ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 19:40
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދަވަނީ
ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބް ކޯޓަށް ހާޒިރުކުރުމަށް ފަހު އަނބުރާ ޖަލަށް ގެންދަވަނީ
މުހައްމަދު ޝަރުހާން
ކުރީގެ ނައިބު ރައީސް އަދީބު
އަދީބަށް ބޭސްފަރުވާ ކަށަވަރުކޮށްދޭން ޖެހޭ: ފައިސަލް
އަދީބް ޖަލަށް ލާފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި
އަދީބުގެ ލޮލަށް ވަނީ ގްލަކޯމާ ޖެހިފައި

ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ބޭސްފަރުވާ ކަށަވަރު ކޮށްދޭންޖެހޭނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ރަނިންގމޭޓް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އަދީބު އެކަހެރިކޮށް ޖަލުގައި ބާއްވާތާ 1000 ދުވަސް ވުމާ ގުޅިގެން ބުރާސްފަތި ދުވަހު ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަސާސީ ޙައްގުތަކުން މަޙްރޫމްކޮށް އަދީބު އެކަހެރިކޮށް ޖަލުގައި ބޭއްވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އިންސާނީ ހަމަތަކާއި ކަރާމާތުގެ ދަށުން އަދީބަށް ލިބިދޭން ލާޒިމްކުރާ ކަންތައްތަކުން މަޙްރޫމްކޮށްގެން ނުވާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ.

 

އަދީބުގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަދީބަކީ އޭނާއާ މިހާތަނަން ދިމާވި ނަފްސާނީ ގޮތުން އެންމެ ވަރުގަދަ ބޭފުޅާ ކަމަށެވެ. އަދި އަދީބުގެ އަސާސީ ޙައްގުތަކަށް އަރައިގެންފައިވާ ދައުލަތުގެ އެންމެހާ ފަރާތްތަކަށް ޙައްގު އަދަބު ދެވޭނެ ކަމަށް ސިރާޖް ވިދާޅުވިއެވެ.  

ދިގު މުއްދަތަކަށް ޖަލަށް ހުކުމްކޮށްފައިވާ އަދީބުގެ ލޮލުގެ ފެނުން ދަށްވަމުން ދާތީ ކަންބޮޑުވުން ފާޅުކުރަމުން އަދީބުގެ އާއިލާއިން ބުނީ އަދީބުގެ ލޮލުގެ ފެނުން ދަށްވަމުން ދަނީ ގްލަކޯމާގެ ސަބަބުން ކަމަށެވެ. އަދީބުގެ ވަކީލުން މީގެ ކުރިން ވެސް ތަކުރާރުކޮށް އެމައްސަލަ ކަރެކްޝަންސްގެ ސަމާލު ކަމަށް ގެނެސް، އަދީބު ޑޮކްޓަރަށް ދެއްކުމަށް އެދިވަޑައިގަތެވެ. އަދި އަދީބު ވެސް ވަނީ އެމަނިކުފާނުގެ ލޮލުގެ ފެނުން އެއްކޮށް ނުގެއްލެނީސް އެކަމަށް ހައްލެއް ހޯދަވައިދެއްވުމަށް ކޯޓުގައި އެދިވަޑައިގެންފައެވެ. ގްލަކޯމާގެ ސަބަބުން ލޮލުގެ ދެފަރާތުގެ ފެނުން މަޑުމަޑުން ގެއްލި، އެއްކޮށް ލޯ އަނދިރިވާ ގޮތްވެއެވެ. މިކަމާ ގުޅޭ މައްސަލަތައް އާއިލާގެ ފަރާތުން ކަމާ ބެހޭ މުވައްސަސާތަކަށް ހުށައެޅުމުން އެ މައްސަތަށް ބަލާ އެދެވޭ ޖަވާބެއް ނުލިބޭކަން ފާހަގަކުރެއެވެ.

އަދީބު ޖަލަށް ލާފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭނާއަށް ވަނީ 33 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް އިއްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް