މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ރިޔާސީ ޓިކެޓްގައި ވާދަ ކުރައްވަން ނިންމަވާފައިވާ އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ކޯލިޝަނުގެ ހިމެނޭ ޕާޓީތަކުން ވަނީ ތާއީދު ކޮށްފައެވެ. އެއާއެކު އެމަނިކުފާނު ވަނީ ކެމްޕެއިންގެ ދަތުރުތައް އަތޮޅުތެރެއަށް ވެސް ފައްޓަވާފައެވެ. އެންމެ ފުރަތަމަ އެމަނިކުފާނު ވަޑައިގެންފައި ވަނީ އައްޑޫ ސިޓީއާއި ފުވަމުއްލަކު ސިޓީއަށެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް އެ ދެ ސިޓީއަށް އެމަނިކުފާނު ވަޑައިގެން ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު އެމަނިކުފާނުގެ ފަރާތުން ފެނުނު މިޒާޖާއި ސިފަތައް އާންމު ރައްޔިތުންނަށް ކަމުދިޔަ ތޯ މިއީ ބައެއް މީހުން އުފައްދާނެ ސުވާލަކަށް ވެދާނެ އެވެ.
މި ދަތުރުގައި ބައިވެރިވެ އެމަނިކުފާނުގެ ކެމްޕެއިން ހަރަކާތް ބަލާލަން ލިބުނު މީހެއްގެ ގޮތުން އިބޫގެ ދަތުރުގައި ފާހަގަ ކޮށްލެވުނު ބައެއް ކަންކަން މި ރިޕޯޓުގައި ހިމަނާލާނަމެވެ. މި ކަންކަމުގެ ތެރޭގައި ބައެއް މީހުނަށް ކަމުދާ ނުވަތަ އަނެއް ބަޔަކަށް މާ ގަޔާ ނުވާ ކަންކަން ވެސް ހުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އައްޑޫ އަދި ފުވަމުއްލަކު ސިޓީއަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެ ސިޓީގެ ގިނަ ބަޔަކު ނިކުމެ ހޫނު މަރުހަބާ އެއް ކިޔެވެ. އެތައް ބައިވަރު މީހުނެއް ސަފުހަދައިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނިކުމެ ތިއްބެވި ނަމަވެސް އެ ހުރިހާ އެންމެންނާ އެމަނިކުފާނު ސަލާމް ކުރައްވާ ނިންމަވާލެއްވިއިރު އެންމެ ފަހު މީހާއާ ސަލާމް ކުރެއްވިއިރެކޭ އެންމެ ފުރަތަމަ މީހާއާ ސަލާމް ކުރެއްވިއިރަކޭ މާ ބޮޑު ތަފާތެއް އެމަނިކުފާނުގެ މޫނުމަތިން ނުފެނުނެވެ. ކޮންމެ މީހަކާ ވެސް ހިނިތުންވެ ހުންނަވައި ސަލާމް ކުރައްވަނީ ބުނެލަން ބޭނުންވާ ކޮންމެ އެއްޗެއް އެމީހުނަށް ބުނެވޭނެ ފުރުސަތު ދީ އަދި ފޮޓޯއެއް ނަގާލަން އެދޭ މީހާއާ އެކު ފޮޓޯއެއް ނަގަން ފުރުސަތު ދީގެންނެވެ.
ދެން ފާހަގަ ކުރެވުނު އަނެއް ކަމަކީ އެމަނިކުފާނު ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ބަހައްޓަވާ އޯގާތެރިކަމެވެ. ތުއްތު ކުއްޖަކު ފެނިއްޖެ ނަމަ ކޮލުގައި އިނގިލި ކުރިން ކޮއްޓާލާ ނުވަތަ ކޮލުގައި ހިފާލާފައި ވަޑައިގަންނަވަނީ އެއް ނޫނެވެ. އޭގެ ބަދަލުގައި ތުއްތު ކުއްޖަކާ ބައްދަލުވެއްޖެ ނަމަ އުރުއްވާލައްވަ އެވެ. ކުޑަކުދިންނާ "ދޯޅަ" ގޮތެއް ހުންނަކަން އެމަނިކުފާނުގެ ހަރަކާތްތަކުން ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން އެކުދިންގެ މައިންބަފައިންނަށް އުފާވެރިކަމުގެ އިހްސާސް ކުރެވޭ ކަން އެމީހުންގެ މޫނުމަތިން ފާޅުވެއެވެ.
އައްޑޫ ސިޓީ މަރަދޫގައި ބައެއް ގެތަކަށް އިބޫ ވަޑައިގެންނެވުމަށް ފަހު ފުވަމުއްލަކު ސިޓީއަށް ވަޑައިގަތުމަށްޓަކައި ބަނދަރަށް ވަޑައިގަތުމަށް ކާރަށް އަރާ ވަޑައިގަންވަން ހިންގަވާފައި ވަޑައިގެން ވަގުތު އެ ބޭފުޅުންގެ ކުރިމަތިން ހިނގާފައި ދިޔަ ދުވަސްވީ މީހަކު އައިސް އިބޫ އާ ބައްދަލުކުރިއެވެ. އަދި އެމީހާ އިބޫ ބައްދަލުވުމުން ދާން ދިޔަ ކޮޅު އަނބުރާލާފައި އިބޫގެ އަތުގައި ހިފައިގެން އިބޫ އެކު ދާން ބޭނުންވިއެވެ. އެއާއެކު އިބޫ އެމީހާގެ އަތުގައި ހިފައިގެން މަޑު މަޑު ހިނގުމެއްގައި ކުރިއަށް ވަޑައިގެންނެވި އެވެ. އެއީ އިބޫ ދުވަސްވީ މީހުންނާ ކުރިމަތިލެއްވި ގޮތެވެ. ފޫހި ކަމެއް ނެތި ދުވަސްވީ މީހުންގެ ވާހަކަތައް ސަމާލުވެ އެ އަޑު އައްސަވާއިރު އެމަނިކުފާނުގެ އޯގާތެރިކަން ފެނެ އެވެ.
މި ދަތުރުގައި އިބޫ ވަޑައިގެން ބައްދަލު ކުރެއްވި ބައެއް މީހުންނަކީ ނިކަމެތި ހާލެއްގައި އުޅެމުންދާ ނުވަތަ ކޮންމެ ވެސް ބައްޔެއް ތަހައްމަލު ކުރަން ޖެހިފައިވާ މީހުންނެވެ. ދައުލަތުގެ އެހީތެރިކަމާ އަޅާލުން ބޭނުންވާ އެތަކެއް ބަޔަކާ އިބޫ ބައްދަލު ކުރެއްވި އެވެ. އެމީހުންގެ ހާލަތު އެނގުމުން އެންމެ ފުރަތަމަ ވެސް އިބޫ ކުރައްވާ ސުވާލަކީ އެ ބޭފުޅުންގެ ވެރިކަމެއްގައި ކޮށްދޭންވީ ކަމަކީ ކޮބައިތޯ އެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާ ގޮތް ރަނގަޅުތޯ އެންމެ އާދައިގެ ރައްޔިތު މީހާ ކިބައިން ވެސް އެމަނިކުފާނު އައްސަވަ އެވެ.
މީހުންނާ ބައްދަލު ކުރައްވާއިރު އެއީ ކޮން ފިކުރެއްގެ ކޮން ބައެއް ތޯ އެމަނިކުފާނު ނާއްސަވަ އެވެ. އެމަނިކުފާނު ހުންނަވާ ސަރަހައްދެއްގައި ފެންނަން ހުރި ކޮންމެ މީހެއްގެ ގާތަށް ވަޑައިގަންނަވަ އެވެ. އެ މީހުން ގާތަށް ވަޑައިގެން ވޯޓެއް ދެއްވާށޭ ވިދާޅުވެ އެތަނަކުން ވަޑައިގަންނަވަނީ އެއް ނޫނެވެ. އޭގެ ބަދަލުގައި އެމަނިކުފާނުގެ ހަމަ އެކަނި އައްސަވަނީ ހާލު ކިހިނެތްތޯ އާއި އެމީހަކު މަސައްކަތް ކުރައްވާ ދާއިރާގެ ވާހަކަތަކެއް ނޫނެވެ. ޝަކުވާއެއް އޮތް ނަމަ އެ ޝަކުވާއެއް ހުށަހަޅަން ފުރުސަތު ދެއްވަ އެވެ. އަދި ކޮންމެ ދާއިރާއެއްގައި މަސައްކަތް ކުރައްވާ ބައެއް ނަމަވެސް އެމީހަކާ ސަލާން ކޮށްލައްވާ ވާހަކަ ދެއްކެވުމުގެ ޝައުގުވެރިކަން އެމަނިކުފާނުގެ ހުންނަކަން މިއިން އެނގިގެންދިޔަ އެވެ.
އައްޑޫ އާއި ފުވައްމުލަކަށް އެމަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި ތިން ދުވަހުގެ ވެސް ބޮޑު ބައެއް ހޭދަ ކުރެއްވީ މީހުންނާ ބައްދަލު ކުރެއްވުމުގައި އެވެ. ރޭގަނޑު އެމަނިކުފާނު ކެމްޕެއިން ޓީމްތަކާއި ބައްދަލު ކުރައްވަ އެވެ. ދުވާލުގެ ވަގުތު މުޅިން ހޭދަ ކުރެއްވީ އާންމު މީހުންގެ ގެތަކަށާއި އެރަށުގައި ހުރި ބައެއް މުހިންމު ތަންތަނަށް ވަޑައިގެން އެތަން ތަނުގައި މައްސަލަތައް ދެނެގަތުމުގަ އެވެ. ކެމްޕެއިން ޓީމުތަކާއި ބައްދަލު ކުރައްވަނީ އެރަށެއްގައި ހުންނަ ޕާޓީ ޖަގަހައިގަ އެވެ. ރައްޔިތުންނާ ބައްދަލު ކުރައްވަނީ ސީދާ އެމަނިކުފާނު އެގެތަަކަށް ވަޑައިގެންނެވެ.
ކުރު ގޮތަކަށް މި ބަލާލީ އެމަނިކުފާނުގެ ފުރަތަމަ ކެމްޕެއިން ދަތުރުން އެމަނިކުފާނުގެ ސްޓައިލް ހުރި ގޮތެވެ. ރިޔާސީ އިންތިހާބުގައި ވޯޓު ދޭނެ މީހާ ކަނޑައަޅާއިރު އެމީހަކު ރައްޔިތު މީހާއާ ކުރިމަތި ގޮތަކީ ވެސް ވަރަށް މުހިންމު ކަމަކަށްވެ އެވެ. އިބޫގެ މި ކެމްޕެއިން ސްޓައިލް ކަމުދޭތޯ ނިންމާނީ އެމީހެކެވެ.