ކޮޕާ އިޓަލިއާގައި އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެގެން އިންޓަމިލާން ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު ބޮލޯނިއާއާ ވާދަކޮށް އިންޓަމިލާން މޮޅުވީ 2-3 ގެ ނަތީޖާއަކުންނެވެ.
އިންޓަމިލާންގެ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން 33 ވަނަ މިނެޓުގައި މުރީލޯގެ ލަނޑު އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ.
މި ލަނޑަށް ފަހު ވެސް ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް އެޓީމުން ދިޔައީ ތަނަވަސްކުރަމުންނެވެ. މެޗުގައި އިންޓަ އިން ލީޑު ނެގީ 39 ވަނަ މިނެޓުގައި ޕަލާސިއޯ ކާމިޔާބުކުރި ލަނޑުންނެވެ.
އެހެންނަމަވެސް ބޮލޯނިއާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް 43 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޒެމެއިލީ އެވެ. ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ބޮލޯނިއާގެ މައްޗަށް އިންޓަ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އިންޓަ އެވެ. އެހެންނަމަވެސް ބޮލޯނިއާ އިން ވެސް ދިޔައީ އިންޓަގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތު ހޯދަމުންނެވެ. އެގޮތުން 73 ވަނަ މިނެޓުގައި ޑޮންސާގެ ލަނޑުން އެޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ނިމުނިއިރު، ދެ ޓީމު ވެސް 2-2 ގެ ނަތީޖާ އިން އެއްވަރުވެފައިވުމާއެކު ދެން ކުޅުނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެހާފެވެ. އެގޮތުން ކުޅުނު ފުރަތަމަ ހާފްގެ 8 ވަނަ މިނެޓުގައި އިންޓަގެ ކަންޑްރޭވާ ވަނީ ލަނޑު ޖަހާ އެޓީމަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފަ އެވެ.
މި ނަތީޖާއާއެކު އިންޓަ ވަނީ މުބާރާތުގެ ކުއާޓާ އަށް ދަތުރުކޮށްފައެވެ. ކުއާޓާގައި އިންޓައާ ދެކޮޅަށް ކުޅޭ ޓީމު ކަށަވަރުވާނީ ބުދަ ދުވަހުގެ ރޭ ޖެނޯއާ އާއި ލާޒިޔާ ބައްދަލުކުރާ މެޗަށްފަހު އެވެ.