ކ. މާލެ
|
12 ޖުލައި 2018 | ބުރާސްފަތި 06:17
ބިގްބުކްކީޕާރ އާއި އެކު ރާއްޖެޓީވީން ސޮއިކުރުމުގެ ރަސްމިއްޔާތު
ބިގްބުކްކީޕާރ އާއި އެކު ރާއްޖެޓީވީން ސޮއިކުރުމުގެ ރަސްމިއްޔާތު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު 2018
ކެނޑިޑޭޓުންގެ ތާއީދު އޮތް މިންވަރު ދެނެގަތުގެ ސާވޭކުރަން ރާއްޖެ ޓީވީން ހަވާލުކޮށްފި
ރިޔާސީ އިންތިޚާބަށް ރައްޔިތުންގެ ޚިޔާލު ހޯދުމާ ގުޅޭ ސާވޭތައް ކުރެވޭނެ
ސާވޭ ކުރުމުގައި ރާއްޖެޓީވީގެ ދައުރެއް ނޯންނާނެ

ރިޔާސީ އިންތިޚާބުގައި ކުރިމަތިލައްވާ ކެނޑިޑޭޓުންނަށް އޮތް ތާއީދު ދެނެގަތުމާ ގުޅޭ ސާވޭތައް ކުރުމަށް ތަޖުރިބާކާރު މަޝްހޫރު އޮޑިޓްް ކުންފުނި ބިގްބުކްކީޕާރ އާއިއެކު ރާއްޖެޓީވީން ސޮއިކޮށްފިއެވެ.

އުނިމާ ގްރޭންޑްގައި ބުދަ ދުވަހުގެ ރޭ އޮތް މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރު ހުސެއިން ފިޔާޒް މޫސާއެވެ. އަދި ބިގްބުކްކީޕާރގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޒީފެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ރާއްޖެޓީވީގެ ސީއޯއޯ ހުސެއިން ފިޔާޒް މޫސާ ވިދާޅުވީ، މިއީ ރާއްޖޭގެ މީޑިއާއަކުން ކުރާ މިފަދަ ފުރަތަމަ ސާވޭ ކަމަށާއި މި ސާވޭ ކުރާނީ އެހެން ގައުމުތަކުގައި ވެސް މިފަދަ ސާވޭތައް ހިންގާ ގޮތަށް ސައިންޓިފިކް އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ކަމަށެވެ.  

"މި ސާވޭ ކުރުމުގައި ރާއްޖެޓީވީގެ ދައުރެއް ނޯންނާނެ. ސުވާލުތައް ތައްޔާރުކޮށް ޚިޔާލު ހޯދުމުގެ މަރުހަލާތައް ކުރިއަށް ގެންދާނީ ބިގްބުކްކީޕާރގެ ފަރާތުން. މި ސާވޭ ވެގެން ދާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މުހިއްމު ދައުރެއް އަދާކުރާނެ ސާވޭއަކަށް. ރައްޔިތުންގެ ނިންމުން އެކަމެއްގެ މައްޗަށް ނިންމުމުގައި މި ސާވޭއިން މުހިއްމު މައުލޫމާތުތަކެއް ލިބިގެންދާނެ،" ފިޔާޒް ވިދާޅުވިއެވެ.

ފިޔާޒް ވިދާޅުވީ، މި ސާވޭތަކުގައި ވަކި ކެނޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި މިނިވަން ދެ ފުށް ފެންނަ ސާވޭތަކެއް ބިގްބުކްކީޕާރ އިން ދައްކާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެެވެ.

ފިޔާޒް ވިދާޅުވީ، ރިޔާސީ އިންތިޚާބު ފަދަ މުހިއްމު ދަނޑިވަޅުތަކުގައި ދުނިޔޭގެ ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ވެސް މިފަދަ ޚިޔާލު ހޯދުމުގެ ކާމިޔާބު ސާވޭތައް ކުރިއަށް ގެންދާ ކަމަށާއި މިއީ ރާއްޖޭގައި މިފަދަ މަސައްކަތުގެ ފެށުމަށް ވެގެންދާނެ ކަމަށެވެ. 

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ބިގްބުކްކީޕާރގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޒީފް ވިދާޅުވީ، ރާއްޖެޓީވީން އުންމީދުކުރާ ފަދަ ދެ ފުށް ފެންނަ މިނިވަން ސާވޭއެއް ކުރިއަށް ގެންދާނެ ކަމަށެވެ.

 "މި ސާވޭ ކުރިއަށް ގެންދާނީ ވަކިފަރާތަކަށް ނުޖެހި ވަރަށް ކޮންފިޑެންޝަލްކޮށް. ތެދުވެރިކަމާ އެކު އޭގެ ނަތީޖާ އެންމެހާ ދިވެހި ރައްޔިތުންނާއި ހަމައަށް ގެނެސް ދޭނަން،" ނަޒީފް ވިދާޅުވިއެވެ.   

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 23 ގައި ބޭއްވުމަށް ނިންމާފައިވާއިރު، ސަރުކާރު ހިންގާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އާއި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. 

އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން ނަން ހުށަހެޅުއްވުމުގެ ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ ޖުލައި 15 ގަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
12 ޖުލައި 2018 | ބުރާސްފަތި 04:03
އައިސް
ހެހެ ވަތަކުތޯ