ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 22:36
ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން
ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން
މުހައްމަދު ޝަރުހާން
ހޯމް މިނިސްޓަރު އަޒްލީން
އިބޫއަށް ހަމަލާ ދިނިީ ކޮން ބައެއް ކަމެއް ނޭނގޭ، އެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: އަޒްލީން
ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި

ކޯލިޝަން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕެއިންގައި އުޅުއްވަނިކޮށް އެމަނިކުފާނަށް ހަމަލާދޭން މަސައްކަތް ކުރީ ކޮން ބައެއްކަން ސާފުނުވާ ކަމަށް ހޯމް މިނިސްޓަރު މުހައްމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ ބުދަ ދުވަހުގެ ރޭ 8 ގެ ޚަބަރަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރ އަޒްލީން ވިދާޅުވީ އެ އަމަލު ހިންގި ބަޔަކު އަދި ސާފުނުވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށް އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބުދުﷲ ނަވާޒު ވިދާޅުވެފައިވާ ކަމަށެވެ. އިބޫ އަށް ހަމަލާ ދޭން އުޅުނު މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުޤީޤު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެެވެ.

ފުލުހުންގެ ތަހުޤީޤަށް ފަހު އެއީ ކޮން ގޮތަކަށް ދިން ހަމަލާއެއް ކަަން ސާފުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެ މައްސަލައިގައި ވަކި ބައެއްގެ ބޮލުގައި އަޅުވަން އެކަށީގެން ވާވަރުގެ ހެކި ނުލިބޭ ކަމަށާއި އެއީ ތަހުޤީޤު ކުރަމުންދާ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަޒްލީން އިތުރަށް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންނަށް ސެކިއުރިޓީ ދިނުމަށް ރަސްމީކޮށް ފުލުހުންނަށް ދަންނަވާފައިވާ ކަމަށާއި އޮންނަ އުސޫލުގެ ތެރެއިން ސެކިއުރިޓީގެ ކަންތައްތައް ހުރިހާ ރިޔާސީ ކެންޑިޑޭޓުންނަށް ހަމަޖެހިގެންދާނެ ކަމަށެވެ.

ރިޔާސީ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދީ ރަށްރަށުގެ ބިމާއި ތަންތަން ދިނުމަށް އަތޮޅު ކައުންސިލްތަކާއި ރަށްރަށުގެ ކައުންސިލްތަކަށް އެންގެވުމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ އެލްޖީއޭ ގައި ރަސްމީކޮށް ދަންނަވާފައިވާނެ ކަމަށް ވެސް އަޒްލީން ވިދާޅުވި އެވެ.

އިބޫ އަށް ބަޔަކު ހަމަލާދޭން އުޅުނު މައްސަލައާއި ގުޅިގެން އަޒްލީން ވިދާޅުވީ އެއްވެސް ބައެއް އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތަކާއި ދެކޮޅަށް އެއްވެސް ބަޔަކު ކަންތައްކޮށްގެން ވާނެ ކަމަކަށް ޤަބޫލުނުކުރައްވާ ކަމަށެވެ.

އަންގާރަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އިބޫ ހިންގަވާފައި ދަނިކޮށް އޭނާއަށް ހަމަލާދޭން ސައިކަލުގައި އައި ދެ މީހަކު ވަނީ މަސައްކަތް ކޮށްފައެވެ. އެމީހުން އިބޫ އަށް ހަމަލާދޭން މަސައްކަތް ކުރި ނަމަވެސް، އެ ސަރަހައްދުގައި ތިބި އެމްޑީޕީގެ އިސް ބޭފުޅުންނާއި އިބޫގެ ސެކިއުރިޓީން ވަނީ އިބޫއަށް ހިމާޔަތް ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް