ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފިއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު އިސްކަންދަރު ބިލްޑިންގގައި އޮތް މި ރޯލްކޯލްގައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒް އާއި ކްރައިމް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު އާއި އެކޮމާންޑްގެ އިސްވެރިންނާއި ކޮމާންޑްގައި ހިމެނޭ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިންނާއި އެޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.
މި ރޯލްކޯލް އިންސްޕެކްޓްކޮށްދެއްވާފައިވަނީ ލޮޖިސްޓަކަލް ސަރވިސަސް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް މަނިކު އެވެ. މި ރޯލްކޯލްގައި ވަނީ ޔުނީފޯމާއިބެހޭ ގަވާއިދާ އެއްގޮތަށް ތައްޔާރުވެފައި ވެފައިވޭތޯ ބެލުމާއި ފުލުހުންނާ ހަވާލުކޮށްފައިވާ ޔުނީފޯމް އައިޓަމްތައް ހަމަތޯ ބަލާފައިވެއެވެ.
މި ރޯލްކޯލްގައި މުވައްޒަފުންނާ މުހާތަބަކުރައްވައި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި ޔުނީފޯމް އެޅުމުގައި ޔުނީފޯމާބެހޭ ގަވާއިދާ އެއްގޮތްވާގޮތަށް ތައްޔާރުވުމަކީ މުހިންމުކަމެއް ކަމަށާއި ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ކޮންމެ އަހަރަކު ދެ ފަހަރު މިފަދަ ރޯލްކޯލްއެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ނަވާޒު ވިދާޅުވި އެވެ.
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ބެއްވި މި ރޯލްކޯލްއަކީ އެކޮމާންޑުގައި މަސައްކަތްކުރާ މުވައްޒަފުން ޔުނީފޯމްއެޅުމުގައި ގަވާއިދާ އެއްގޮތްވާގޮތަށް ޔުނީފޯމް އަޅަމުންދޭތޯ ބެލުމާއި ޔުނީފޯމް އައިޓަމްސްތައް ހަމަތޯ ބަލައި ޔުނީފޯމާބެހޭ ގަވާއިދާ އެއްގޮތަށް ޔުނީފޯމްއެޅުމަށް މުވައްޒަފުންނަށް ބާރުއެޅުމުގެ ގޮތުން ބޭއްވި ރޯލްކޯލްއެއް ކަމަށް ފުލުހުން ބުނެއެވެ.