ކ. މާލެ
|
20 ޖެނުއަރީ 2017 | ހުކުރު 05:00
ހުޅުމާލޭގައި އިމާރާތް ކުރާ ހިޔާވަހި ހައުސިން ޔުނިޓް ތައް އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލު ކުރަނީ
ހުޅުމާލޭގައި އިމާރާތް ކުރާ ހިޔާވަހި ހައުސިން ޔުނިޓް ތައް އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލު ކުރަނީ
ގޫގުލް
ހުޅުމާލެ ހައުސިން ޔުނިޓް
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
 
ސަރުކާރު މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކުރަނީ 402 ހައުސިން ޔުނިޓް

ސަރުކާރުގެ އެކިއެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އެޅުމުގެ މަސައްކަތް ހައުސިން ޑިވޮލޮޕްމެންޓް ކޯޕްރޭޝަން (އެޗްޑީސީ) ގެ ފަރާތުން އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލު ކޮށްފިއެވެ.

ސަރުކާރުގެ ވުޒާރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ހާއްސަކޮށްގެން އަޅާ މި ހައުސިން ޔުނިޓްތައް އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު މުހައްމަދު ސައިމަންއެވެ. އަދި އަމީން ކޮންސްޓްރަކްޝަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންޑައިރެކްޓަރު އަބްދުﷲ މުހައްމަދުއެވެ.

އެޗްޑީސީގައި ބޭއްވި މި ރަސްމީއްޔާތުގައި ވާހަކަދައްކަވަމުން އެކުންފުނީގެ އެމްޑީ ސައިމަން ވިދާޅުވީ "ހިޔާވަހި ހައުސިން " ގެ ނަމުގައި ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން 402 ހައުސިން ޔުނިޓް ގާއިމް ކުރެވިގެންދާނެ ކަމަށެވެ. އަދި ޕްރޮޖެކްޓް 26 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެވިފައިވާނެ ކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ 647 މިލިޔަން ރުފިޔާ ހަރަދުކޮށްގެން އަޅާ މި ހައުސިން ޔުނިޓްތައް އެޅުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލު ކުރީ ބިޑް އުސޫލުން ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓް އަމީންއާ ހަވާލު ކުރީ ހުށަހެޅި ބިޑްތަކުގެ ތެރެއިންނާއި އަދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން މި ޕްރޮޖެކްޓް އެންމެ ފުރިހަމަ އަށް ކުރިއަށް ގެންދެވޭނީ އަމީން އަށް ކަމަށް ގަބޫލު ކުރެވޭތީ ކަމަށް ސައިމަން ވިދާޅުވިއެވެ.

ސައިމަން ވިދާޅުވީ މި ހައިސިން ޔުނިޓްތައް ވެސް ދޫކުރާނީ ބޭންކްތައް މެދުވެރިކޮށް މޯގޭޖްކުރާ އުސޫލުން ކަމަށެވެ. އަދި ހިޔާވަހި ހައުސިން ޔުނިޓްތައް އަމާޒް ކޮށްފައި ވަނީ ރެޒިޑެންޝަލް އަދި ނަން ރެޒިޑެންޝަލް ކެޓަގަރީ އަށް ކަމަށާއި އެހެން ހައުސިން ޔުނިޓްތަކަށް ވުރެ މި ހައުސިން ޔުނިޓްތަކުގެ އަގު ހެޔޮވާނެ ކަމަށް ވެސް ސައިމަން ވިދާޅުވިއެވެ. އަދި މި ހައުސިން ޔުނިޓްތައް ދޫކުރާނެ އުސޫލެއް ސަރުކާރާ މަޝްވަރާ ކުރުމަށް ފަހު ވަރަށް އަވަހަށް ހާމަ ކުރާނެ ކަމަށް ވެސް ސައިމަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް