، ކަންކަން އިސްލާހު ނުވެއްޖެ ނަމަ ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް މައުލޫމާތު ލިބެއެވެ. ވިލާތުގެ އިއްތިޙާދުން ޖުލައި މަހުގެ 16 ވަނަ ދުވަހު އެޅި ފިޔަވަޅުތަކުގެ އޮނިގަނޑަށް އިނގިރޭސިވިލާތުން އަމަލުކުރަން ފަށާފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އިނގިރޭސިވިލާތަކީ މި އޮނިގަނޑަށް އަމަލުކުރަން ފެށި ފުރަތަމަ ޤައުމެވެ. ވިލާތުގެ އިއްތިޙާދުގެ ނިންމުމާ އެކު އެ އިއްތިޙާދުގައި ހިމެނޭ ޤައުމުތަކުން ވަކިވަކިން ރާއްޖެއާ ދެކޮޅަށް ފިޔަވަޅު އަޅަމުން ގެންދާއިރު، ވިލާތުގެ އިއްތިޙާދުގައި ނުހިމެނޭ ވިލާތުގެ އެހެން ޤައުމުތަކުން ވެސް އެއިއްތިޙާދުގެ މިނިންމުމަށް އަމަލުކުރާނެ ކަމަށް ބެލެވެއެވެ.