ކ. މާލެ
|
17 ޖުލައި 2018 | އަންގާރަ 08:45
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ރިޔާސީ އިންތިޚާބު 2018
200 މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭ، އެކަމަކު ރިސޯޓުތަކުގައި ނުބެހެއްޓޭ!
2013 ވަނަ އަހަރު 56 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓި
120 ރިސޯޓުގައި 27 ހާހަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރޭ

ދުއިސައްތަ މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބަހައްޓާ ކަމަށާއި، އެހެން ނަމަވެސް ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާނީ 250 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކުރުމުން ކަމަށް އެންގުމުން ރިސޯޓްތަކުގެ މުވައްޒަފުން ކަންބޮޑުވުން ފާޅުކުރަމުން އެބަދެއެވެ. 

އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައިވާ ގޮތުގައި މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައިވަނީ އެންމެ ހަތް ރިސޯޓުގައެވެ. ރިސޯޓުތަކުގެ ބައެއް މުވައްޒަފުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ރިސޯޓްތަކުގައި ތިބި އެތައް ހާސް ދިވެހިންގެ ވޯޓުލުމުގެ ހައްޤު އިލެކްޝަންސް ކޮމިޝަނަށް ނަގައި ނުލެވޭނެކަމަށެވެ. އަދި 200 މީހުން ހަމަނުވާ ރަށްރަށުގައި ވޯޓު ފޮށި ބެހެއްޓޭ ފަދައިން ރިސޯޓުތަކުގައި ވެސް ވޯޓު ފޮށި ބެހެއްޓެން ޖެހޭނެކަމަށާއި، މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގައި ތިއްބެވި މެމްބަރުން ވެސް އެކަން ކުރެއްވިކަމަށް ރޮޒައިނާ ފާހަގަކުރެއްވިއެވެ. އެކަން ނުކުރެވޭ ނަމަ ކޮމިޝަންގައި ތިއްބެވި މެމްބަރުން އިސްތިއުފާ ދެއްވުމަށް ވެސް ރޮޒައިނާ ގޮވާލެއްވިއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވެސް ވަނީ މިމައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެންމެ ފަހުން 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް 56 ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓި އިރު، މިއަހަރު އެންމެ 7 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓަން ނިންމުމުން އެޖަމްއިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އިންތިޚާބާއި މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ މިފަދަ ކަންކަން ހުއްޓާލައި، އިލެކްޝަންސް ކޮމިޝަންގެ ނިންމުން ވަގުތުން ބަދަލުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ ގޮވާލާފައެވެ. 

ރާއްޖޭގެ 120 ރިސޯޓުގައި 27،837 މުވައްޒަފުން މަސައްކަތްކުރާކަން ފާހަގަކޮށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ މިއީ ރާއްޖޭގެ ވަޒީފާ އަދާކުރާ އާބާދީގެ 14 އިންސައްތަ ކަމަށާއި، އެފަރާތްތައް ވޯޓުލުމުގެ ހައްޤުން މަހުރޫމުކުރުމަކީ އިތުބާރުކުރެވޭ އަދި ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން އޮންނަ އިންތިޚާބެއް ބޭއްވުމާއި ދުރަށް އެޅޭ ފިޔަވަޅެއްކަމަށެވެ. 

އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ނިންމުމަށް ފާޑުކިޔައި، ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް