ކ. މާލެ
|
13 ޖުލައި 2018 | ހުކުރު 09:30
އއ. ތޮއްޑޫގެ މަތިން ނަގާފައިވާ ފޮޓޯއެއް...
އއ. ތޮއްޑޫގެ މަތިން ނަގާފައިވާ ފޮޓޯއެއް...
ގޫގުލް
އއ. ތޮއްޑޫ
ރައީސް ޔާމީންގެ ވެރިކަމުގައި ތޮއްޑޫގެ ތަރައްގީއަށް މަޝްރޫއެއް ހިންގާނެ ކަމުގެ އުންމީދެއް ނެތް: ކައުންސިލް
ތޮއްޑޫ މަގުތައް ވަނީ ވަރަށް ބޮޑަށް އަޑިގުޑަން ވެފައި
ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ ލަފާފުރުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައި

ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި އއ. ތޮއްޑޫގެ ތަރައްގީއަށް ބޮޑު މަޝްރޫއެއް ހިންގާނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށް ތޮއްޑޫ ކައުންސިލްގެ ރައީސާ ހަދީޖާ ނިއުޝާ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ނިއުޝާ ވިދާޅުވީ ތޮއްޑޫ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ އެރަށުގެ މަގުތައް އަޑިގުޑަންވެ ހިނގާބިނގާވެ އުޅުމަށް ދަތިވާ މައްސަލަ ކަމަށެވެ. މިމައްސަލަ އެތަކެއް ފަހަރު މަތިން ހައުސިން މިނިސްޓްރީގެ ސަމާލު ކަމަށް ގެނައި ނަމަވެސް އެކަށީގެންވާ ޖަވާބެއް ނުދޭ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ތޮއްޑޫގެ މަގުހެދުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައި އެދުނުކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ ބަޖެޓް ހިމަނާފައި ނުވާ މަޝްރޫއަކަށް ވާތީ އެކަން ނުކުރެވޭ ކަމަށް ފަހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް މަގުތައް އަޑިގުޑަން ވެފައި ހުރުމުގެ ސަބަބުން އެކްސިޑެންޓްތައް ހިނގައި މީހުންނަށް އަނިޔާވާތީވާތީ އާއި ވިއްސާރަ މޫސުމުގައި ފެންގަނޑު ހެދި ގިނަ ދަތިތަކެއް ކުރިމަތިވާތީ، މަގުތައް އެއްވަރުކޮށް ފަސްއަޅައި ދިނުމަށް ވެސް ކައުންސިލުން އެދުނު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިކަމަށް ވެސް މިސަރުކާރުން އިޖާބަދީފައި ނުވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

"ވިއްސާރަވެއްޖެއްޔާ މަގުތަކުން ނުވެސް ހިނގޭނެ. ޗަކަ އޮންނާ ބޯކޮށް ހެދިފަ. ފެންގަނޑު އެހައި ބޮޑުކޮށް އޮންނައިރު ދުއްވާފަ ދާއިރު ނުވެސް އެނގޭ މިޖެހީ ވަޅު ގަނޑަކަށް ކަމެއް ވެސް. މިހެން އެބަހުރި ވަރަށް ގިނަ މީހުންނަށް އަނިޔާވެފަ" ނިއުޝާ ވިދާޅުވިއެވެ.

ތޮއްޑޫގައި ގެސްޓްހައުސް ވިޔަފާރިފުޅާވަމުން އަންނަކަން ފާހަގަކުރައްވައި ނިއުޝާ ވިދާޅުވީ ކޮންމެ ދުވަހަކު ބަނދަރަށް އެތަކެއް އުޅަނދެއް ވަދެނުކުމެ ހަދާ ކަމަށެވެ. ބަނދަރުގެ ޖާގައިގެ ދަތިކަމާއި ލަފާފުރުމުގެ ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި ބަނދަރު ބޮޑުކޮށް މަރާމާތު ކުރަންޖެހިފައިވާ ކަމަށެވެ.

"އެމަޖެންސީގައި މީހަކު ބަލިވެގެން މާލެ ގެންދަން އުޅޭއިރު ލޯންޗަށް އޮވެދާނެ ކައިރި ނުކުރެވިފައި. ދެން މިލޯންޗަށް އަރަންޖެހޭ ޖެހޭނީ އެތަކެއް އުޅަދެއް ގިރާ ކޮށްފައި. މީދެން ބަލި މީހާއަށް ވެސް ދެވޭ އަނިޔާއެއް. ވަރަށް ފަހުން ވެސް މިހަކަހަލަ ކަމެއް ވެއްޖެ،" ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާ ވިދާޅުވީ ރައީސް ޔާމިންގެ މިވެރިކަމުގައި ތޮއްޑޫގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ކުރި މަސައްކަތް ބޭކާރުވެފައިވާ ކަމަށާއި، އެއްވެސް މަސައްކަތަކަށް އަލިމަގެއް ފެނިފައި ނުވާ ކަމަށެވެ. އުންމީދު ކުރަނީ މިވެރިކަން ނިމި ދެން އަންނަ ވެރިކަމެއްގައި ތޮއްޑޫ ރައްޔިތުން ދެކޭ ހުވަފެންތަކުގައި ކުލަ ޖެހި ހަގީގަތަކަށް ވެގެންދިއުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް