ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 07:11
އެމްޑީޕީގެ ނައިބް ލީޑަރު ޝިފާޒު ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީގެ ނައިބް ލީޑަރު ޝިފާޒު ވާހަކަފުޅު ދައްކަވަނީ
މުހައްމަދު ފަޒީން
ރިޔާސީ އިންތިޚާބު 2018
އިރު ހަނދާ ތަރިތައް ރައްޔިތުންގެ އުގަށް ވެދުން ކުރިއަސް ރައީސް ޔާމިނަށް ތާއީދު ނުކުރާނެ: ޝިފާޒު
ރާއްޖޭގެ ތާރީހުގައި ދައުލަތަށް އެންމެ ބޮޑަށް ހިޔާނަތްތެރިވި ރައީސް އަކީ އަބްދުﷲ ޔާމިން
ރައީސް ޔާމިން ދައްކަވާ ވާހަކަފުޅުތައް ދިވެހި ރައްޔިތުން އަޑުއަހަން ބޭނުމެއް ނުވޭ

އިރު ހަނދާ ތަރިތައް ރައްޔިތުންގެ އުގަށް ވެދުން ކުރިއަސް ރައީސް ޔާމިނަށް ރައްޔިތުން ތާއީދު ނުކުރާނެ ކަމަށް އެމްޑީޕީގެ ނައިބް ރައީސް ނާއިބުރައީސް މުހައްމަދު ޝިފާޒު ވިދާޅުވުވެއްޖެއެވެ.

ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފާރިސް މައުމޫން ޖަލުގައި އެއް އަހަރު ދުވަސް ވުމާއި ގުޅިގެން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވިދާޅުވީ ރިޔާސީ އިންތިޚާބާއި ދިމާކޮށް ރައްޔިތުންގެ ތާއީދު ލިބޭނެ ކަމަށް ރައީސް ޔާމިން ރަށްރަށަށް ވަޑައިގެން ނަމަވެސް މިހާރު އެ ރައްޔިތުން ކުރަނީ މަލާމަތް ކަމަށެވެ.

ޝިފާޒު ވިދާޅުވީ ކޯފާވެ ހުންނަވައިގެން ރައްޔިތުންނާއި މުޚާތަބު ކުރައްވައި ތަރައްގީގެ ވާހަކަ ދެއްކެވި ނަމަވެސް އެމަޅީގައި ރައްޔިތުން ނުޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ އިރު ހަނދާ ތަރިތައް ރައްޔިތުންގެ އުނގަށް ވެދުން ކުރިއަސް އަބްދުﷲ ޔާމިނަށް ރައްޔިތުން ދެން ތާއީދު ނުކުރާނެ ކަމަށެވެ.

ތަރައްގީގެ ނަމުގައި ނުއަގުގައި މަޝްރޫއުތައް ހިންގާކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ދައުލަތަށް އެންމެ ބޮޑަށް ހިޔާނަތްތެރިވި ރައީސްއަކީ ވެސް ރައީސް ޔާމިން ކަމަށާއި، މިއަދު އެމަނިކުފާނު ދައްކާ ވާހަކަފުޅުތައް އަޑުއަހަން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ތާރީހުގައި ދައުލަތަށް އެންމެ ބޮޑަށް ހިޔާނާތްވި މީހެއްގެ ގޮތުގައި ވަނީ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް. ރާއްޖޭގެ މާލިއްޔަތަށް ހިޔާނަތްތެރިވި މީހަކަށް ވަނީ އަބުދުﷲ ޔާމިންއާ އޭނާގެ ސަރުކާރު. ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑު އަނިޔާ ކުރިމަތި ކުރި މީހަކަށް ވާނީ އަބްދުﷲ ޔާމިންއާ އޭނަގެ ސަރުކާރު. އެހެންވީމަ މިކަންކަމުގެ ހަގީގަތް އެގެންހުރި ހިނދު ރައްޔިތުންގެ ތާއީދެއް ނުލިބޭނެކަން ޔަގީން" ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިޚާބު އޮޅުވާލުމަށް ރައީސް ޔާމިންއާއި އެކުވެ އިލެކްޝަން ކޮމިޝަނުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވާ ކަމަށާއި، ބޮޑުތަނުން ރައީސް ޔާމިން ބަލި ކުރާނެ ކަމަށެވެ. ވައްކަމާއި، އަނިޔާވެރިކަމާއި، ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ނުކުތް ސިޔާސީ ބޭފުޅުންނަށް ޖަލުކުޑަ ކޮޅި ރައީސް ޔާމިން ދެއްކެވި ނަމަވެސް މާދަމާއަކީ މިނިވަން މާހައުލެއްގައި ދިވެހި ރައްޔިތުންނާއެކު އެބޭފުޅުން ދިވެހިރައްޔިތުންނާއެކު މަސައްކަތްކުރާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް