ކ. މާލެ
|
7 ޖުލައި 2018 | ހޮނިހިރު 12:51
ސަންޖޫގެ ޕޯސްޓަރު
ސަންޖޫގެ ޕޯސްޓަރު
ޓްވިޓަރ
ބޮލީވުޑް
ސަންޖޫގެ ކާމިޔާބީ: ހަފްތާއެއްގެ ތެރޭގައި 200 ކްރޯޑަށް އަރައިފި
މިހާ ބޮޑު އާމްދަނީއެއް ލިބިފައިމިވަނީ  ރިލީޒް ކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ދުވަހެއް ނުހިމަނާ

ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމް "ސަންޖޫ" ރިލީޒް ކުރިތާ ހަފްތާއެއްގެ ތެރޭގައި 200 ކްރޯޑް ރުޕީސް އަށްވުރެ ބޮޑު އާމްދަނީއެއް ހޯދައިފި އެވެ.

މިދިޔަ މަހު 29 ގައި ރިލީޒްކުރި މި ފިލްމަށް މިހާ ބޮޑު އާމްދަނީއެއް ލިބިފައި މިވަނީ ރިލީޒްކުރި ދުވަހުން ފެށިގެން މިއަދާ ހަމައަށް ބަންދު ދުވަހެއް ވެސް އޭގެ ތެރޭގައި ނުހިމެނި އެވެ.

އެހެން ކަމުން "ސަންޖޫ" ވެފައި ވަނީ ބަންދު ދުވަހެއް ވެސް ނުލައި 200 ކްރޯޑް ހަމަކުރި ފުރަތަމަ ބޮލީވުޑް ފިލްމަށެވެ.

ރާޖް ކުމާރް ހިރާނީ ޑައިރެކްޓް ކޮށްފައިވާ މި ފިލްމަށް ހުކުރު ދުވަހާ ހަމައަށް ލިބުނު ޖުމްލަ އާމްދަނީ ވަނީ 284.68 ކްރޯޑް ރުޕީސް އަށް ވުރެ މައްޗަށް އަރާފައެވެ.

އަދި "ސަންޖޫ" ވެފައި މިވަނީ  ރަންބީރްގެ ފުރަތަމަ 200 ކްރޯޑް ފިލްމެވެ. ރަންބީރްގެ ފިލްމްތަކުގެ ތެރެއިން 100 ކްރޯޑް ކުލަބުން ކުރިން ޖާގަ ހޯދާފައިވާ ފިލްމްތަކަކީ 2016 ގައި ރިލީޒްކުރި "އޭ ދިލް ހޭ މުޝްކިލް" (112.48 ކްރޯޑް)، 2013 ގައި ރިލީޒް ކުރި "ޔެ ޖަވާނީ ހޭ ދީވާނީ" (188.57 ކްރޯޑް) އަދި 2012 ގައި ރިލީޒްކުރި "ބަރްފީ" (112.15 ކްރޯޑް) އެވެ.

"ސަންޖޫ" 100 ކްރޯޑްގެ ކްލަބަށް ވަދެފައިވަނީ ފިލްމް ރިލީޒް ކުރިތާ ތިން ދުވަހުގެ ތެރޭގައެވެ.

މީގެ ކުރިން ބޮކްސް އޮފީހުގައި އެންމެ އަވަހަށް 200 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "ބާހްބަލީ: ދަ ކޮންކްލޫޝަން" އެވެ. މި ފިލްމް 200 ކްރޯޑަށް އަރާފައިވަނީ އެންމެ ހަ ދުވަހުގެ ތެރޭގަ އެވެ. "ސަންޖޫ" އާ އެއްގޮތަށް ހަފުތާއެއްގެ ތެރޭގައި 200 ކްރޯޑްގެ އާމްދަނީއެއް ހޯދި ފިލްމްގެ ރިކޯޑް ދެން އޮތީ މިދިޔަ އަހަރު ރިލީޒް ކުރި ސަލްމާން ހާންގެ ފިލްމް "ޓައިގާ ޒިންދާ ހޭ" އަތުގައެވެ.

ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ބުނި ގޮތުގައި "ސަންޖޫ" ގެ ވިޔަފާރި މިހާރު ދާ ސްޕީޑަށް ބަލާ އިރު، މި ފިލްމަކީ މި އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމަށް ވެދާނެ އެވެ.

ބެލުންތެރިން ފިލްމްގެ ޖާދޫގައި ވަރަށް ގަދައަށް ޖެހިފައިވާ ކަމަށާއި މި ފިލްމް ދަނީ ހިފެހެއްޓުމެއް ނެތި ކުރިއަށް ކަމަށެވެ.

"ސަންޖޫ" މި ފިލްމުގައި ފެނިގެން ދަނީ ސަންޖޭ ފިލްމީ ހަޔާތަށް ގުޅުނު ގޮތާއި އޭނާ މަސްތުވާތަކެތީގެ ވަބާގައި ޖެހި ދިރިއުޅުން ހަލާކުވެގެންދިޔަ ގޮތެވެ. މީގެ އިތުރުން ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތުގައި އޭނާ ޖަލަށް ދާން ޖެހުނު ގޮތާއި އޭނާ މިހާތަނަށް ކުރި ތިން ކައިވެނީގެ ވާހަކަ އާއި ފިލްމީ ދާއިރާގައި އޭނާގެ ލޯބީގެ ހަޔާތެވެ.

މިފިލްމްގައި ސަންޖޭ ދަތުގެ ރޯލުން ފެނިގެންދަނީ ރަންބީރު ކަޕޫރެވެ. މީގެ އިތުރުން މަނީޝާ ކޮއިރާލާ، ޕަރޭޝް ރާވަލް، ދިޔާ މިރްޒާ، ސޯނަމް ކަޕޫރު، ވިކީ ކައުޝަލް، ޖިމް ސާރބް އަދި އަނުޝްކާ ޝަރުމާއެވެ.

- ކޮމެންޓް