ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 19:28
އެސްއޯ ފުލުހުންތަކެއް އާންމުންނަށް ދިން ކަމަށް ބުނާ އަނިޔާ ފެންނަ ބައެއް ފޮޓޯތައް
އެސްއޯ ފުލުހުންތަކެއް އާންމުންނަށް ދިން ކަމަށް ބުނާ އަނިޔާ ފެންނަ ބައެއް ފޮޓޯތައް
މުހައްމަދު ޝަރުހާން
އެސްއޯ ފުލުހުން
އެސްއޯ ފުލުހުންތަކެއް އިހަވަންދޫއަށް އަރައި، ހިންގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާ ވެއްޖެ
މާރާމާރީ ހިންގީ އެސްއޯ ފުލުހުން: ކައުންސިލް
ކައުންސިލްގެ ދެ މެމްބަރަކަށް އަނިޔާވި
ހަމަނުޖެހުމުގައި ހަތަރު މީހަކަށް އަނިޔާވި

ރައީސް އަބްދުﷲ ޔާމީން އިހަވަންދޫއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް، އެ ރަށަށް ދިޔަ އެސްއޯ ފުލުހުންތަކާއި އާންމުންގެ ބަޔަކާ ދެމެދު ހަމަނުޖެހުމެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އެ ރަށަށް އެސްއޯ ފުލުހުން އަރައި ހިންގީ މާރާމާރީއެއް ކަމަށާއި އެ މާރާމާރީގައި ދެ ކައުންސިލަރަކަށް އަނިޔާވެފައިވާ ކަމަށެވެ. އެގޮތުން ކޯޓު އަމުރަކާ ނުލައި ބަނދަރު ސަރަހައްދުގައި ދެބުރިއަށް ނަގާފައި ހުރި އިމާރާތެއްގެ ކެފޭއަކަށް ވަދެ، ހަމަނުޖެހުން ހިންގައި ހަތަރު މީހަކު އަނިޔާދީފައިވާ ކަމަށް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

އެ ހަމަނުޖެހުންތަކުގައި އަނިޔާވި އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ ރަމީޒު ވިދާޅުވީ ކެފޭއަކަށް ފުލުހުންތަކެއް ވަދެ ހަމަނުޖެހުން ހިންގި ވަގުތު އެތަނުގައި އޭނާ ވެސް ހުރި ކަމަށެވެ. ރައީސް ޔާމީން އެ ރަށަށް ވަޑައިގެންނެވި ވަގުތު ކެފޭ ތެރޭގައި ތިބި ޒުވާނުންތަކެއް، ފޮޓޯ ނެގުމުން އެސްއޯ ފުލުހުން އެކަމާ ރުޅިގަދަވެ، ކެފޭ ތެރޭގައި ތިބި މީހުން ނުކުތުމަށް އެންގި ކަމަށާއި އެއާއެކު ހަމަނުޖެހުން ހިނގި ކަމަށް އަލީ ރަމީޒު ވިދާޅުވިއެވެ.

އިހަވަންދޫގައި އެސްއޯ ފުލުހުން-- ފޮޓޯ/ރާއްޖެއެމްވީ

އޭނާ ވިދާޅުވީ އެ ހަމަނުޖެހުންތަކުގައި އެސްއޯ ފުލުހުން އޭނާގެ ބުރަކަށީގައި ފައިން ޖަހައި، ކެެފޭގެ ސިޑިމަތިން ވެސް ވައްޓާލާފައިވާ ކަމަށެވެ.

"ބުރަކަށީގައި ފައިން ޖަހައި، ގަޅުވާ ކޮއްޕާލި. މައިބަނދައަށް ވަރަށް ބޮޑަށް އަނިޔާ ވެސްވި. ސިޑި މަތިން ކޮއްޕާލައި އަނިޔާ ދިން،" އިހަވަންދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.

އެ ހަމަނުޖެހުންތަކުގެ ފޮޓޯ ނަގައި ވީޑިއޯ ކުރި ޒުވާނެއްގެ ފޯނު ފުލުހުން ވަނީ އަތުލައި، އެ ފޮޓޯތައް ޑިލީޓް ކުރުވާފައެވެ. އެ ރަށަށް އެރި އެސްއޯ ފުލުހުން އާންމުންނާ މުހާތަބު ކުރީ ހަޑިހުރުތު ބަހުން ކަމަށާއި ޒުވާނުންތަކެއް އެ ރަށުގެ ގޯޅިގަނޑަކަށް ވައްދައި އަނިޔާ ކުރި ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ރާއްޖެއެމްވީއަށް ބުންޏެވެ.

އިހަވަންދޫގައި ހިނގި ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދާލަން ގުޅާލުމުން، ފުލުހުންގެ މީޑިއާއިން ބުނީ އެކަން ހިނގާފައިވާ ގޮތް ބަލާފައި ޖަވާބު ދޭނެ ކަމަށެވެ.

ރައީސް ޔާމިން ތިލަދުއްމައްޗަށް ކުރައްވާ ދަތުރުފުޅުގައި އިހަވަންދޫއަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އެ ދަތުރުފުޅުގައި ހަނިމާދޫއަށާއި ނޮޅިވަރަމާއި ހޯރަފުއްޓަށް ވެސް ވަނީ ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް