އޯޒޯން ފަށަލައަށް ގެއްލުން ލިބިދާނެ ފަދަ ކެމިކަލް ރާއްޖެއަށް އެތެރެ ކުރެވޭނެ ފަރާތްތައް ދިވެހި ސަރުކާރުގެ ގެޒެޓްގައި ހިމަނާ ޢާއްމު ކުރުމަށް ލާޒިމްކޮށް އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތަކާއި އެމާއްދާތައް އެކުލެވޭ އާލާތްތަކާ ގުޅޭ ޤަވާއިދެއް އެކުލަވާލައިފިއެވެ.
އެޗް.ސީ.އެފް.ސީ އާއި އެޗް.ސީ.އެފް.ސީ ހިމެނޭ ބާވަތްތައް ބޭނުން ކުރުން މެނޭޖްކޮށް ކޮންޓްރޯލް ކުރުމާ ބެހޭ ޤަވާއިދު 2010 އުވާލުމަށް ފަހު އެކުލަވާލި މިޤަވާއިދުގެ ދަށުން އޯޒޯން ފަށަލައަށް ގެއްލުންދޭ ކެމިކަލް މާއްދާތައް އެކުލެވޭ އާލާތްތައް ކުރިއަށް އޮތް މީލާދީ އަހަރުގެ ތެރޭގައި އެތެރެ ކުރެވޭނެ ފަރާތްތަކާއި އެފަރާތްތަކަށް އެތެރެ ކުރެވޭނެ މިންވަރު ކޮންމެ މީލާދީ އަހަރެއްގެ ޑިސެމްބަރު މަހު 31 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށް ޢާއްމުކޮށް އަންގައި އިޢުލާން ކުރަންވާނެ ކަމަށެވެ.
އެޤަވާއިދުގައިވާ ގޮތުން ކުރިއަށް އޮތް އަހަރު ރާއްޖެއަށް އެތެރެ ކުރެވޭނެ އެފަދަ ކެމިކަލް ތަކާއި ރާއްޖެއަށް އެތެރެ ކުރެވޭނެ މިންވަރު އެއަހަރުގެ ޑިސެމްބަރ 15 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީން އިއުލާން ކުރުމުން އެކަމުގެ ކޯޓާއަށް އެދޭ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށާއި ކޯޓާ ދޫކުރާނީ ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ޕްރޮޕޯސަލެއް ހުށަހަޅާ ފަރާތަކަށް ކަމަށެވެ.
ޤަވާއިދާ ޚިލާފަށް އެފަދަ ތަކެތި އެތެރެކުރާ ފުރތަމަ ފަހަރު ކޮންމެ ކިލޯގްރާމަކަށް 1000ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކޮންމެ ކިލޯގްރާމަކަށް 5،000 އަދި ތިންވަނަ ފަހަރަށް އެތެރެކުރާ ކޮންމެ ކިލޯގްރާމަކަށް 8000 ރުފިޔާ ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ހުއްދަ އޮންނަ ފަރާތަކުންވެސް ކޯޓާއަށްވުރެ އިތުރަށް އެތެރެކޮށްފިނަމަވެސް ހަމަ އެއަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.
އެޤަވާއިދުގައި ބުނެފައިވާ ގޮތުގައި ރާއްޖެއަށް އެތެރެކުރުން މަނާ ބާވަތެއްގެ ކެމިކަލް އަދި އެކެމިކަން ހިމެނޭ އާލާތެއް އެތެރެކުރާ ފަރާތެއް ފުރަތަމަ 10،000 ރުފިޔާ، ދެވަނަ ފަހަރު 50،000 ރުފިޔާ އަދި ތިންވަނަ ފަހަރު 100،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.
މިހާރު މިޤަވާއިދަށް އަމަލު ކުރަން ވަނީ ފަށާފައެވެ