ކ. މާލެ
|
10 ޖުލައި 2018 | އަންގާރަ 22:45
ވިލިމާލެ، ޕެލަސް (ގ. ބްލޫލެގޫން) މުހައްމަދު އިބްރާހިމް: އަވަހާރަވީ ކުއްލި ގޮތަކަށް
ވިލިމާލެ، ޕެލަސް (ގ. ބްލޫލެގޫން) މުހައްމަދު އިބްރާހިމް: އަވަހާރަވީ ކުއްލި ގޮތަކަށް
މުހައްމަދު ޝަރުހާން
ހޯމް މިނިސްޓްރީ
ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެ
ކަށުނަމާދު އޮތީ މިރޭ 11ގައި އާސަހަރާގައި
އަވަހާރަވީ ކުއްލި ގޮތަކަށް
އިއްޔެ ވެސް އޮފީހަށް ވަޑައިގެންނެވި

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު، މުހައްމަދު އިބްރާހިމް އަވަހާރަވެއްޖެއެވެ.

ހޯމް މިނިސްޓްރީގެ އިސް މުވައްޒަފަކު "ރާއްޖެއެމްވީ"އަށް ވިދާޅުވީ އަންގާރަ ދުވަހު އާލާސްކަންފުޅާ އުޅުއްވާކަން އޮފީހަށް އެންގެވުމަށްފަހު، އޭނާ ސަލާމް ފޮނުއްވާފައިވާ ކަމަށެވެ. އޭގެ ފަހުން ކުއްލި ގޮތަކަށް ލިބުނީ އޭނާ އަވަހާރަވި ޚަބަރު ކަމަށާއި އެ ޚަބަރާ އެކު މިނިސްޓްރީގެ މުވައްޒަފުންނަށް ކުއްލި ސިހުމެއް ލިބިފައިވާ ކަމަށެވެ.

"ވަރަށް އެކްޓިވްކޮށް އުޅުއްވަނީ. އެކަމަކު މިއަދު ވައިބާ ގްރޫޕެއްގައި ލިޔެފައި އޮތް އާލާސްކަންފުޅާ އުޅުއްވާ ވާހަކަ. އެކަހަލަ ބޮޑު ބައްޔެއްގައި ވެސް ނޫން އުޅުއްވަނީކީ. އެހެން ހުއްޓާ ކުއްލިއަކަށް މިއަދު 3 ޖެހިފަހުން މި އެނގުނީ ނިޔާވިކަން،" ހޯމް މިނިސްޓްރީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ.

މުހައްމަދު އިބްރާހިމްގެ އަރިސް ބޭފުޅަކު ވިދާޅުވީ އޭނާ އަވަހާރަވީ ހާޓްއެޓޭކެއް ޖެހިގެންކަން އެނގޭ ނިޝާންތަކެއް ފެންނަން ހުރި ކަމަށެވެ.

ރައީސް ވަހީދުގެ ސަރުކާރުން ފެށިގެން މުހައްމަދު އިބްރާހިމް ގެންދަވަނީ ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވަމުންނެވެ. އަދި ޕީޕީއެމް ކެމްޕެއިން ރެލީތަކުން ވެސް ފެންނަ، މުހައްމަދު އިބްރާހިމް ވަނީ ފިލްމީ ދާއިރާގައި ވެސް މަސައްކަތްތަކެއްކޮށްފައެވެ.

އޭނާއަކީ ދައުލަތަށް ބޮޑެތި ހިދުމަތްތަކެއް ކުރެއްވި މަޝްހޫރު ބޮޑުބެ އިބްރާހިމްފުޅުގެ ދަރިކަލެކެވެ. އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކައިވެނި ބައްލަވައިގެން އުޅުއްވަނީ މުހައްމަދު އިބްރާހިމްގެ ދަރިކަލަކާއެވެ.

މުހައްމަދު އިބްރާހިމް މޫނު ދެއްކުން މިރޭ 10:45އާ ހަމައަށް އާސަހަރާގައި ކުރިއަށްދާނެއެވެ. ކަށު ނަމާދު އޮތީ މިރޭ 11:00ގައި އާސަހަރާ މިސްކިތުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް