ފަޅުތެރޭގައި ވަކިން ރަށެއްގެ ގޮތުގައި ހިއްކާ ބިންތަކުގައި 5 އަހަރު ތެރޭ ހިންގާ އެހެނިހެން މަޝްރޫއުތަކަށް އަލުން އީއައިއޭ ހަދަން ނުޖެހޭ ގޮތައް ކަނޑައަޅައި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ޤަވާއިދު 2012 އަށް އިސްލާހު ގެނެސްފިއެވެ.
އެޤަވާއިދުގެ ޖަދުވަލު (ޔ) އަށް ގެނައި އިސްލާހުގައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކާ ނުލައި އެމަޝްރޫޢަކުން ތިމާވެއްޓަށް ކޮށްފާނެ ފާހަގަ ކުރެވޭ ބަދަލުތައް ކުޑަކުރުމަށް އެދިޔާރުގެ ފަރާތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީއަށް ލިޔުމަކުން ހުށަހެޅުމުން ހުއްދަ ދެވިދާނެ މަޝްރޫއުތަކެއް ބަޔާން ކޮށްފައެވެ.
ޤަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވާ އެމަޝްރޫޢުތަކަކީ ބަނދަރު އަދި ނެރު ތިލަވުމުން ފުންކުރުމާއި ގެދޮރު އެޅުމަށް ދޫކޮށްފައިވާ ގޯތިތަކުގައި ހުންނަ ރުއްގަސް އެގެވަޅުގެ ވެރިފަރާތުން ނެގުމާއި، ގެދޮރު އެޅުމަށް ގޯތި ދޫކޮށްފައިވާ ސަރަހައްދުގައި ހިމެނޭ މަގުތަކަށް އަރާފައިވާ ރުއްގަސް ނެގުމާއި، ފެން ނެގުމަށްޓަކައި އެއްގަމުގައި ބޯހޯލް ތޮރުފުން އަދި ގުދުރަތީގޮތުން އުފެދިފައިވާ ރަށްރަށާ ގުޅިގެން އިތުރު ކުރެވިފައިވާ ބިންތަކުގައި އެބިމެއް ހިއްކައި ނިމުނު ދުވަހުން ފެށިގެން 3 އަހަރު ދުވަސްވުމުގެ ކުރިން ހިންގާ މަޝަރޫޢުތަކުގެ ތެރެއިން ތެލާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް ނޫން މަޝްރޫޢުތައް އަދި ފަޅެއްގެ ތެރޭގައި ވަކިން ރަށެއްގެ ސިފައިގައ ހިއްކާފައިވާ ބިންތަކުގައި އެބިން ހިއްކާ ނިމުނު ދުވަހުން ފެށިގެން 5 އަހަރު ދުވަސް ވުމުގެ ކުރިން ހިންގާ މަޝަރޫޢުތަކުގެ ތެރެއިންވެސް ތެލާއި ކެމިކަލް ފަދަ ތަކެތި ބޭނުންކޮށްގެން ހިންގާ މަޝްރޫއުތައް ނޫން މަޝްރޫޢުތަކެވެ.
އެމަޝްރޫއުތަކަށް އިތުރު އީއައިއޭއެއް ހަދަން ނުޖެހޭއިރު އަލުން އީއައިއޭ ހަދަން ޖެހޭނެ މަޝްރޫޢުތަކެއްވެސް ވަނީ ޤަވާއިދުގައި ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ އެމަޝްރޫޢެއްގައި ނުރައްކާތެރި ކެމިކަލް ގެންގުޅޭ މަޝްރޫޢުތަކާއި، އެއްވެސް ބާވަތެއްގެ ތެޔޮ ރައްކާކުރުން ހިމެނޭ މަޝްރޫޢުތަކާއި އެމަޝްރޫޢެއްގައި އިންސިނެރޭޓަރ ހިމެނޭ މަޝްރޫޢުތަކުގެ އިތުރުން އެއްވެސް ބާވަތެއްގެ ވިހަ މާއްދާއެއް ޖައްވަށް ބޭރުވެދާފަދަ މަޝްރޫޢުތައް އަދި ފައިބަރ ކުރުމުގެ އެކި މަސައްކަތްތައް ހިންގޭ މަޝްރޫޢުތަކެވެ.
މި އިސްލާހު މިހާރު ދިވެހި ސަރުކާރުގައި ގެޒެޓްކޮށްފައިވާތީ މި އިސްލާހަށް ޢަމަލްކުރަންވެސް މިހާރު ވަނީ ފަށާފައެވެ. މިއީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާ ބެހޭ ޤަވާއިދު 2012 އަށް އިސްލާހު ގެނައި 4 ވަނަ ފަހަރެވެ.