ކ. މާލެ
|
19 ޖުލައި 2018 | ބުރާސްފަތި 01:15
ހުވަދޫ މީހުންނާ ބައްދަލު ކުރުމަށް ޝަހީމް ބޭއްވި ބައްދަލުވުމުގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ
ހުވަދޫ މީހުންނާ ބައްދަލު ކުރުމަށް ޝަހީމް ބޭއްވި ބައްދަލުވުމުގައި ޝަހީމް ވާހަކަފުޅު ދައްކަވަނީ
ޙުސައިން ޙަސަން
ރިޔާސީ އިންތިހާބު 2018
އިދިކޮޅު މީހުންގެ ދެ ފައިގައި ހިފައިގެން ވެސް ވޯޓު ހޯދަން ޖެހޭނެ: ޝަހީމް
ވެރިކަމުގައި އިތުރު 30 އަހަރު ރައީސް ޔާމީން ބަހައްޓަންޖެހޭކަމަށް ޝަހީމް ވިދާޅުވި
އިދިކޮޅު ޕާޓީއެއް ނެތް، މިއަދު އޮތީ ގައުމާ ދެކޮޅު ޕާޓީއެއް ކަމަށް ވިދާޅުވި
ޝަހީމްގެ ވާހަކަތަކަށް ނިހާން ތާއިދު ކުރެއްވި

އިދިކޮޅު ޕާޓީތަކުގެ މީހުންގެ ބުރަކަށީގައި އަތް އަޅައިގެންނާއި އެ މީހުންގެ ދެފައިގައި ހިފައިގެން ވެސް ޕީޕީއެމަށް ވޯޓު ހޯދަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް އެހެން ވިދާޅުވީ ހުވަދު އަތޮޅުގެ މީހުންނާ ބައްދަލު ކުރެއްވުމަށް ޕީޕީއެމްގެ "ރުމާލު 2" ޖަގަހައިގައި ބުދަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްތުގައެވެ. އެ ރަސްމިއްޔާތުގައި ޝަހީމް ވާހަކަފުޅު ދެއްކެވީ ހުވަދޫ ބަހުރުވައިންނެވެ. ޝަހީމަކީ ގއ. މާމެންދޫއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.

ޝަހީމް ވިދާޅުވީ އިދިކޮޅު ސަޕޯޓަރުންނާ ދިމާލަށް އެއްޗެހި ގޮވައިގެން ނުވާނެ ކަމަށާއި އެ މީހުން ވެސް ޕީޕީއެމުން ކުރަމުންދާ ކަންތައްތަކުގެ ތެރެއަށް ވައްދަން ޖެހޭ ކަމަށެވެ.

"އިދިކޮޑު ޕާޓީގެ މީހެންނަގެ ބުރިކަންޓާ އަތާ އޮޑައިގެން ވެސް، ބޮލު އަތާ އޮޑައިގެން ވެސް ދެ ފައި ހިފައިގެންގަސް، އެހެލާނެ ޖެހެންނޭ މީގެ ތެރެއަށް ވަދޮވަންނަން. އެހެލާންނާ ދިމާލަށް އެއްތެތި ކިޔަންނޭ ކަމަކެ ނެތި. އެހެލާނަސް މި ހެޔޮ ކަމުގެ ތެރެއަށް ވަދޮވައިގެން ގޮހޮ، އެހެލާންނަގެ ވޯޓުވަސް ލައިގެން، ބައިވެރިވެގެން އަހަނެ މިގައުމާ ސަލާމަތެ ކަރަންނައު،" ޝަހީމް ވިދާޅުވިއެވެ.

މާނަ: [އިދިކޮޅު ޕާޓީގެ މީހުންގެ ބުރަކަށީގަ، ނުވަތަ ބޮލުގައި އަތް އަޅައިގެން ވެސް، އަދި ދެފައިގައި ހިފައިގެން ވެސް އެ މީހުން ޖެހޭނެ މީގެ ތެރެއަށް ވައްދަން. އެ މީހުންނާ ދިމާލަށް އެއްޗެހި ގޮވައިގެން ނުވާނެ. އެ މީހުން ވެސް މި ހެޔޮ ކަމުގެ ތެރެއަށް ވައްދައިގެން ގޮސް، އެ މީހުންގެ ވޯޓު ހިމަނައިގެން، އަދި ބައިވެރިކޮށްގެން މި ގައުމު ސަލާމަތް ކުރަންވާނީ،]

ރައީސް ޔާމީނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ ކުރިއަށް އޮތް 30 އަހަރު ވެސް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ޔާމީން ބަހައްޓަންޖެހޭ ކަމަށެވެ. ކުރިއަށް އޮތް ރިޔާސީ ދައުރު ފުރިހަމަ ކުރުމަށްފަހު، އިތުރު ދައުރަކަށް ނުކުންނެވުމަށް އެދިވަޑައިގަންނަވާނީ އެމަނިކުފާނުގެ ދެފައިގައި ހިފައި އާދޭސްކޮށްގެން ކަަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"މިއެނެ ދައުރުގައިޔަސް ނޫން ރައީސް ޔާމީން ބާއްނަންވޫ. އަދި 30 އަހަރެ، ރާއްދޭ ވެރިކަމުގައި ރައީސް ޔާމީން ބާއްނަންވޫ. މަ ދުނިޔޭ ހުއްޓީފެހޭ އެކަމާ ކަރަންނޭ. މިއެނެ ދައުރަކަސް ނޫން. އައި އެޔާ ދެފައި ހިފައި އާދޭސް ކަރަންނޭ، އެއާ އެކެދައުރު ވެރިކަމުގައި ހުންނާން. އެޔާ އިސްލާމް ދީނަށް ނަސްރު ދެނެހައި ހިނދަކު ރައީސް ޔާމީން ގާތު އަހަނެ ތިބެންނާ އިރާދެކެރެއްވީފެހޭ،" ޝަހީމް ވިދާޅުވިއެވެ.

މާނަ: [ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަންވީ އަންނަ ދައުރުގައި އެކަންޏެއް ނޫން. އަދި 30 އަހަރު ރާއްޖޭގެ ވެރިކަމުގައި ރައީސް ޔާމިން ބަހައްޓަންޖެހޭ. އަޅުގަނޑު ދުނިޔޭގައި ހުރިއްޔާ އެކަން ކުރާނަން. ފައިގައި ހިފައި އާދޭސްކޮށްގެން އިތުރު ދައުރަކަށް ވެރިކަމުގައި ހުންނަން އާދޭސް ވެސް ކުރާނަން. އިސްލާމް ދީނަށް ނަސްރުދޭހާ ހިނދަކު ރައީސް ޔާމިނާ އެކު، ގާތު އަހަރުން ތިބޭނަން އިރާދަ ކުރެއްވިއްޔާ،]

ޝަހީމް ދެއްކެވި އެ ވާހަކަފުޅަށް ތާއިދު ކުރައްވައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ އެ ރަސްމިއްޔާގައި ވާހަކަފުޅު ދައްކަވާފައެވެ. ގދ. ތިނަދޫއަށް ނިސްބަތްވެވަޑައިގަންނަވާ ނިހާން، ވެސް އެ ޖަލްސާގައި ވާހާކަފުޅު ދެއްކެވީ ހުވަދޫ ބަހުރުވައިންނެވެ.

ނިހާން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންްތިހާބު ރައީސް ޔާމީނަށް ކާމިޔާބު ހޯއްދެވުމަށްފަހު، އިތުރު ދައުރުތަކަށް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަންޖެހޭ ކަމަށާއި އެކަން ވަރަށް ފަސޭހައިން ކުރެވިދާނެ ކަމަށެވެ. އެގޮތުން ގާނޫނުއަސާސީއަށް ކުޑަ ބަދަލެއް ގެނެސްގެން، ބޮޑުވަޒީރުގެ މަގާމުގައި ނުވަތަ ރައީސްގެ މަގާމުގައި ވެސް އިތުރު ދައުރަށް ރައީސް ޔާމީން ބެހެއްޓިދާނެ ކަމަށެވެ.

"އަހަންނަން ބައުތެ އެކަމާ ވަރަށް ފަސޭހައިން ވެންނަން. ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރައްކޫ، ފަހަ އަހަރުގެ ދެ ދައުރެ ކަމަށް. ބޮޑުވަޒީރުގެ ދައުރުގެ ވާހަކައެއް ނެތް ކަނޑައަޅާފައެއް. ހަމަ ކުދެ ކުދެ ބަދަލަކެ ގެނަންތަންނެން ރައީސް ކަމުގައި ވެސް ރައީސް ޔާމީން ބާއިގެން ކަމުގައިޔަސް، އަދި ބޮޑު ވަޒީރުކަމުގެ ކަމުގައި ބާއިގެންގަސް ވެވިޔަންނޭލިކާ ބައުތެ،" ނިހާން ވިދާޅުވިއެވެ.

މާނަ: [އަހަރުމެންނަށް އެބަ އޮތް އެކަން ވަރަށް ފަސޭހައިން ކުރެވެން. ގާނޫނުއަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ދައުރަކީ ފަސް އަހަރުގެ ދެ ދައުރުކަމަށް ބުނެފަިއ އެބަ އޮތް. ބޮޑު ވަޒީރުގެ ދައުރުގެ ވާހަކައެއް ނެތް ކަނޑައަޅާފައެއް. ހަމަ ކުޑަކުޑަ ބަދަލެއް ގެނެސްގެން ރައީސް ކަމުގައި ވެސް، އަދި ބޮޑު ވަޒީރުކަމުގެ މަގާމުގައި ވެސް ބޭންދިދާނެ]

އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަފުޅު ދައްކަވަމުން ޝަހީމް ވިދާޅުވީ އޭނާއަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅުންތަކެއް ހުށަހެޅި ކަމަށާއި ނަމަވެސް މިއަދު ސިޔާސީ އިދިކޮޅު ޕާޓީއެއް އޮތް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. މިއަދު އޮތީ ގައުމާ އިދިކޮޅު ޕާޓީއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ޖުލައި 2018 | ބުރާސްފަތި 12:39
ޢަޅުގަނޑު
މަގުބޫލު ނޫން ޕްރޮޑަކްޓް ތައް ވިއްކަން އުޅުނީމަ ދެފައިގަ ހިފާ އާދޭސް ވެސް ކުރަން ޖެހޭނެ، ހުވާ ހިނިއައްނަނީ
19 ޖުލައި 2018 | ބުރާސްފަތި 03:23
ގުއިއްޒު
ގައުމުގަ އޮތީ ވަގުންނާ އިދިކޮޅު ޕާރޓީއެއް.