ކ. މާލެ
|
11 ޖުލައި 2018 | ބުދަ 12:01
ރައީސް ޔާމީން: 65 އަހަރުވުމުން ވެސް ދައުލަތް ބިނާ ކުރުމުގައި ފަންނީ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި--
ރައީސް ޔާމީން: 65 އަހަރުވުމުން ވެސް ދައުލަތް ބިނާ ކުރުމުގައި ފަންނީ މަސައްކަތް ކުރެވޭނެ ކަމަށް ވިދާޅުވި--
ރައީސް އޮފީސް
ރިޔާސީ އިންތިހާބު 2018
65 އަހަރު ވުމަކީ ހަކަތަ ނެތިގެން ތިބެންޖެހޭ އުމުރެއް ނޫން: ރައީސް ޔާމީން
ހަލުވި މަސައްކަތްތަކެއް ކުރެވޭނެ ކަމަށް ވިދާޅުވި
65 އަހަރުވުމުން ވެރިކަމަށް ކުރިމަތިނުލެވޭ ގޮތް ހެއްދެވީ ޔާމީން
ރިޓަޔަރ ކުރާ އުމުރު މަތިން ކުރަން އުޅޭ ކަމުގެ އިޝާރާތެއް

އުމުރުން 65 އަހަރުވުމަކީ ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު، ހަކަތަ ނެތިގެން ކަމަށް ބުނެ، ތިބެންޖެހޭ އުމުރެއް ނޫން ކަމަށް ރައީސް އަބްދުﷲ ޔާމިން ވިދާޅުވެއްޖެއެވެ.

މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ކޮޅުފުއްޓަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީންވިދާޅުވީ އުމުރުން 65 އަހަރުވުމަކީ ރިޓަޔަރ ކޮށްފައި ތިބެންޖެހޭ އުމުރެއް ނޫން ކަމަށާއި އެ އުމުރުގެ ބޭފުޅުން "ހަލުވި މަސައްކަތްތަކެއް" ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ގޮތަކަށް ގަބޫލު ކުރާކަށް ބޭނުމެއް ނޫން، ކޮންމެހެނެއް މަސައްކަތް ނުކުރެވިގެން، މަސައްކަތް ކުރުމުގެ ހަކަތަ ނެތިގެން، މިއީކީ ރިޓަޔަރ ކޮށްފަ ތިބެން ޖެހެ އުމުރެއް ނޫން. މިއީކީ ދޮށީ ރައްޔިތުންނަށް ވީތީކީ ވެސް ނޫން. މި އުމުރުފާގެ ބޭފުޅުންނަކީ އެ ބޭފުޅުންގެ ފަންނީ މަސައްކަތްތަކަށް ބެލިޔަސް، އެހެން މަސައްކަތަކަށް ބެލިޔަސް، ހަމަ ދައުލަތް ބިނާ ކުރުމުގައި، އެކިއެކި އިހްލާސްތެރި މަސައްކަތްތަކެއް، އަދި ހަލުވި މަސައްކަތްތަކެއް ކޮށްދެއްވާނެ ބޭފުޅުން،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވިއިރު، ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭ އެންމެ ދޮށި އުމުރު ކަނޑައަޅާފައި ވަނީ ރައީސް ޔާމީން ސަރުކާރުންނެވެ. އެގޮތުން 65 އަހަރުވުމުން ރައީސް ކަމަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުންނެވެ. ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ ބަދަލުގެ ގޮތުގައި އެ އިސްލާހު މަޖިލީހުން ފާސްކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.

އޭރު ރައީސް ޔާމީނާއި ޕީޕީއެމުން ވަކާލަތު ކުރަމުން ދިޔައީ 65 އަހަރުވުމަކީ ވެރިކަން ކުރެވޭނެ އުމުރެއް ނޫން ކަމަށެވެ. އަދި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު، ނައިބު ރައީސް ކަމުގެ މަގާމަށް ގެނައީ ގާނޫނުއަސާސީގައި ވެރިކަމަށް ކުރިމަތިލެވޭ އެންމެ ހަގު އުމުރު ވެސް ކަނޑައެޅުމަށްފަހުއެވެ.

އުމުރުން 65 އަހަރުވުމުން "ހަކަތަ ނެތިގެން" ތިބެން ނުޖެހޭނެ ކަމަށް ވިދާޅުވެ ކޮޅުފުށީގައި ރައީސް ޔާމީން ވާހަކަފުޅު ދެއްކެވީ ދޮށީ އުމުރުގެ މީހުންނަށް ދޭ އިނާޔަތް ޕީޕީއެމްގެ ސަރުކާރަކުން ބޮޑު ކުރާނެ ކަމަށް ވައުދުވެވަޑައިގެން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

އުމުރުން 65 އަހަރުގައި ވެސް ހަލުވި މަސައްކަތްތަކެއް، ކުރާ ބޭފުޅުން އުޅޭ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ވަޒީފާއިން ރިޓަޔަރ ކުރާ އުމުރު މަތިކުރާނެ ކަމަށް އިޝާރާތްކުރަށްވާފައެވެ. ނަމަވެސް އެކަމަކީ އިންތިހާބާ ދިމާކޮށް ގާނޫނު ބަދަލުކޮށްގެން ކުރަން އެހާ ފަސޭހަ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ އުމުރު މިއޮތީ 65 އަހަރަށް ހަމަޖައްސާފަ. އަދި ރިޓަޔަރމަންޓަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ 55 އަހަރާއި 65 އަހަރާ ދޭތެރެއިން ވެސް މީހުންނަށް ވެސް ރިޓަޔަރ އެބަ ކުރެވޭ. އެއީ މިހާރު އޮތް ގާނޫނީ އުސޫލު. އެ ގާނޫނީ އުސޫލަށް ބަދަލު ގެނެސްގެން ކަންކަން ކުރުމަކީ މިހާ އިންތިހާބާ ކައިރިވެފައި އޮއްވާ އެއީކީ ފަސޭހަ ކަމަކަށް ވެސް ނުވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ކޮޅުފުއްޓަށެވެ. އެމަނިކުފާނު އިއްޔެ ވަނީ ކޮޅުފުށީގެ އިތުރުން އެ އަތޮޅު ދިއްގަރާއި މުލަކާއި މުއްޔަށް  ވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް