ކ. މާލެ
|
18 ޖުލައި 2018 | ބުދަ 17:02
އެމްޑީޕީގެ ޗެއަރޕާސަންގެ އިދާރީ އަލީ ނިޔާޒް
އެމްޑީޕީގެ ޗެއަރޕާސަންގެ އިދާރީ އަލީ ނިޔާޒް
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
އިންތިހާބާ ގުޅޭ ސީރިއަސް މައްސަލަތަކެއް ހުށަހަޅައިފި
އިލެކްޝަންސް ކޮމިޝަން ބަދަލުކުރަންޖެހޭ
ވޯޓް އޮޅުވާލާނެ ކަމަށް ތުހްމަތުކުރި

ސެޕްޓެމްބަރު 23 ގައި ބާއްވާ ރިޔާސީ އިންތިހާބާ ގުޅޭ ސީރިއަސް މައްސަލަތަކެއް، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. 

މި ޝަކުވާތައް ގުޅިފައިވާ ޕާޓީތަކުން ހުށަހެޅީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފްއާ ބައްދަލުކުރެއްވުމަށް ފަހު އެވެ. މި ބައްދަލުވުމަކީ ދުރާލާ ރާވައިގެން ބޭއްވި ބައްދަލުވުމެއް ނޫނެވެ. 

އެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ، އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަލީ ނިޔާޒާއި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރު އަހްމަދު ނުޢުމާނާއި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ފެކްޝަންގެ ފަރާތުން މުހައްމަދު ފައިސަލް އާއި، ޖޭޕީގެ އެކްޓިން ލީޑަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ. 

އިލެކްޝަންސް ކޮމިޝަނުގައި ބޭއްވި ބައްދަލުވުމަށް ފަހު ގުޅިފައިވާ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ނިޔާޒު ވިދާޅުވީ އެ ބޭފުޅުންގެ ޝަކުވާތައް ބަލައިގަންނާނެ ކަމަށް ގަބޫލް ނުކުރެއްވޭ ކަމަށާއި ރިޔާސީ އިންތިހާބު މިނިވަންކޮށް ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވެނީ އިލެކްޝަންސް ކޮމިޝަން ބަދަލުކޮށްގެން ކަމަށެވެ. 

"ސެޕްޓެމްބަރު 23 ގެ ކުރިން އިލެކްޝަންސް ކޮމިޝަން ބަދަލުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" ނިޔާޒު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި ގުޅިފައިވާ ޕާޓީތަކުން ހުށަހެޅީ މައިގަނޑު ތިން މައްސަލައެކެވެ. އޭގެތެރޭގައި މަދު ރިސޯޓެއްގައި ވޯޓް ފޮށި ބެހެއްޓުމުން، ގިނަ ބައެއްގެ ވޯޓްލުމުގެ ހައްގު ގެއްލިގެންދާ މައްސަލަ އާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލަކު ފާހަގަޖަހާ ގޮތަށް ހަމަޖެއްސި މައްސަލަ އާއި، ވޯޓް ފޮށި ކައިރީގައި ތިބޭ އޮފިޝަލުން ކަނޑައަޅަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ކަމަށް ތުހްމަތު ކުރެވޭ މައްސަލަ އެވެ. 

ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ހާއްސަ އެހީއަށް ބޭނުންވާ މީހަކު އިހްތިޔާރުކުރާ މީހެއްގެ އެހީތެރިކަން ވޯޓުލުމަށް ހޯދުމުގެ ބަދަލުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ވޯޓް އިލެކްޝަންސުގެ އޮފިޝަލަކު ފާހަގަ ޖަހާގޮތަށް ހަމަޖައްސަނީ ވޯޓް އޮޅުވާލުމަށް ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. 

މިގޮތަށް ބަދަލު ގެނައީ އިންތިހާބާ ގުޅޭ ގޮތުން މަޝްވަރާކުރަން އޮންނަ ގައުމީ ލަފާދޭ ކޮމިޓީގައި ވާހަކަ ދެއްކުމަށް ފަހު ނޫން ކަމަށް ވެސް ޑރ. ހުސައިން ވިދާޅުވި އެވެ. 

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ލިސްޓްގައި 6000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީކޮށްފައިވާއިރު، އިލެކްޝަންސް ކޮމިޝަނުން މިހާރު ހަމަޖައްސާފައިވާ އުސޫލުން، ހާއްސަ އެެހީއަށް ބޭނުންވާ މީހުންގެ އިހްތިޔާރުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ހައްގުން މަހްރޫމުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ ރިސޯޓްތަކުގައި ވޯޓްލުމަށް 2013 ވަނަ އަހަރު ވެސް، ވޯޓްލުމުގެ ހައްގު ލިބިގެންވާ ތިން ޕަސެންޓް މީހުން ރަޖިސްޓްރީ ކުރި ކަމަށެވެ. ގިނަ ރިސޯޓްތަކެއްގައި ވޯޓް ފޮށި ނު ބެހެއްޓުމަށް ނިންމުމުން، ވޯޓްލުމުގެ ހައްގު ގެއްލިގެންދާ މުވައްޒަފުންގެ އަދަދަކީ، ވޯޓްގެ ނަތީޖާ ބަދަލުކުރެވޭނެ ފަދަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ރިސޯޓްތަކުގައި ތިބި ޒުވާން މުވައްޒަފުން ވޯޓް ލުމުގެ ހައްގުން މަހްރޫމުކުރުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ،" އޭނާ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް