ކ. މާލެ
|
18 ޖުލައި 2018 | ބުދަ 19:35
އުރީދޫ އިން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އުރީދޫ އިން ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއެމްވީ
އުރީދޫ މޯލްޑިވްސް
ރާއްޖެއަށް އެއާ އެމްބިއުލާންސެއް ދޭން އުރީދޫ އިން ނިންމައިފި
އުރީދޫ އިން ވަނީ ތިން ސީއެމްބިއުލާންސް ވެސް ދިނުމަށް ނިންމާފައި
އުރީދޫ އިން ވަނީ ދެ އެމްބިއުލާންސް ރާއްޖެއާ ހަވާލުކޮށްފައި

ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ފަރުވާ ހޯދުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް ދަތުރުފަތުރު ކުރުމުގެ މަގު ތަނަވަސް ކޮށްދިނުމަށް އުރީދޫ އިން އިސްނަގައިގެން ރާއްޖެ އަށް އެއާ އެމްބިއުލާންސެއް ހަދިޔާކުރަން ނިންމައިފިއެވެ.

އުރީދޫ އިން މިކަން ހާމަކުރީ ރާއްޖެ އަށް ދެ ސީ އެމްބިއުލާންސް ހަދިޔާކުރުމަށް ބުދަ ދުވަހު އިއްޒުއްދީން ފާލަން ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައެވެ. އުރީދޫ އިން ދެ ސީ އެމްބިއުލާންސް މިއަދު ސަރުކާރާ ހަވާލުކޮށްފައިވާ އިރު އިތުރު ސީ އެމްބިއުލާންސެއް ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ ތިން ސީ އެމްބިއުލާންސްގެ އިތުރުން އެއާ އެމްބިއުލާންސެއް ރާއްޖެއަށް ހަދިޔާކުރަން އެ ކުންފުނިން ނިންމީ އުރީދޫގެ ޗެއާމަން ޝެއިޚް އަބްދުﷲ މުހައްމަދު ބިން އަލްޘާނީގެ ދީލަތި އެހީގެ ދަށުން ކަމަށެވެ.

ރާއްޖެއަށް ތިން ސީ އެމްބިއުލާންސް ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޖީބް އިތުރަށް ވިދާޅުވީ އުރީދޫގެ އެއް އަމާޒަކީ އެ ކުންފުނި އޮޕަރޭޓްކުރާ ގައުމްތައް އިގްތިސޯދީ ގޮތުން ކުރި އެރުވުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އާންމުންނަށް މިވަގުތަށް އެންމެ މުހިއްމު ވަސީލަތަކީ ކޮބައިތޯ ބަލަން ކުރި ދިރާސާއަށް ފަހު އެ ކުންފުނިން ނިންމީ ސިއްހީ ފަރުވާގެ ދާއިރާގައި ގޮންޖެހުންތައް ދިމާވެފައިވާ ދަތުރުފަތުރުގެ ނިޒާމް ކުރިއެރުވުން ކަމަށް ވެސް ނަޖީބް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވި ހެލްތު މިނިސްޓަރު އަބުދުﷲ ނާޒިމް ވިދާޅުވީ އުރީދޫ އިން ހަދިޔާކުރި ތިން ސީއެމްބިއުލާންސްއާ އެކު ރާއްޖޭގައި ޖުމްލަ 29 ސީއެމްބިއުލާންސް އޮންނާނެ ކަމަށެވެ. ރާއްޖޭގެ ސިއްހީ ނިޒާމަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމުގެ މަގްސަދުގައި އެ އެމްބިއުލާންސްތައް ހަދިޔާ ކުރެއްވީތީ މިނިސްޓަރު ވަނީ އުރީދޫއަށް ޝުކުރު އަދާކުރައްވާފައެވެ.

އުރީދޫ އިން މިވަގުތު ދެ ސީ އެމްބިއުލާންސް ރާއްޖެއާ ހަވާލްކޮށްފައިވާއިރު ހަދިޔާކުރަން ނިންމި ތިން ވަނަ އެމްބިއުލާންސް މިއަހަރު ތެރޭ ރާއްޖެއާ ހަވާލްކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ. އަދި އެއާ އެމްބިއުލާންސްއާ މައުލޫމާތު ފަހުން އާންމުކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް