ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 23:44
އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް
އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންގމޭޓު ފައިސަލް ނަސީމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިހާބު 2018
ފްލެޓްތަކުގެ ހައްގުވެރިންނަށް ފްލެޓް ލިބޭނެ: ފައިސަލް
ތަފާތުކުރުމެއް ނުގެންގުޅޭނަން
ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހުޅުމާލެ އަކީ އަމާން ސިޓީއަކަށް ހަދާނަން
އެކްސިޑެންޓުތައް މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނަން

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ފްލެޓްތަކުގެ ޙައްގުވެރިންނަށް ފްލެޓް ލިބޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި "ޖަޒީރާ ރީރަޖިސްޓްރޭޝަން" ޖަގަހަ ހުޅުވާދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ތަފާތު ކުރުން ނުގެންގުޅޭނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ތަފާތުކުރުން ނުގެންގުޅޭކަން ރައްޔިތުންނަން ހާމަކޮށްދޭނެ ކަމަށެވެ. ފްލެޓް ދިނުމުގައި ގެންގުޅޭ ޝަރުތުތައް ހަމަވާ ރައްޔިތުންނަން ފްލެޓް ލިބިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ

 

"ދިވެހި ރައްޔިތުން ފްލެޓަށް ލީމާ، ފްލެޓް ލިބޭ ފަރާތްތަކަށް ވަކި ވަރަކަށް ޕޮއިންޓް ލިބި، އެމީހަކަށް ފްލެޓް ނުލިބި ދާތަނެން ދުވަހަކު ވެސް ނާންނާނެ،" ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ފައިސަލް ވިދާޅުވިއެވެ.

ޖަގަހަ ހުޅުވާދެއްވުމަށް ފަހު ފައިސަލް ވާހަކަފުޅު ދައްކަވަނީ

ހުޅުމާލެއަކީ ދިވެހި ރައްޔިތުންގެ އުންމީދަތަކާއި ގުޅިފައިވާ ސިޓީއެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ މިއަދު އެ ސިޓީގައި ދިރިއުޅޭ ރައްޔިތުންނަން ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރައްކާތެރިކަމުގެ ޔަގީންކަން ނެތުން ކަމަށެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ވެރިކަމެއްގައި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަން އަމާންކަން ޔަގީންކޮށްދީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. 

"މަގު ރީތިކޮށް ހެދުމުން އަދި ނިމުމެއް ނާދޭ. މަގު ރީތިކޮށް ހަދާފައި، ރީތިކޮށް ދުއްވޭ ގޮތަށް ހަދާފައި، އެ މަގުގައި ސަލާމަތްތެރިކަމާއި އެއްކޮށް ރައްޔިތުންނަން ދަތުރު ކުރެވޭނެ ގޮތަށް އޮތުމަކީ، އެއީ ކުރަން ޖެހޭ ކަމެއް،" ފައިސަލް ވިދާޅުވިއެވެ.

ޓްރެފިކް ފުލުހުން ސްޓިކަރ ޖަހާ މައްސަލައަށް އިޝާރަތްކުރައްވާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ މިހާރު އެކަން ކުރަމުން އަންނަ އުސޫލު ބަދަލުކޮށް، ޓްރެފިކް ފުލުހުންނަކީ ހަމައެކަނި ސްޓިކަރ ޖަހާ ބަޔަކަށް ނަހަދާނެކަމަށެވެ. މިއަދު މާލެ ހުޅުމާލެ، އައްޑޫ، ފުވައްމުލަކުގެ އިތުރުން  ލ. ގަން ފަދަ ބިން ބޮޑު ރަށްތަކުގައި އެކްސިޑެންޓްތަށް މަދުކުރުމަށް އެކަން ކުރެވެން އޮންނަ އުސޫލެއްގެ ދަށުން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ފައިސަލް ވިދާޅުވިއެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާ ފައިސަލް ވާހަކަފުޅު ދައްކަވަނީ

"މިހާރު ދިވެހި ރާއްޖޭގައި އެންމެ ގިނަ އެކްސިޑެންޓުތަކެއް ހިނގަމުންދާ ހުޅުމާލެ، މާލެ، އައްޑޫ ސިޓީ، ލ.ގަން ފުވައްމުލަކު ރައްޔިތުންނަން އަޅުގަނޑު ހަމަ މިފުރުސަތުގައި ދަންނަވާލަން ބޭނުންވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކެއްގެ ވެރިކަމެއްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތެއްދީ އެ އެކްސިޑެންޓުތަށް ވީހާވެސް މަދުކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަމޭ" ފައިސަލް ވިދާޅުވިއެވެ.

"ޖަޒީރާ ރީރަޖިސްޓްރޭޝަން" ޖަގަހަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ވޯޓު ރީރަޖިސްޓްރީ ކުރުމަށް ހާއްސަކޮށްގެން ހުޅުވި ޖަގަހަކައެވެ. މި ޖަގަހަ ހުޅުވި ހަފްލާގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް