ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 22:34
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް
އިލެކްޝަންސް ކޮމިޝަނުގެ ޕްރެސް ކޮންފަރެންސް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
ރިސޯޓުތަކުގައި ފޮށިތައް ބެހެއްޓުމުގެ ސީލިންގ ބޮޑުކުރީ ފާއިތުވެދިޔަ އިންތިހާބުތަކުގައި ބައެއް ރިސޯޓުތަކުން އެއްބާރުލުން ނުލިބުމުން: އީސީ
ވޯޓު ފޮށި ބަހައްޓަނީ 250 މީހުން އެ ރިސޯޓެއްގައި ރަޖިސްޓްރީ ކުރުމުން
މިދިޔަ އިންތިހާބުތަކުގައި 100 މީހުން ރަޖިސްޓްރީ ކުރުމުން ވޯޓު ފޮށި ބެހެއްޓޭ
މިބަދަލުގެ ސަބަބުން ވޯޓުލުމަށް އެއްވެސް ހުރަހެއް ކުރިމަތިނުވާ ކަމަށް އީސީން ބުނޭ

ރިސޯޓްތަކުގައި ވޯޓު ފޮށިތައް ބެހެއްޓޭ ވަރު މަދު ކުރީ މިފާއިތުވެދިޔަ ފަހަރު ތަކުގައި ބައެއް ރިސޯޓުތަކުން ވޯޓުލުމުގައި ކުރިމަތިވި ދަތިތަކުގެ ސަބަބުން ކަމަށާއި މިބަދަލު ގެނައި ނަމަވެސް ރިސޯޓްތަކުގައި ތިބޭ ފަރާތްތަކަށް ވޯޓުލުމަށް އެއްވެސް ދަތިކަމެއް ކުރިމަތި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، ހަތް ރިސޯޓުގައި ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައެޅީ ވޯޓުލުމަށް ކުރިން އިން މިންގަނޑު ބަދަލު ވުމުގެ ސަބަބުން ކަމަށެވެ. މިފާއިތުވެދިޔަ އަހަރުތަކުގައި ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ 100 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާ މުއްދަތުގައި މަދުވެގެން 250 މީހުން ރަޖިސްޓަރީވެފައިވާ ރިސޯޓްތަކުގައި ވޯޓުފޮށި ބަހައްޓަން ކަނޑައަޅާފައި ކަމަށް ވިދާޅުވިއެވެ.

"ވޯޓު ފޮށި ބެހެއްޓުމަށް ކަނޑައަޅާފައިވާ ސީލިންގ ބޮޑު ކުރުމަށް ނިންމީ މިފާއިތުވެދިޔަ އިންތިހާބުތަކުގައި ކަންކަން ކުރިމަތިވި ގޮތުން. މިދިޔަ ކައުންސިލް އިންތިހާބުގައި  ވޯޓުލުން ފެށުން ފަހުން ބައެއް ރަށްރަށުގައި ވޯޓު ފޮށި ހުރި ތަން ބަދަލު ކުރަން ޖެހުން ފަދަ ކަންކަން ކުރިމަތިވި."

އަކްރަމް ވިދާޅުވީ މިބަދަލު ގެނެވުނު ނަމަވެސް ވޯޓުލުމަށް އެއްވެސް ރައްޔިތަކަށް ހުރަހެއް ނެތް ކަމަށާއި ރިސޯޓުތައް ކައިރީގައި އޮންނަ ރަށްރަށުގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ. އަދި ރިސޯޓުތަކުން އެފަދަ ރަށްރަށަށް ދިއުމުގައި ހުރަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

 މިދިޔަ ރިޔާސީ އިންތިހާބުގައި 40 ރިސޯޓުގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ. ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ހަތް ރިސޯޓެއްގައި ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިވެއެވެ. އެގޮތުން ކުރަމަތި އައިލެންޑް ރިސޯޓާއި ކޮންރަޑް މޯލްޑިވްސް ރަންގަލި އާއި ސަން އައިލެންޑް ރިސޯޓާއި ބަނޑޮސް މޯލްޑިވްސް އާއި ޕެރެޑައިސް އައިލެންޑް ރިސޯޓު އެންޑް ސްޕާ އާއި ކުރެއްދޫ އައިލެންޑް ރިސޯޓު އާއި ދަ ސަން ޝިޔާމް އިރުފުށި މޯލްޑިވްސް ހިމެނެއެވެ.

 ރިސޯޓުތަކުގައި ބެހެއްޓޭ ވޯޓު ފޮށިތައް މަދު ކުރުމާ ގުޅިގެން ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުންވަނީ މިއީ ވޯޓުލުމުގެ ފުރުސަތު އާންމުންނަށް ހަނި ކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް