ކ. މާލެ
|
6 ޖުލައި 2018 | ހުކުރު 20:55
2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ހައްގުތައް ހޯދުމަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވި
2004 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް ހައްގުތައް ހޯދުމަށް އަޑުއުފުލުމަށް ގިނަ އަދަދެއްގެ ރައްޔިތުން ޖަމާވި
ރާއްޖެ އެމްވީ
މަގޭ ރިޕޯޓް
މިއީ އެ ހިނދުކޮޅެވެ. ހައްގުގެ އަޑު މަޑު ނުކުރާށެވެ.
އިސްލާހީ ބަދަލު ފެށުނީ ރައްޔިތުން ބޭނުން ވުމުން
އޭރު ނުކުތް މީހުންނަށް ޖެހީ ހަޖޫ، މިހާރު އެއީ ބަތަލުން
ހައްގު ބަސް ބުނުމަކީ ކާމިޔާބީގެ ފެށުން

އެއީ ރައީސް މައުމޫން އެންމެ ފަހު ރިޔާސީ ދައުރުގެ ހުވާ ކުރެއްވި މަޖިލީހެވެ. ފަނަރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކުރިފުޅުމަތީގައެވެ. ދެހާސްތިން ވަނަ އަަހަރުގެ ނޮވެމްބަރު މަހުގެ 11 ވީ އަންގާރަ ދުވަހުއެވެ. މާތްﷲ ގަންދީ ރައީސް މައުމޫން ކުރެއްވި އެ ހުވަޔަށްފަހު، ފެށުނު ރިޔާސީ އައު ދައުރުގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަން ފެންނަ އިސްލާހުތައް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ. ދެހާސްހަތަރު ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހުއެވެ. ދިވެހިން ބޭނުން ވެގެން ދިވެހިން ބޭނުންވާ ބަދަލުތަކަށް ބަހުސް ކުރުމުގެ ދޮރު ހުޅުވާލަ ދެއްވީ އޭގެ ފަހުންނެވެ.

"އާދެ ތިރީސް ސިކުންތުގެ ތެރޭގައި އެ ވާހަކަ ދެންނެވޭތޯ. ތިޔަ ބޭފުޅުން ވެސް އެކަން ބެއްލެވިޔަސް އެންމެ ރަނގަޅު. އާދެ، އަޅުގަނޑު މިހާރު މި ފަށަނީ އިނގޭތޯ. އަޅުގަނޑު ބޭނުންވަނީ މާތްﷲގެ ވާގިފުޅާ އެކު، ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމާ ތަރައްގީއަށްޓަކައި ރާއްޖެއަށް ބޭނުންވާ އިސްލާހި ބޮޑެތި ބަދަލުތައް ގެނައުމަށް. އަދި މި އިސްލާހީ ބަދަލުތަކަކީ، އަޅުގަނޑުމެން އެންމެން ފެނިގެން، އެންމެން ބޭނުންވެގެން ގެންނަ ބަދަލުތަކަކަށް ވުމަށް،" ގާނޫނުއަސާސީއަށް ގެންނަން ބޭނުންފުޅުވި ބަދަލުތައް 22 ސިކުންތުގެ ތެރޭގައި ވިދާޅުވެ ދެއްވަމުން ރައީސް މައުމޫން ވިދާޅުވިއެވެ.

އިސްލާހީ ބަދަލު ފެށުނު 22 ސިކުންތުގެ ހިނދުކޮޅު: ރައީސް މައުމޫން އަމާޒު ހިފީ 30 ސިކުންތުގެ ތެރޭގައި އެ ވާހަކަތައް ވިދާޅުވުމަށް-- 

