ޖޫން 12 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ސިންގަޕޫރުގައި ތާރިހީ ބައްދަލުވުމެއް ބޭއްވީ ވަރަށް މާތް މަތިވެރި މަގްސަދެއްގައެވެ. އެމެރިކާ އިން ބޭނުން ވަނީ، އެމެރިކާ އަށް ބިރެއްގެ ގޮތުގައި އެމެރިކާ އިން ސިފަ ކުރާ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި އުތުރު ކޮރެއާ އިން މިސައިލްތައް ޓެސްޓް ކުރުން ހުއްޓާލުމަށެވެ.
ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުމަށް ފަހު ކަންކަން ދިޔައީ ރަނގަޅަށެވެ. ދެގައުމުގެ ވެރިންގެ ފަރާތުން "ހޫނު" ގަދަ ބަސްތަކެއް ރައްދު ކުރެވޭ ތަނެއް ފެނިގެން ނުދެއެވެ. ފެނިގެން ދަނީ ދެގައުމުން ޑިޕްލޮމަސީ ކުރިއަށް ނެރެ ކަންކަން ހައްލު ކުރަން އުޅޭ ތަނެވެ. އެހެންނަމަވެސް، ޖޫން މަހު ފަހުކޮޅު އިވިގެން ދިޔައީ ހައިރާންކުރަނިވި ވާހަކައެވެ. ޖޫން 28 ވީ ބުރާސްފަތި ދުވަހު އިވިގެން ދިޔަ ވާހަކައަކީ އުތުރު ކޮރެއާގެ ނިއުކްލިއަރ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ވާހަކައެވެ. މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ބުނަމުން ދަނީ އުތުރު ކޮރެއާގެ ލީޑަރު ޖޫން 12 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެކު ބޭއްވުނު ބައްދަލުވުމުގައި، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލާނެ ކަމަށް ވައުދުވެވަޑައިގެންފައިވާއިރު، މިއީ އެއްވެސް ގޮތަކަށް ހިނގައިގެން ވާނެކަމެއް ނޫން ކަމަށެވެ. އުތުރު ކޮރެއާގެ ނިއުކްލިއަރ ފެސިލިޓީ އެއްގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަން ހާމަކޮށްފައި ވަނީ "38 ނޯތު" ނަމަކަށް ކިޔާ ބައެކެވެ. "38 ނޯތު" އަކީ އުތުރު ކޮރެއާގެ ކަންކަން ދިރާސާ ކުރުމުގައި ހަރަކާތްތެރިވާ އައުޓްލެޓެކެވެ. އެގޮތުން "38 ނޯތު"ގެ ތިން ރިސާޗަރުން ފަހުގެ ރިޕޯޓެއްގައި ބުނެފައި ވަނީ އުތުރު ކޮރެއާގެ "ޔޮންގްބިއޮން ނިއުކްލިއަރ ރިސާޗް ފެސިލިޓީ" ގައި މަސައްކަތްތަކެއް ވަރަށް "ހަލުވި ދުވެއްޔެއްގައި ކުރެވެމުންދާ ކަމަށް" ސެޓެލައިޓް ފޮޓޯތަކުން ފެންނަ ކަމަށެވެ. ޖޫން 21 ގައި ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކުން ފެންނަ ފެނުންތަކާއި އަދި އުތުރު ކޮރެއާގެ ރިޕޯޓާ ބެހޭގޮތުން "38 ނޯތު" ގެ މެނޭޖިން އެޑިޓަރ ޖެނީޓައުން ޓްވިޓާ ގައި ވިދާޅުވީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމުގެ މައްސަލާގައި ބޭނުން ވަނީ ހަރުދަނާ އަދި ބުރަދަން ހުރި ޑީލެއް ކަމަށާއި "ކުރަން ބޭނުންވާ ކަންކަން ބަޔާންކޮށްފައިވާ ބަޔާނެއް ނޫން ކަމަށެވެ."
ކޮންމެއަކަސް ޖޫން މަހު ފަހުކޮޅު އަޑުއިވެގެން ދިޔަ ވާހަކަ އަކީ ކޮންމެފަދަ ވާހަކައަކަށް ވިއަސް އުތުރު ކޮރެއާ އާއި އެމެރިކާ ގެ ގުޅުން ގޯސްވާތަނެއް ނުފެނެއެވެ. އެއީ ސުލްހަ އަށް ކުރެވޭ މަސައްކަތްތައް، ފިތުނަ ވެރިކަންކަމަށް ވުރެވެސް ގިނައީ ކަމަށް ވެދާނެއެވެ.
ސުލްހަ އަށް ކުރެވޭ ކަންކަން އިތުރު ވަމުންދާއިރު، އޭގެ ތެރެއިން އެންމެ ފަހުން ހިނގައި ދިޔަ ކަމަކީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ހުކުރު ދުވަހު އުތުރު ކޮރެއާ އަށް، ނިއުކްލިއަރ ހަތިޔާރު އެގައުމުން ގެންގުޅުން ހުއްޓާލުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަޑައިގެންނެވި ވަޑައިގެންނެވުމެވެ. މައިކް ޕޮމްޕެއޯ އެކި ފަހަރު ވިދާޅުވެފައި ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އަކީ މަޝްވަރާތަކުގައި އިޚުލާސްތެރި އަދި ހެޔޮހިތަކުން އެކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. ޕޮމްޕެއޯ މިހާރު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނު އުތުރު ކޮރެއާ އަށް މިހާތަނަށް ކުރައްވަމުން ގެންދަވާ ތިން ވަނަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ހުކުރު ދުވަހާއި އަދި ހޮނިހިރު ދުވަހު މައިކް ޕޮމްޕެއޯ ގިނަ މީޓިންތަކެއް އުތުރު ކޮރެއާގެ އޮފިޝަލުންނާ ބާއްވަވާނެއެވެ. އެމަނިކުފާނާއެކު އެމެރިކާގެ ޚާރިޖިއްޔާ، ސީއައިއޭ އަދި ނެޝެނަލް ސެކިޔުރިޓީ ކައުންސިލް ގެ "ނޯތު އޭޝިއާ" އާ ގުޅޭ މާހިރުން ބައިވެރިވެވަޑައިގަންނަވައެވެ.
އުތުރު ކޮރެއާގެ މައްސަލާގައި އެމެރިކާގެ އިސް ގިނަ އޮފިޝަލުން ގެންދަވަނީ މީޑިއާ އާ ގިނަ ވާހަކަތަކެއް ހިއްސާ ކުރައްވަމުންނެވެ. އެގޮތުން، އުތުރު ކޮރެއާ އިން ކުރިއަށް ގެންދާ ނިއުކްލިއަރ އަދި ބައިލޮޖިކަލް ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ ސީބީއެސް ގެ "ފޭސް ދަ ނޭޝަން" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމް އަހަރެއްތެރޭ ހުއްޓާލާނެ ޕްލޭނެއް އެމެރިކާ އިން އެކަށައަޅާފައިވާ ކަމަށެވެ. ބޯލްޓަން ވިދާޅުވީ އުުތުރު ކޮރެއާ އިން "އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ނިންމުން ނިންމާފައިވާ ނަމަ އަދި އެމެރިކާ އަށް އެކަމުގައި އެއްބާރުލުން އުތުރު ކޮރެއާ އިން ދޭނެނެމަ، ވަރަށް އަވަހަށް ކަންކަން ދާނެ ކަމަށެވެ." ވައިޓް ހައުސްގެ ނެޝެނަލް ސެކިޔުރިޓީ އެޑްވައިޒަރު ބޯލްޓަން އިތުރަށް ވިދާޅުވީ އެމެރިކާގެ، ހުށަހެޅުން ވަރަށް އަވަހަށް އުތުރު ކޮރެއާ އަށް ހުށަހަޅާނެ ކަމަށެވެ.
ކޮންމެއަކަސް، އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު، އެމެރިކާ އާއި އަދި ބައިނަލްއަގްވާމީ މުޖުތަމައު އިން ވެސް އަޅާފައިވެއެވެ. އެމެރިކާ އިން ތަކުރާރުކޮށް ބުނަމުން ދަނީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމަކީ އެމެރިކާއަށާއި އަދި މުޅި ދުނިޔެއަށްވެސް ހުރި ބިރެއް ކަމަށެވެ.
އެންމެންގެ ނަޒަރު މިހާރު ހުއްޓިފައި ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އުތުރު ކޮރެއާ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުން ހާސިލުވާނީ ކޮންކަމެއްތޯއެވެ. ކިހާ ބޮޑު ކުރިއެރުމެއް ލިބޭނެތޯއެވެ.