މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (އެމްބީސީ)އިން ރާއްޖޭގެ އެންމެ މަގްބޫލް ޓީވީއާއި އަދި ރޭޑިއޯ ޗެނަލާއި އެންމެ މަގްބޫލު ޓީވީ އަދި ރޭޑިއޯ ޕްރެސެންޓަރު ހޮވާ ގޮތަށް ނިންމައިފި އެވެ.
އެމްބީސީން ބުނީ ގައުމު ބިނާކުރުމާއި، ޑިމޮކްރެސީ އާލާކުރުމާއި، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓަރުން އަދާކުރާ މުހިއްމު ދައުރުގެ އަގު ވަޒަން ކުރުމާއި، މިސިނާއަތުގެ ތަރައްގީއަށް މަގުފަހި ކުރުމުގެ ގޮތުން ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހުގައި ބްރޯޑްކާސްޓަރުންނަށް އެވޯޑްތަކެއް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެމްބީސީ ހޮވާގޮތަށް ނިންމާފައިވަނީ ޕްރޮޑަކްޝަން ދާއިރާއިން އެންމެ މޮޅު ޑޮކިއުމެންޓްރީ ޕްރޮގްރާމް، އެންމެ މޮޅު ޚަބަރާއި ކަރަންޓް އެފެއާރޒް ޕްރޮގްރާމްގެ އިތުރުން އެންމެ މޮޅު މުނިފޫހި ފިލުވުމުގެ ޕްރޮގްރާމް އަދި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ފޮނުވި ޕްރޮގްރާމްއަށް ދެވޭ އެވޯޑް އެވެ.
މީގެ އިތުރުން "ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުން، ކޮންމެ މީހެއްގެ ވެސް ޒިންމާއެއް" އެ ތީމްގެ ދަށުން މިއަހަރު އުފައްދާ އެންމެ މޮޅު ޕްރޮގްރާމް (ޓީވީ. ރޭޑިއޯ) އަށް ދެވޭ އެވޯޑް ވެސް ހިމެނެ އެވެ.
އިތުރު އެވޯޑްތަކުގެ ތެރޭގައި ހިމެނެނީ ޓީވީ އާއި ރޭޑިއޯ ޗެނަލްތަކުގެ ތެރެއިން އަހަރުގެ ބްރޯޑްކާސްޓިންގ ޗެނަލް އެވޯޑާއި އެންމެ މަގްބޫލް ޕްރެސެންޓަރ އެވޯޑް އަދި ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ހިދްމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަށް ދޭ އެވޯޑް އެވެ.
އެމްބީސީން ބުނީ އެ އެވޯޑްތަކަށް ހުށަހެޅޭނީ ލައިސަންސް ދޫކޮށްފައިވާ ބްރޯޑްކާސްޓިންގ ސްޓޭޝަންގެ ޗެނަލްތަކަށް ކަމާއި އެވޯޑަށް ކުރިމަތި ލުމުގައި ބަލާނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 އިން ފެށިގެން މިއަހަރުގެ ޖުލައި 31 ވަނަ ދުވަހާ ދެމެދު އުފައްދާފައިވާ ޑޮކިއުމެންޓްރީތަކާއި ޕްރޮގްރާމްތަކަށް ކަމަށެވެ.