ތަޅު އެޅުވިފައި ތިބި ސިކުނޑިތައް ހުޅުވާލައި، މިނިވަންކަމާއެކު ފިކުރުކޮށް، އެ ހިޔާލާއި ފިކުރުތަކާ އެކު އާންމު ބަހުސްތަކަށް މައުމޫން ދޮރު ހުޅުވާލަ ދެއްވިއެވެ. މައުމޫންގެ އެ ނިންމެވުމަކީ ބޭރުގެ ފިއްތުންތަކާ އެކު، ކެނޑި ނޭޅި އެތައް ބަޔަކު އިސްލާހަށް ކުރަމުންދިޔަ ގުރުބާނީތަކެއްގެ ފޮނި ނަތީޖާ ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އޭގެ ފަހުން ހައްގުގެ އަޑު ދިޔައީ ބާރު ވެގެންނެވެ. އެގޮތުން 2004 ވަނަ އަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފެށި "މިނިވަން ބަހުސް"އިން އެނގިގެން ދިޔައީ ދިވެހިން ހިމޭނުން ނުތިބޭނެ ކަމެވެ.

މިނިވަން ބަހުސްއާ އެކު، ދިވެހިންގެ ސިކުނޑިތަކަށް އެނގުންވިއެވެ. ތިލަފަތުން ލިބެން ޖެހޭ ހަމަހަމަކަމާއި އިންސާފު ވިސްނެން ފެށިއެވެ. ތޮށިގަނޑު ފަޅާލައި ހައްގު މިންވަރަށް ވަކާލާތު ކުރަން ފެށީ އެ ހިސާބުންނެވެ. ދެން ފެނިގެން ދިޔައީ "އޮގަސްޓް 12،13" އެވެ. އެ ހިސާބަށް ކަންތައްތައް ދިޔައީ ދިވެހިން ބޭނުންވި ބަދަލުތައް ލަސްވުމުންނެވެ. އިސްލާހާއި އިންސާފަށް އެދި އަޑު އުފުލި މީހުން ސަރުކާރުން ހައްޔަރު ކުރުމުންނެވެ.

އެއީ ގައުމެއްގެ ހަޔާތުގައި އައި ހިނދުކޮޅެކެވެ. "އޮގަސްޓް 12،13"އަކީ މަގުމަތީ ހަރަކާތުގެ ހަގީގީ ފެށުމޭ ވެސް ބުނެތެވެ. އެއަށްފަހު އުތުރި އެރުންތަކެއް ދެކޭނެއެވެ. ގަދަ ބާރާއި އާރުގައި "މަންތިރި" އަޅުވައި، ހިމޭން ކުރަން ބޮޑުން ބޭނުންވި މީހުން، ނުކުމެ ހައްގު ބަސް ބުނި ދުވަސް ވެސް ތާރީހު ދެކެފިއެވެ. ހާލަތު ބަދަލު ކުރެވޭނީ އެ ބަޔަކު ބޭނުން ވެގެންނެވެ. ރައްޔިތުން އެކަމަށް އެދި ހުށަހެޅި ގަތުމުންނެވެ.

އޮގަސްޓް 12،13 ގެ އެއްވުންތައް ކުރިއަށް ދިޔަ ދަނޑިވަޅުގައި ލައްކަ ގިނަ ކަންކަން އެތަނުގައި ހިނގައިދިޔައެވެ. އެއްވުމުގައި ސަރުކާރަށް ހުށަހެޅި ޑިމާންޑުތައް އަޑު އަހައި، ހައްޔަރުކޮށްފައި ތިބި ބައެއް މީހުން ސަރުކާރުން މިނިވަން ވެސް ކުރިއެވެ.

ބަދަލުތަކުގެ ފެށުމުގައި ރައީސް މުހައްމަދު ނަޝީދު: އޭރު އެމަނިކުފާނަށް ގިނަ ބަޔަކު ހަޖޫ ޖެއްސެވި، އެކަމަކު ތައުރީފުތައް މިއަދު އޮހެނީ އެމަނިކުފާނަށް-- ފޮޓޯ/ އަހުމަދު އަބްދުﷲ ޝަފީގު

ހަނދާނަށްް އަންނަނީ އެއްވުމުގެ ބައިވެރިންނާ މުހާތަބުކޮށް، އިނގިރޭސިވިލާތަށް އޭރު އަރުވާލެވިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޮނުއްވެވި ހިތާބެވެ. ޖުމްހޫރީ މައިދާނަށް އެއްވެ ތިބި މީހުންނާ މުހާތަބުކޮށް އެ ހިތާބު އިއްވަވައި ދެއްވީ ސަންދާނު އަހަންމައިދީއެވެ.

"ލޮބުވެތި ދިވެހި ރައްޔިތުންނޭ.  އަހަރެންނަކީ ކަލޭމެންގެ ވެރިއެއް ނޫން. އަދި އަހަރެންނަކީ ކަލޭމެންގެ މައްޗަށް ވެރިވެގަންނާން ބޭނުންވާ  މީހެއް ވެސް ނޫން.  އެހެންނަމަވެސް ދިވެހިންގެ އާންމު ހާލަތު ރަނގަޅު ކުރުމަށްޓަކާ، އެއިރެއްގައި ޖެހުނު ކޮންމެ ކަމެއް މި ގެންދަނީ ކުރަމުން. އަދި ކުރިއަށް އޮތްތަނުގައި ވެސް މިކަން ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މި ދީބުގެ ކުދިބޮޑު އެންމެން ގާތު ބުނަން،" ޖުމްހޫރީ މައިދާނުގައި އެ ދުވަހު އިއްވި ހިތާބުގައި ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތަށް، "ފަހު ނޭވާ ހުރިހާ ހިނދަކު" އެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދަން ޖެހެއެވެ. އެ މަސައްކަތުގައި އޭރު ދެމި ތިބި މީހުންނަކީ މިއަދުގެ އެ ބަޔަކަށްޓަކާ ގައުމު ފަހުރުވެރިވާ ބައެކެވެ. އިސްލާހީ މެޑަލްގެ ހައްގުވެރިންނަކީ އެއީއެވެ.

އިނގިރޭސިވިލާތަށް އަރުވާލެވިގެން ހުންނެވުމަށްފަހު ރައީސް ނަޝީދު އެނބުރި ރާއްޖެ ވަޑައިގެންނެވުމުން، އެމަނިކުފާނުގެ ސަޕޯޓަރުން އިސްތިގުބާލުގައި-- ފޮޓޯ/ އަހުމަދު އަބްދުﷲ ޝަފީގު

އަނެއްކާވެސް އެ މަސައްކަތުގެ ދުވެލި ބާރު ކުރަން ޖެހޭ ދަނޑިވަޅު މި އޮތީ އައިސްފައެވެ. ހައްގުގެ މަގުގައި ވަކާލާތު ކުރުމުގައި ދެމިތިބެންޖެހެއެވެ. ވެރިން ހިންގެވި މަގުން، ކަތުން ހިނގަންޖެހެއެވެ.

ކޮރަޕްޝަނާއި ފަސާދަ އާއި ހިޔާނާތުގައި ރާއްޖޭގެ ފަޅުތަކާއި ގިރިތައް ވިއްކާލައި، ބޭރުގެ ފަރާތްތަކަށް ދިވެހި ބިމުން ބައެއް މިލްކު ކުރެވޭ ގޮތަށް އެ ވަނީ ހަދާފައެވެ. އުފަން ވާން ތިބި, ދަރިން، ދިރިއުޅެން އޮތް މި ޖަޒީރާ ރާއްޖެއިން ދިވެހިންގެ ބަސް، ނުހިނގާނެ ތަނެއް އޮވެގެން ނުވާނެއެވެ. ޖީލުތަކުގެ ހައްގުގައި ވެސް ހައްގު ބަސް ބުނަން ޖެހެއެވެ. ގައުމެއްގެ ހަޔާތުގައި މި އަންނަ ހިނދުކޮޅުގައި ހިމޭން ނުވާށެވެ. މަޑުން ނުތިބޭށެވެ. ހައްގުގެ އަޑު ބާރު ކުރާށެވެ. އަޑު އުފުލުންތަކުގައި މިއަދު ހައްޔަރު ކުރާ މީހުންނަކީ ރައްޔިތުންގެ ކުރިމަތީގައި ކުށްވެރިންނެއް ނޫނެވެ. ކަތުން ދެކެނީ އެ މީހުންނަކީ ބަތަލުންގެ ގޮތުގައެވެ. ހަގީގީ ލީޑަރުންނަކީ އެއީއެވެ.

- ކޮމެންޓް