ކ. މާލެ
|
18 ޖުލައި 2018 | ބުދަ 07:52
އަހުމަދު އީސަ ރާއްޖެޓީވީގެ
އަހުމަދު އީސަ ރާއްޖެޓީވީގެ
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ވޯޓު ނުލެވޭ ނަމަ އިހުތިޖާޖު ކުރެވޭނެ: އީސަ
މުވައްޒަފުންނަށް ވޯޓުލާން ދިޔުމުގެ އިންތިޒާމް ރިސޯޓްތަކުގެ މެނޭޖްމަންޓުން ބޮޑު ޚަރަދުކޮށްގެން ވެސް ހަމަޖައްސައިދޭން ޖެހޭނެ
އިލެކްޝަންސް ކޮމިޝަނުން ބުނީ ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ މީގެ ކުރިން ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވާތީ، ސެޕްޓެމްބަރު 23 ގައި ވޯޓު ލެވޭނެ ކަމުގެ ޔަޤީންކަން ނެތް މުވައްޒަފުންނަށް އެހައްޤު ހޯދުމަށް އިހްތިޖާޖު ވެސް ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޓޫރިޒަމް އެމްޕްލޯޔީސްގެ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ އެއް ފައުންޑަރ އަހުމަދު އީސަ ވިދާޅުވެއްޖެއެވެ. 

ރާއްޖެ ޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ ސިޔާސީ ޕާޓީތަކުންނާއި ޓުއަރިޒަމް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ ޖަމިއްޔާ، ޓީމް އިން ދައްކާ ވާހަކަ އަޑު ނާހައި، އިލެކްޝަންސް ކޮމިޝަނުން އިތުރު ރަށްރަށުގައި ވޯޓު ފޮށި ބަހައްޓައި ނުދީފި ނަމަ، އެ މުވައްޒަފުންނަށް ވޯޓުލާން ދިޔުމުގެ އިންތިޒާމް ރިސޯޓްތަކުގެ މެނޭޖްމަންޓުން ބޮޑު ޚަރަދުކޮށްގެން ވެސް ހަމަޖައްސައިދޭން ޖެހޭނެ ކަމަށެވެ. 

އެންމެ ހަތް ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ބުނީ ގިނަ ރިސޯޓްތަކުގައި ވޯޓު ފޮށި ނުބަހައްޓަން ނިންމީ މީގެ ކުރިން ދިމާވި ބައެއް މައްސަލަތަކާ ގުޅިގެން ކަމަށެވެ. އެއަށް ރައްދު ދެއްވައި އީސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް އެއްވެސް ރިސޯޓަކަށް އެއްވެސް ހުރަހެއް އެޅޭނެ ޤާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އަދި އެފަދަ މާހައުލެއް އޮތް ކަމަށް ދައްކަން ޓޫރިޒަމް މިނިސްޓްރީ އިން ރިސޯޓްތަކަށް ގުޅައި، އިލެކްޝަންސް ކޮމިޝަނަށް ރިސޯޓްތަކަށް ގުޅުމަށް ފަހު އެރިސޯޓްތަކުގައި ވޯޓު ފޮށި ނުބެހެއްޓޭނެ ކަމަށް އެކޮމިޝަނަށް އެންގުމަށް އިރުޝާދު ދެމުންދާކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށް އީސަ ވިދާޅުވިއެވެ. 

އެހެން ނަމަވެސް އެހެން އެންގުމުގެ ބާރު ރިސޯޓްތަކަށް ނޯންނާނެ ކަމަށާއި، ރިސޯޓްތަކަކީ ޓޫރިޒަމް މިނިސްޓްރީ އިން ކުއްޔަށް ދޫކޮށްފައި ހުންނަ ތަންތަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

އީސަ ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއަކީ އެންމެ ގިނަ މީހުންނަށް ވޯޓު ލެވޭނީ ކޮންތާކު ފޮށި ބަހައްޓައިގެންތޯ ބަލައި، އެކަން ކުރުން ކަމަށާއި، އިލެކްޝަންސް ކޮމިޝަނުން ދައްކަނީ ތާކުންތާކު ނުޖެހޭ ވާހަކަ ކަމަށެވެ. 

މީގެ އިތުރުން ވޯޓުލުމުގެ ހައްޤަކީ އެންމެންނަށް ވެސް ލިބިގެންވާ ހައްޤެއް ކަމަށާއި، ބޮޑު ޚަރަދުކޮށްގެން ވެސް މިހައްޤު ކަށަވަރުކުރަން ރިސޯޓްތަކުގެ މެނޭޖްމަންޓުން އިސްކަން ދޭން ޖެހޭނެ ކަމަށް އީސަ ވިދާޅުވިއެވެ. އަދި އެހައްޤު ނުލިބިއްޖެ ނަމަ އިހްތިޖާޖްކުރުމުގެ ހައްޤު މަސައްކަތްތެރިންނަށް ވެސް އޮންނާނެ ކަމަށް އީސަ ފާހަގަކުރެއްވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވޯޓު ފޮށި ބަހައްޓާނެ ހަތް ރިސޯޓް އިއުލާންކޮށްފައިވާ އިރު، 250 މީހުން ރަޖިސްޓްރީ ނުކުރާ ނަމަ އިތުރު ރިސޯޓެއްގައި ފޮށި ނުބެހެއްޓޭނެ ކަމަށް އެކޮމިޝަނުން ވަނީ ބުނެފައެވެ. އެހެންނަމަވެސް، ވޯޓުލާ އާބާދީގައި 100 ހަމަނުވާ ރަށްރަށުގައި ވެސް ވޯޓު ފޮށި ބަހައްޓާކަން އިދިކޮޅު ފަރާތްތަކުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް