ކ. މާލެ
|
20 ޖުލައި 2018 | ހުކުރު 10:14
ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު
ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު
ރާއްޖެއެމްވީ
ފަލަ ސުރުޚީ
ޑރ. ޝަހީމަކީ ރައީސް ޔާމީން އުންމީދު ކުރެއްވި ކަހަލަ ބޭފުޅެއް ނޫން: އަބްދުލް ލަތީފް
ރައީސް ޔާމީނު ބޭނުންފުޅު ވަނީ އެމަނިކުފާނު ކުރައްވާ ކަންކަން ސިއްރުކުރައްވާނެ ނާއިބު ރައީސެއް

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަކީ ރައީސް ޔާމީން އުންމީދު ކުރެއްވި ކަހަލަ ރަނިންގ މޭޓެއް ނޫން ކަމަށާއި އެ ބޭފުޅާއަކީ "ހޮޅެއް" ކަމަށް ރައްޔިތުންގެ މަޖްލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވުން އަބްދުއްލަތީފް ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅު ވަނީ އެމަނިކުފާނު ކުރައްވާ ކަންތައްތައް ސިއްރުކޮށް އިތުރުފުޅު ހައްދަވައިގެން ވެސް ދީނީ ގޮތުން އެކަންކަން އެއީ ރަގަނޅު ކަމެއްގެ ގޮތުގައި ދައްކަވާ ވަރުގެ ބޭފުޅެއް ކަމަށެވެ. ނަމަވެސް އެފެންވަރެއް ޝަހީމްގެ ކިބައިގައި ނެތް ކަމަށާއި "ހޮޅެއް" ފަދައިން ބޭރުފުށް ކިތަންމެ ހަރުކޮށް ހުރި ނަމަވެސް ޝަހީމްގެ އެތެރެ ހުރީ ހުސްކޮށް ކަމަށް އަބްދުލް ލަތީފް ވިދާޅުވިއެވެ.

"ރައީސް ޔާމީން ކުރާ ކަންކަން ސިއްރުކޮށްފައި ދީނީ ގޮތުން އެކަން އެއީ ރަގަނޅު ކަމެއްގެ ގޮތަށް ހެދޭ ވަރުގެ ނާއިބް ރައީސެއް ހޯދަން. އެ މަނިކުފާނު ކުރާނީ ގޯސް، ނުރަނގަޅު ކަންތައް. އެކަންތައްތައް ކޮށްފަ، އެ ކަންކަމަކީ ދީނުގަ އެއީ ދިފާއު ކުރެވޭ ކަހަލަ ނާއިބު ރައީސެއް ހޯދަން. އެހެންވީމަ ދީނީ މިކަހަލަ ގޮތަކަށް ވިސްނުމެއްގެ ތެރޭގައި ހޯދަމުން ހޯދަމުން އަތްފުނާ އަޅަމުން ގޮއްސަ މި އަތުޖެހުނީ އަޅުގަނޑު މި ދެންނެވި ރައީސް ޔާމިނުގެ ރަނިންގްމޭޓް ކަމަށްވާ ޝަހީމް" އަބްދުލް ލަތީފް ވިދާޅުވިއެވެ.

ރައީސް ޔާމީން ދިފާއުކުރުމުގެ ގާބިލްކަން އެ ރަނިންގް މޭޓްގެ ކިބައިގައި ނެތުމުގެ ސަބަބުން މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކުރިން ނުވަތަ އިންތިޚާބުގެ ފަހުން ޑރ. ޝަހީމް ބަދަލުކުރައްވާނެ ކަމުގެ ޔަގީންކަން ލިބޭ ކަމަށް ވެސް އަބްދުލް ލަތީފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ރަނިންގ މޭޓެކަށް ޝަހީމް އައްޔަން ކުރެއްވީ ރައީސް ޔާމީންގެ ފެކްޝަނުގެ އެތެރޭގައި މައްސަލަ ހޫނުވެގެން ކަމަށާއި އެހެން ވާން ދިމާވި ސަބަބަކީ، ޔާމީން ފެކްޝަނުގެ އެތެރޭގައި އުފެދިފައިވާ، އަނބިކަނބަލުން ފާތިމަތު އިބްރާހީމްގެ ފެކްޝަނުން ނެރެން ބޭނުންވި ބޭފުޅާއާ މެދު ޔާމީން ފެކްޝަނުގައި ތިބި ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ހިތްހަމަނުޖެހުމުން ކަމަށް ވެސް އަބްދުލް ލަތީފް ވިދާޅުވިއެވެ. މެޑަމް ފާތުންގެ ފަޅިން ބޭނުންވީ މިނިސްޓަރު ސައީދު ނެރެން ކަމަށް ވެސް އަބްދުލް ލަތީފް ވަނީ ވިދާޅުވެފައެވެ.

އަބްދުލް ލަތީފް އިތުރަށް ވިދާޅުވީ ހަގީގަތުގައި ރައީސް ޔާމީނަށް ޕީޕީއެމްގެ ކެންޑިޑޭޓަކަށް ވެސް ނުވެވޭނެ ކަމަށާއި ސަބަބަކީ އެޕާޓީ އާއި އެމަނިކުފާނު ހަވާލް ވެގެން ހުންނެވީ ވަގުތީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވާތީ ކަމަށެވެ. ޕީޕީއެމް ހިންގުމުގައި ބަސް ބުނުމާއި އަމުރު މައުރޫފް ހިންގޭ ފެންވަރުގެ މީހުން ޖަލަށް ލައި ގަދަކަމުން ޕާޓީ އަތުލައިގެންފައި ހުރި ނަމަވެސް އެ ޕާޓީގެ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންތައްތައް ނުކުރެވޭނެ ކަމަށް ވެސް އަބްދުލް ލަތީފް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް ވެސް ފޫ ނުބެދޭވަރުގެ އަނިޔާ ދޭކަން ފާހަގަ ކުރައްވައި ލަތީފް ވިދާޅުވީ މިސަރުކާރުން 50 ބިލިއަން ރުފިޔާއަށް ރައްޔިތުން ދަރަނިވެރި ކުރުވާފައިވާ ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ކޮންމެ މީހެއްގެ ބޮލުގައި އެއްލައްކަ ރުފިޔާ އަށް ވުރެ ބޮޑު ދަރަންޏެއް އެޅުވުން ކަމަށް ވެސް ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް