ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ނޮޅިވަރަންފަރަށް ވަޑައިގެންނެވުމުން އެރަށުގެ ބަޔަކު އިހުތިޖާޖު ކޮށްފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު ވިދާޅުވީ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާކަންހާއިރު މިނިސްޓަރ މުއިއްޒު ނޮޅިވަރަންފަރަށް ވަޑައިގެންނެވި ކަމަށާއި ނަމަވެސް މުއިއްޒު ވަޑައިގެންނެވުމާއި ގުޅިގެން ބަޔަކު މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައި ނުވާކަމަށެވެ.
ރިޔާޒު ވިދާޅުވީ ބަޔަކު މީހުން އެމީހުންގެ ޝުއޫރުތައް ލިޔެފައިވާ އެކިއެކި ބޯޑުތައް ހިފައިގެން މުއިއްޒު ވަޑައިގެންނެވިއިރު ބަނދަރު ސަރަހައްދުގައި އުޅުނު ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކަމަށެވެ.
ރިޔާޒު ވިދާޅުވީ މުއިއްޒު އެރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވަމުންގެންދެވި ކަމަށެވެ.
އިހުތިޖާޖު ކުރި މީހުން ހިފައިގެންތިބި ބޯޑުތަކުގައި ލިޔެފައިވާ ޝުއޫރުތަކުގެ ތެރޭގައި ރައްޔިތުން ނިކަމެތި ހާލަތުގައި ބޭއިތިއްބުމަށްފަހު ސަރުކާރުން ކެމްޕެއިން ދަތުރުތައް ކުރައްވަން ލަދުގަންނަންޖެހޭ ކަމަށްބުނެ ޝުއޫރުތައް ފާޅުކޮށްފައިވެއެވެ. އަދި ރަށުގެ ނަރުދަމާ އާއި ރައްޔިތުންގެ ބޯހިޔާވަހިކަން އަދި ޓްރެއިނިންގ ރިސޯޓް ކޮބައިތޯ ބުނެ އިހުތިޖާޖުކުރި ރައްޔިތުން ވަނީ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފަ އެވެ.
މިނިސްޓަރ މުއިއްޒުގެ އަރިހުގައި އެރަށަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކާއި ބައެއް މެމްބަރުން ވަޑައިގެންނެވި އެވެ.