ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 22:07
ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު: އޭނާ ހަތަރު މަހަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމްކޮށްފައި
ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު: އޭނާ ހަތަރު މަހަށް ޖަލަށް ލުމަށް މިއަދު ވަނީ ހުކުމްކޮށްފައި
މުރުޝިދް އަބްދުލް ހަކީީމް
ކްރިމިނަލް ކޯޓް
ފުލުހުންނަށް ފިއްލަވައިގެން އުޅުއްވި ކަމަށް ބުނާ މައްސަލައިގައި ހަސަން ސައީދު ހަތަރު މަހަށް ޖަލަށް
މިއީ މި ކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބުގެ މިންވަރު
ހަސަން ސައީދު ހުށައެޅި ބައެއް ހެކިންގެ ހެކިބަސް ނުނަގާ

ކުރީގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުގައި ހުންނެވި ހަސަން ސައީދު، ފުލުހުންނަށް ފިއްލަވައިގެން އުޅުއްވިކަން ސާބިތުވެ އޭނާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން، ފުލުހުން ހަސަން ސައީދު ހޯދަމުންދިޔައިރު އޭނާ ފިއްލައިވެގެން އުޅުއްވި ކަމަށް ބުނެ ދައުލަތުން އުފުލި ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލުމަށް ހުކުމް ކުރީ ބުރާސްފަތި ދުވަހުއެވެ.  ކޯޓުން މި ހުކުމް ކޮށްފައި ވަނީ ފުލުހުން އޭނާ ހޯދަމުންދިޔައިރު ފުލުސް އޮފީހަށް ހާޒިރުވެފައި ނުވަނީ ގަސްތުގައިކަން ދައުލަތުން ހުށައެޅި ހެއްކިންގެ ހެކިބަހުންނާއި ހުށައަޅާފައިވާ އެންމެހާ ކަންކަންމުން ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހުއެވެ.

އެ މައްސަލަ ބެއްލެވި ގާޒީ އަލީ އާދަމް ވަނީ ހުކުމް އިއްވުމުގެ މަޖިލީހުގައި ޝަރީއަތަށް ފާހަގަ ކުރެވުނު ކަންކަން ވެސް އިއްވަވާފައެވެ. މި ގޮތުން ކޯޓު އަމުރެއްގެ ދަށުން ހަސަން ހައްޔަރު ކުރަން އޭނާގެ ފްލެޓަށް ފުލުހުން ގޮސް އޭނާއަށް ގުޅަން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމާއި އެގޭގެ ދޮރު ވައްޓާލައިގެން ވަދެ ފުލުހުން ފާސްކުރި އިރު އެގެއިން އޭނާ ފެނިފައިނުވާކަން ދައުލަތުން ހެކިންގެ ގޮތުގައި ހުށައެޅި ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށް ގާޒީ ވިދާޅުވިއެވެ.  

ހަސަން ސައީދު ހޯދަން ފުލުހުން އޭރު އާންމުކޮށް އިއުލާން ކޮށްފައިވާ ކަން ފާހަގަކުރައްވައި، ގާޒީ ވިދާޅުވީ އެ އެންގުމާ އެއްގޮތަށް ހަސަން އަމަލު ކުރައްވަން ޖެހޭނެ ކަމަށެވެ. ފުލުހުންގެ އެ އެންގުމާ އެއްގޮތަށް އަމަލު ނުކުރެއްވުމަކީ ގާނޫނު ހިންގުމަށް ހުރަސް އެޅުއްވުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ގާޒީ އާދަމް ވިދާޅުވިއެވެ.

މީގެ އިތުރުން ހަސަން ހައްޔަރު ކުރުމަށް ނެރުނު އަމުރު ސުޕްރީމް ކޯޓުން ފަހުން ބާތިލް ކޮށްފައިވާއިރު ގާޒީ ވިދާޅުވީ އެ އަމުރު ބާތިލް ކުރުމާ ހަމައަށް އަމުރުގެ ބާރު ހިނގާނެ ކަމަށެވެ. ގާޒީ ވިދާޅުވީ އެ މައްސަލާގައި ދިފާއީ ހެކިންގެ ގޮތުގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ނަން ހަސަންގެ ފަރާތުން ހުށަހަޅާފައި އޮތަސް، އެ ދެ ބޭފުޅުންނަކީ ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭނެ ފަދަ ބޭފުޅުން ކަމަށް ނުވާތީ އާއި އެ ބޭފުޅުންގެ މައްޗަށް ޖިނާއީ ކުށްތަކެއް ސާބިތުވުމުގެ އިތުރަށް ބޮޑެތި ޖިނާއީ ދައުވާތަކެއް ހިނގަމުންދާތީ އެ ބޭފުޅުންގެ ހެކިބަސް ނުނަގަން ނިންމެވީ ކަމަށެވެ.  

ހަސަންގެ މައްޗަށް އެ ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ދިން ފުރުސަތުގައި ދައުލަތުން އެދުނީ އެ ކުށަށް ގާނޫނުލް އުގޫބާތުގައި އޮންނަ އަސާސީ އަދަބު ކަމަށްވާ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމުގެ އަދަބު ކަނޑައެޅުމަށެވެ. އަދަބު ކަނޑައެޅުމާ ބެހޭ ގޮތުން ހަސަންގެ ވަކީލުން ދެ ހުށަހެޅުމެއް ހުށަހެޅިއެވެ. އެއީ އޭނާ މިހާރު ވެސް ފަސް މަހަށް ވުރެ ގިނަ ދުވަސް ބަންދުގައި ހޭދަކުރައްވާފައި ވާތީ، އަދަބު ކަނޑައެޅިޔަސް ހުކުމުގެ އިތުރު މުއްދަތެއް ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމަކާއި އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލުކޮށް ދިނުމަށް އެދި ހުށަހެޅި ހުށަހެޅުމެކެވެ.

ހަސަން މިހާރު ބަންދުގައި ހުންނެވީ އޭނާގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާއާ ގުޅިގެންނެވެ. ގާޒީ އާދަމް ވިދާޅުވީ ހަސަން ކުރިން ބަންދުގައި ހުންނެވީ އެހެން މައްސަލައެއްގައި ކަމަށް ވާތީ މިއަދު ސާބިތުވި މައްސަލާގައި އޭނާގެ މައްޗަށް ޖަލު ހުކުމުގެ އަދަބު ކަނޑައަޅަން ހުރަހެއް ނެތް ކަމަށެވެ. އަދަބުގެ ބާވަތް ގޭ ބަންދަށް ބަދަލު ކޮށްދެއްވެން ނެތް ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް