ކ. މާލެ
|
18 ޖުލައި 2018 | ބުދަ 16:20
ރައީސް އަބްދުﷲ ޔާމީން: އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވަނީ ސިފަ ކުރައްވާފައި
ރައީސް އަބްދުﷲ ޔާމީން: އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވަނީ ސިފަ ކުރައްވާފައި
ރައީސް އޮފީސް
ރައީސް އަބްދުﷲ ޔާމީން
އަޅުގަނޑު ހައްޔަރު ކުރަން ބަޔަކު ނާންނާނެ، ލިބޭނެ ގެއްލުމެއް ނެތް: ރައީސް ޔާމީން
އިދިކޮޅު ލީޑަރުންނަކީ މުޖުރިމުން ކަމަށް ވިދާޅުވި
އަޅާ ފިޔަވަޅަކުން ވިޔަފާރިވެރިންނަށް ގެއްލުންވާނެ ކަމަށް ވިދާޅުވި
އެ ވާހަކަފުޅުތައް ވިދާޅުވީ ކެލާގައި ވާހަކަފުޅު ދައްކަވަމުން

ރައީސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން ބޭރުގެ ފަރާތަކުން ނާންނާނެ ކަމަށާއި ބޭރުގެ ގައުމަކުން އަދި ޖަމާއަތަކުން އަޅާ ފިޔަވަޅެއްގެ ސަބަބުން އެމަނިކުފާނަށް ލިބޭނެ ގެއްލުމެއް ވެސް ނޯންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ހައްޔަރުކޮށް، ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ ލީޑަރުން ސިފަ ކުރެއްވީ "މުޖުރިމުން"ގެ ގޮތުގައެވެ. އެ ބޭފުޅުން މިނިވަން ނުކުރަނީ މައުސޫމް މީހުން ރައްކާތެރި ކުރުމަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ވިދާޅުވީ ސަރުކާރުން އިދިކޮޅު ފަރާތްތަކަށް ހުށަހަޅާފައިވާ މަޝްވަރާތަކުގައި މުޖުރިމުން ދޫކޮށްލާ ވާހަކަ ދައްކައިގެން ނުވާނެ ކަމަށާއި ދައްކަން ޖެހޭނީ ތަރައްގީގެ ވާހަކަ ކަމަށެވެ.

ރައީސް ޔާމީން އެ ވާހަކަފުޅުތައް ވިދާޅުވީ ހދ. އާއި ހއ. ކުރައްވާ ދަތުރުފުޅުގައި ކެލާއަށް ވަޑައިގެން، އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ހުށަހަޅާފައި ވާތީ، އެކަމަށް ދެކޮޅު ހައްދަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ބޭރުން ބަޔަކު އަޅާ ފިޔަވަޅެއްގެ ސަބަބުން ގެއްލުންވާނީ އެމަނިކުފާނަށް ނޫން ކަމަށެވެ.

"އަޅުގަނޑަކަށް ނުވިސްނޭ، ޝަރުތުތަކެއް ކަނޑައަޅުއްވާފައި، މި ޝަރުތުތައް ފުރިހަމަވިއްޔާ ނޫނީ ތިމަންނަމެން ނުދާނަމޭ ވާހަކަ ދައްކާކަށް. ކީއްކުރަށް ކުރާ ކަމެއްތޯ؟ އެ ޝަތުރުތައް ފުރިހަމަވެއްޖެއްޔާ ދެން ކީއްކުރަންތޯ؟ އީޔޫ ވެސް އަންނަންވީ މިކޮޅަށް. އިންޑިއާ ސިފައިން ވެސް އަންނަންވީ. އެހެންތަންތަނުން ވެސް އަންނަންވީ މިތަނަށް. ކޮންބަޔަކުތޯ ދައުވަތު ދެނީ. ކޮން ބަޔަކަށްތޯ ގެއްލުންވަނީ. ހަމަ ގައިމު ވެސް އެ މީހުންނެއް ނާންނާނެ ރައީސް ޔާމީން ހައްޔަރު ކުރާކަށް. އެހެންވީމާ ޝަހްސީ ގޮތުން، ޒާތީ ގޮތުން އަޅުގަނޑަށް ލިބޭނެ ގެއްލުމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ ބަޔަކު އަޅާ ފިޔަވަޅެއްގެ ސަބަބުން ވިޔަފާރިވެރިންނަށް ރާއްޖެއިން ބޭރަށް ދަތުރު ނުކުރެވި، ވިޔަފާރި ނުކުރެވޭ ގޮތް ވެދާނެ ކަމަށެވެ. ނަމަވެސް އެމަނިކުފާނު އެ ވާހަކަތައް ތަފްސީލުކޮސްދެއްވާފައެއް ނުވެއެވެ.

"އެކަމަކު ރާއްޖޭގެ ވިޔަފާރިވެރިންނަށް ތަންތަނަށް ނުދެވޭ ގޮތް ވުން. ރާއްޖޭގެ ވިޔަފާރިވެރިންނަށް ވިޔަފާރި ނުކުރެވޭ ގޮތް ވުން. އެ ގައުމުތަކުގެ ރައްޔިތުންނަށް ރާއްޖެއަށް ޒިޔާރަތް ނުކުރެވޭނެ ގޮތަށް ފަތުރުވެރިކަން ނުހިންގޭ ގޮތަށް ކަންތައްތަކެއް ކޮށްފިއްޔާ، ކާކަށްތޯ ގެއްލުންވަނީ."

އިދިކޮޅު ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަކީ "އެ މީހުން ވަށައިގެން" ކަސްތޮޅު އެޅިފައި ތިބި ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. ވެރިކަމަށް އެހެން ބަޔަކު އައުމުގެ ކުރިން "އެ މީހުންގެ އަމިއްލަ އަތުން" އެތަނެއް ހަލާކު ވެގެންދާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެ މީހުންގެ އަމިއްލަ އަތުން ތަނެއް ހަލާކުވެގެންދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ ކޮން ބަޔަކަށް އަމާޒު ކުރި ވާހަކައެއް ކަމެއް ނޭނގެއެވެ.

"އެތަނެއް ދެން ހިންގަން ތިބި ބައެއް، އައުމުގެ ކުރިން އެ މީހުންގެ އަމިއްލަ އަތުން އެތަނެއް ހަލާކުކޮށްލަނީ ޗިސްކޮށްލަނީ. އެއީކީ ރައީސް ޔާމީނަށް ދެވޭ ގެއްލުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ބޭރު ގައުމަކުން އަދި ޖަމާއަތަކުން އަޅާ ފިޔަވަޅަކުން ލިބޭނެ ގެއްލުމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވިއިރު، އީޔޫއިން ނިންމާފައި ވަނީ ރާއްޖޭގެ އިންސާނީ އަދި ސިޔާސީ ހައްގުތަކަށް އަރައިގަންނަމުންދާތީ، އެކަމާ ގުޅުން ހުރި މުއައްސަސާތަކާއި އެ ކަންކަމުގައި ބައިވެރިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށެވެ.

ވަގުތުން އަމަލު ކުރެވޭ ގޮތަށް ފާސްފައިވާ އެ ނިންމުމުގެ ސަބަބުން، އީޔޫއިން ކަނޑައަޅާ ރާއްޖޭގެ ސަރުކާރާ ގުޅުންހުރި ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ޔޫރަޕްގެ ގައުމުތަކަށް އެތެރެވުން މަނާކޮށް، އެ މީހުންގެ މުދަލާއި ފައިސާ ހިފެހެއްޓުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް