ކ. މާލެ
|
11 ޖުލައި 2018 | ބުދަ 21:23
މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނަޢީމް
މަކުނުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނަޢީމް
މުހައްމަދު ފަޒީން
ރިޔާސީ ރޭސް 2018
އަބްދުއްރަހީމް ދީނީ ފަތުވާ ދޭތީ އަނާރާ ކަންބޮޑުވުން ފާޅުކޮށްފި
އަބްދުއްރަޙީމް ގެއްދަވަނީ އިންތިހާބާއި އިސްލާމްދީނާއި ގުޅުވައި ތަފާތު ވާހަކަތައް ދައްކަވަމުން
އިދިކޮޅު ކޯލިޝަން އަބްދުއްރަހީމް ސިފަ ކުރައްވަނީ ރާއްޖެއަށް ބާތިލު ދީންތައް ތާޢާރަފްކުރުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި
އަނާރާ ވަނީ މި ނޫން ދުނިޔެއެއް އޮތްކަން އަބްދުއްރަހީމްއަށް އިހުސާސް ކުރެވޭތޯ ސުވާލު އުފައްދާފަ

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ދީނީ ފަތުވާ ދެއްވަމުންގެންދަވާތީ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނަޢީމް ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް ދޭ ވޯޓަކީ މާތް ވެގެންވާ އިސްލާމް ދީނާ މިރާއްޖޭގެ މިނިވަންކަމާ ދެކޮޅަށްދޭ ވޯޓެއް ކަމަށް މެމްބަރު އަބްދުއްރަހީމް ވިދާޅުވުން، ބުދު ދުވަހު އަދާލަތު ޕާޓީއަށް ނިސްބަތްވާ އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އެމްޕީ އަދުރޭ ދީނީ ފަތުވާދެމުންދާތީ" ކަންބޮޑުވާ ކަމަށެވެ.

އަބްދުއްރަހީމް ގެއްދަވަނީ ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި އިސްލާމްދީނާއި ގުޅުވައި ތަފާތު ވާހަކަތައް ދައްކަވަމުންނެވެ. މ. މުލަކުގައި ވާހަކަ ދައްކަވަމުން އަބްދުއްރަޙީމް ވިދާޅުވި ގޮތުގައި މާތްވެގެންވާ އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށުގައި ރާއްޖެ ބާއްވަން ބޭނުންވާނަމަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ. މިކަންކަމަށް އިޝާރަތްކޮށް އަނާރާ ކަންބޮޑުވުން ފާޅުކުރެއްވުމުން އަބްދުއްރަހީމް ވަނީ ރައްދު ދެއްވާ ޓްވީޓް ކުރައްވާފައެވެ.

އަނާރާއަށް ރައްދު ދެއްވާ އަބްދުއްރަހީމް ބުދަ ދުވަހު ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިސްލާމް ދީނަށް ފުރައްސާރަކޮށް ކީރިތި ރަސޫލާ އަށް ހަޖޫ ޖަހާ އަދި ދިވެހި ރާއްޖެއަށް ބާތިލު ދީންތައް ތާޢާރަފްކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާގިވެރިވެ، އެފަދަ ބަޔަކާއި އެކު އަނާރާ މަސައްކަތް ކުރައްވާތީ ހިތާމަ ކުރައްވާކަމަށެވެ. އަބްދުއްރަހީމް އިޝާރާތް ކުރެއްވީ އެމްޑީޕީ ވެސް ހިމެނޭގޮތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ނަމުގައި ހަދާފައިވާ ކޯލިޝަނަށް ކަމަށެވެ.

މީގެ އިތުރުން އަދުއްރަހީމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ރައްޔިތުން އިންތިހާބު ކުރީ ރައްޔިތުންގެ ހައްގުގައި ވަކާލާތުނުކޮށް މުސާރަ ނަގަން ނޫން ކަމަށެވެ. އަނާރާ މަގާމުގެ ގާނޫނީ ޒިންމާ އަދާނުކޮށް މާގާމުންގެ މުސާރަ ނެގުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއްތޯ ވެސް އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވާފައެވެ.

މި ކަމާއި ގުޅިގެން އަނާރާ ކުރެއްވި ޓްވީޓެއްގައި ވަނޯ ރައްޔިތުންގެ ޙައްގުތަކަށް އުނިކަން އަންނަ ގޮތަށް ބޭއިންސާފުން، ރައްޔިތުންނާއި މެދު ބާރުގެ ބޭނުންކޮށްގެން ކަންކަން ކުރުމަށް މަގުފައިވާގޮތަށް ގާނޫނު ހެދުމުން "އޯކޭ"ތޯ ސުވާލު އުފައްދަވާފައެވެ. އަދި އެހެން ދުނިޔެއެއްވެސް އޮތްކަން އަބްދުއްރަހީމްއަށް އިހުސާސް ކުރެވޭތޯ ވެސް ސުވާލު އުފައްދާފައެވެ.

ރިޔާސީ އިންތިހާބާއި އިސްލާމް ދީނާ ގުޅުވައި އަބްދުއްރަހީމާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވާހަކަ ދައްކާތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި ކަންކަމާއި ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ދީނޭ ކިޔައިގެން ވާހަކަ ދެއްކިނަމަވެސް ރައީސް ޔާމީންގެ ސަރުކާރުގެ އަނިޔާވެރިކަމާއި ކޮރަޕްޝަން އޮއްބާ ނުލެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް