ކ. މާލެ
|
13 ޖުލައި 2018 | ހުކުރު 18:03
ޕީޕީއެމުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމަށް ފެށި ހަރަކާތުގެ ތެރެއިން
ޕީޕީއެމުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމަށް ފެށި ހަރަކާތުގެ ތެރެއިން
ރާއްޖެ އޮންލައިން
ރިޔާސީ އިންތިހާބު 2018
ޑޯޓުޑޯ ފެއްޓެވި ނަމަވެސް ގޭގެއަށް ޝަހީމް ވަޑަައެއް ނުގެންނެވި!
ހަރަކާތަކީ ވަޒީރުންގެ އިސް ނެންގެވުމެއް: އަބްދުއްރަހީމް
ހުރިހާ ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި
ހަރަކާތުގެ ނަތީޖާ ރަނގަޅުވާނެ: ޝަހީމް

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމުން ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ ހަރަކާތެއް އަނެއްކާ ވެސް ފަށައިފިއެވެ.

ހުކުރު ދުވަހުގެ ހަވީރު ޕީޕީއެމްގެ އޮފީސް ކުރިމަތިން އެ ހަރަކާތް ފެށި ރަސްމިއްޔާތުގައި ޕީޕީއެމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ބައިވެރިވެ ވަޑައިގެންނެވިއެވެ. އެމަނިކުފާނު އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި ނަމަވެސް، މޭލޭގެ ގެތަކަށް ހުކުރު ދުވަހު ވަޑައިނުގަންނަވާނެ ކަމަށް ޕީޕީއެމުން ބުންޏެވެ.

ޕީޕީއެމުން ބުނީ ހުކުރު ދުވަހުގެ ހަވީރު ފެށި ހަރަކާތުގައި އަމަލީ ގޮތުން ޑރ. ޝަހީމް ބައިވެރިވެވަޑައި ނުގެންނެވީ ހުކުރު ދުވަހުގެ ރޭ އިތުރު އިވެންޓަކަށް އެމަނިކުފާނު ތައްޔާރުވެވަޑައި ގަންނަވަމުން ގެންދަވާތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މާލޭގެ ގެތަކަށް ޒިޔާރަތް ކުރުމުގެ އެ "ޕްރޮގްރާމަކީ" ވަޒީރުން އިސްވެ ތިއްބަވައިގެން ފެށި ހަރަކާތެއް ކަމަށެވެ. މާލޭގެ ގެތަކަށް އެ ބޭފުޅުން ވަޑައިގެން، ރައީސް އަބްދުﷲ ޔާމީނަށް އޮތް ތާއިދު އިތުރު ކުރުމަށް ކުރެވެން ހުރި ކަންކަން ޕާޓީން ކުރާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝަހީމް ވިދާޅުވީ މާލޭގެ ގެތަކަށް ފެށި ދޮރުން ދޮރަށް ހަރަކާތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެ ދެނީ މި ހަރަކާތުގެ ނަތީޖާ ވަރަށް ރަނގަޅުވާނެ ކަމަށް. އިރާދަ ކުރެއްވިއްޔާ ވަރަށް އުންމީދު ބޮޑު. ރައްޔިތުންގެ ތާއީދު އިތުރުވަމުންދަނީ. ޑޯޓުޑޯ ހަރަކާތުގައި ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އެދެން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އެ ޕާޓީގެ ނާއިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ޕީޕީއެމުން ކުރިން ކުރިއަށް ގެންދިޔައީ ހަމައެކަނި މާލޭގެ ރައްޔިތުންނާ ބައްދަލު ކުރުމުގެ ހަރަކާތެއް ކަމަށާއި ނަމަވެސް މިހާރު ކުރިއަށް ގެންދާ ހަރަކާތުގައި މާލޭގައި ދިރިއުޅޭ އަތޮޅު ތެރޭގެ ރައްޔިތުންނާ ވެސް ބައްދަލު ކުރާނެ ކަމަށެވެ. އެ ރައްޔިތުންނާ ބައްދަލުކޮށް، ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ޕްރޮމޯޓްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ޕީޕީއެމުން މާލޭގެ ގެތަކަށް ޒިޔާރަތް ކުރަން ފެށުމާ އެކު އާންމުންގެ ކަންބޮޑުވުންތައް "ބަންޑުންކޮށްލި" މަންޒަރު ތަފާތު އެކި ވީޑިއޯތަކުން ފެނިގެންދިޔައެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް ޖައްސާފައިވާ ދަތިތަކާއި އުނދަގޫތަކުގެ ވާހަކަތައް އެ ބޭފުޅުންނަށް ހިއްސާކުރި މަންޒަރު އެ ވީޑިއޯތަކުން ފެނެއެވެ. ސިޔާސީ ލީޑަރުން ހައްޔަރުކޮށްގެން ރައީސް ޔާމީން ހިންގަވަމުން ގެންދަވާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ބައެއް މީހުން ވަނީ ޕީޕީއެމްގެ އެ ހަރަކާތުގައި އުޅުނު ވަޒީރުންނަށް ސުވާލުތައް އަމާޒުކޮށްފައެވެ. ޕީޕީއެމްގެ ޑޯޓުޑޯ ކެމްޕެއިން މަޑުޖެހިގެން ދިޔައީ އެ ވީޑިއޯތައް އާންމުވެ ގިނަ ބަޔަކު ފާޑުކިޔަން ފެށުމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް