"ދަ-ބޭންގް: ދަ ޓުއަރ – ރީލޯޑެޑް" އާއެކު އިންޑިއާގެ ތަރިންތަކެއް ދަނީ އެމެރިކާ އާއި ކެނެޑާ ކުޑަކުރަމުންނެވެ.
އިންޑިއާގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރި ކަމަށްވާ ސަލްމާން ޚާންގެ މި ޓުއަރގެ ސްކްރިޕްޓް ތައްޔާރުކޮށް މުޅި ޓުއަރަ ޑައިރެކްޓްކޮށް މެނޭޖްކުރަނީ ސަލްމާންގެ ކޮއްކޮ ސުހެއިލް ޚާންގެ 'އެންޓަޓެއިންމަންޓް އެންޑް ޖޭއޭ އިވެންޓްސް' އިންނެވެ. ގިނަ ޕަރފޯމަންސްތަކެއް ފެނިގެންދާ މި ޝޯވތަކުގައި ޕަރފޯމްކުރާ ތަރިންގެ ތެރޭގައި ކެޓްރީނާ ކައިފް، ޖެކްލީން ފަނޭންޑެޒް، ޑޭޒީ ޝާހް، ސޮނާކްޝީ ސިންހާ، މަނީޝް ޕޯލް އަދި ޕްރަބޫ ދޭވާ ހިމެނެއެވެ. ޖޫން މަހުން 150 ކްރޫ މެމްބަރުންނާ އެކު ފެށި މި ޓުއަރ ޖުލައި މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ،
އެމެރިކާއާއި ކެނެޑާގެ ނުވަ ސިޓީއެއްގައި ކުރިއަށްދާ މި ޓުއަރ ފަށާފައި ވަނީ އެމެރިކާގެ އެޓްލާންޓާގައެވެ. އެއަށް ފަހު ކުރިއަށް ގޮސްފައި ވަނީ ޝިކާގޯގައެވެ. މީގެ އިތުރުން "ދަ-ބޭންގް: ދަ ޓުއަރ – ރީލޯޑެޑް"ގެ ޝޯވތައް އެމެރިކާގެ ލޮސް އެންޖެލެސް، ޑެލަސް އަދި ސޭން ހޯޒޭގައި ކުރިއަށް ގޮސްފައިވާ އިރު، ޖުލައި 1 ގައި ޝޯވ ބާއްވާފައި ވަނީ ކެނެޑާގެ ވެންކޫވަރގައެވެ. އަދި ވެންކޫވަރގެ ޝޯވއަށް ފަހު އަނބުރާ އެމެރިކާއަށް ގޮސް ވޮޝިންގޓަން ޑީސީ އާއި ނިއު ޖަރޒީގައި ޝޯވ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު، "ދަ-ބޭންގް: ދަ ޓުއަރ – ރީލޯޑެޑް" ފަހު ސިޓީ، ކެނެޑާގެ ޓޮރޮންޓޯގައި ޖުލައި 8ގައި ކުރިއަށް ދާނެއެވެ.
މިއީ މި ވޭތުވެ ދިޔަ 12 އަހަރުގެ ތެރޭގައި ސަލްމާން ދެކުނު އެމެރިކާގައި ޕަރފޯމްކުރާ ފުރަތަމަ ފަހަރެވެ.
"ވޭތުވެ 25 އަހަރު އަހަރެންނަށް ތާއީދުކޮށް ލޯބި ދީފައިވާ ފޭނުންނާ ކަނެކްޓް ކުރަން ބޭނުންވީ" ކަމަށް ސަލްމާން ބުނެފައިވެއެވެ.
އިންޑިއާގެ ފިލްމީ ދާއިރާގެ މި ވަގުތު އެންމެ ކާމިޔާބު ބަތަލާއިންނާ އެކު ސަލްމާން އެމެރިކާ އާއި ކެނެޑާގައި ޝޯވތައް ބާއްވަމުން ދާއިރު، އޭނާ އާއި ކެޓްރީނާ އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2017 ވަނަ އަހަރުގެ 'ޓައިގަރ ޒިންދާ ހޭ' އިންނެވެ. އަދި ނިމިގެން ދިޔަ މަހު ރިލީޒްކޮށްފައިވާ "ރޭސް 3" އިން އޭނާއާ އެކު ޖެކްލީން ފަނޭންޑަޒް ފެނިގެންދާ އިރު، ޑެއިޒީ ޝާހްއާ އެކު ސަލްމާން މަސައްކަތް ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ "ޖޭ ހޯ" ގައެވެ. އަދި ސޮނާކްޝީ ސިންހާއާ އެކު "ދަބަންގް 3" ގެ ޝޫޓިންގ މި އަހަރުގެ ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.