ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 16:25
ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުން މީޑިއާއަށް މައުލޫމާތު ދެއްވަނީ--
ގޮނޑި ގެއްލުނު ކަމަށް ބުނާ ބައެއް މެމްބަރުން މީޑިއާއަށް މައުލޫމާތު ދެއްވަނީ--
ރާއްޖެއެމްވީ
12 މެމްބަރުންގެ ގޮނޑި
12 މެމްބަރުންގެ ގޮނޑީގެ ހުކުމް ބުރާސްފަތި ދުވަހު
ހުކުމް ކުރުން އޮތީ ބުރާސްފަތި ދުވަހުގެ 1:30ގައި
1 ފެބްރުއަރީގެ އަމުރާ ގުޅޭ މައްސަލައެއް
މައްސަލަ ބައްލަވަނީ ކޯޓުގެ ފުލް ބެންޗުން

ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލައިގެ ހުކުމް ކުރުން ބުރާސްފަތި ދުވަހަށް ތާވަލު ކޮށްފިއެވެ.

ބުފާސްފަތި ދުވަހަށް ތާވަލުކޮށްފައި ވަނީ 12 މެމްބަރުންގެ ގޮނޑީގެ ސައްހަކަން ކަށަވަރުކޮށް، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުމަށް އެކެއް ފެބްރުއަރީގެ އަމުރުގައި ބަޔާން ކުރާ ކަންކަމާ ގުޅިގެން، ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލައިގެ ގޮތް ނިންމުމެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަހަރުގެ ފެބްރުއަރީ މަހު އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކަށް ވަޑައިގަތުން ހުއްޓުވުމަށް ވަގުތީ އަމުރެއް ވަނީ ނެރެފައެވެ. އެ އަމުރަށް ފަސް މަސް ވެގެންދާއިރު، ސުޕްރީމް ކޯޓުން މިހާތަނަށް ބާއްވާފައި ވަނީ ދެ އަޑުއެހުމެކެވެ.

ސަރުކާރު ހިންގާ ޕާޓީން ވަކިވެވަޑައިގެންނެވި އެ 12 މެމްބަރުން، ގުޅިފައިވާ އިދިކޮޅު ޕާޓީތަކާ އެކު މަސައްކަތް ކުރައްވަން ފެއްޓެވުމާ އެކު، އެ މެމްބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރި ކުރުން ހުއްޓުވާފައިވާތާ އަހަރަށް ވުރެ ގިނަ ދުވަސް ވަނީވެފައެވެ.

ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައި ބުނެފައި ވަނީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުކޮށްފައިވާ މެމްބަރުންތަކެއް އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް، އެކަން އިއުލާންކޮށްފައިވާ ކަމާއި އެ މެމްބަރުން، މަޖިލިސް މެމްބަރު ކަމުން ވަކިވެފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާތީ، އެ ފަރާތްތަކަށް މަޖިލީހުގެ މެމްބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ހައްގު ލިބިގެންވާ ކަަމަށެވެ. 

ސުޕްރީމް ކޯޓުގެ އަމުރުގައި އެހެން ބުނެފައިވާ ބައިތައް ބާތިލު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ހުށަހެޅި މައްސަލާގައި ގޮތެއް ނިންމައި، ހުކުމް ކުރުމަށް ތާވަލުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 1:30އަށެވެ.

ބާރަ މެމްބަރުންގެ ގޮނޑީގެ މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ.

ބާރަ މެމްބަރުންގެ ގޮނޑިއާ ގުޅޭ އިތުރު މައްސަލަތަކެއް ވެސް ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅާފައެވެ. އެއީ 12 މެމްބަރުން ވަކިވަކިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކެވެ. ނަމަވެސް އެ މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް