ކ. މާލެ
|
16 ޖުލައި 2018 | ހޯމަ 11:18
މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު
މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު
މުރުޝިދް އަބްދުލް ހަކީީމް
ފަލަސުރުޚީ
މަޝްވަރާ ކުރެވޭނީ މަޝްވަރާ ކުރާނެ މާހައުލެއް އޮވެގެން: މެންބަރު ހުސައިން މުހައްމަދު
މަޝްވަރާއަށް ގޮވާލަނީ ބޭރުގެ މީހުންނަށް ދަޅަ ދެއްކުމަށް
ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ނެތް
ރައްޔިތުންނަށް ސަރުކާރުން އަމަލުކުރާ ގޮތްތައް ވަރަށް ސާފު

މަޝްވަރާ ކުރުމަށް ގޮވާލި ނަމަވެސް މަޝްވަރާއަށް މާހައުލެއް ނެތް ކަމަށާއި މަޝްވަރާ ކުރުމަށް ގޮވާލުމަކީ ބޭރުގެ ފަރާތްތަކަށް ދަޅަ ދެއްކުމަށް ކަމަށް މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ހުސައިން މުހައްމަދު ވިދާޅުވީ، މަޝްވަރާއަށް ގޮވާލާއިރު ދެފަރާތުގެ ދެމެދުގައި ކޮންމެވެސް ވަރެއްގެ އިތުބާރާއި ޔަގީންކަން އޮންނަން ޖެހޭނެ ކަމަށެވެ.

" ވާހަކަދައްކަން އަންނާށޭ ބުނެވިދާނެ. އޭގެ މާހައުލެއް ގާއިމް ކުރަން ޖެހޭނެ. އިތުބާރު އުފެއްދުމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭ. އިދިކޮޅު ފަރާތްތަކަށް ސަރުކާރަށް އެއްވެސް އިތުބާރެއް ނެތް. މިއީ އެއްވެސް ހާލެއްގައި ސަރުކާރުން އިހުލާސްތެރިކަމެއް ނެތި ކުރަށްވާ ކަންކަން." ހުސައިން މުހައްމަދު ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތް ކުރައްވަނީ ގައުމުގެ ހަގީގީ މާހައުލާ ގުޅޭ ގޮތުން އީޔޫއަށް އޮޅުވާލުމަށް ކަމަށާއި އެހެން ނަމަވެސް އެއްވެސް ބައެއް މިކަމެއް ގަބޫލެއް ނުކުރާނެ ކަމަށެވެ.

ހުސައިން މުހައްމަދު ވިދާޅުވީ، ސަރުކާރުން ކުރިމަތިވާ ދަތިތަކާއެކުވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށްގެންދަވާނެ ކަމަށެވެ.

ކުރިމަތިވާ ހުރިހާ ދަތިތަކަށްވެސް ކެރިގެން ކުރިމަތިލައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވައުދުވި ގިނަ ވައުދުތައް ނުފެއްދޭ ކަމަށާއި ރައީސް ޔާމީނަށް ތަރައްގީ ގާއިމް ކުރެވުނު ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

 ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމް ކުރުމުންނޭ ކިޔާފައި ރައްޔިތުން ރައީސް ޔާމީނަށް ވޯޓުދޭން ނުޖެހޭނެ ކަމަށާއި ރައްޔިތުން ވޯޓު ދޭން ޖެހޭނީ ހެޔޮވެރިކަމަކަށް ކަމަށެވެ. މިސަރުކާރަށް ހެޔޮވެރިކަމެއް ގާއިމް ކުރެއްވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް