" އެހެންވީމާ އަޅުގަނޑުމެން މި ފަހަރު ރާވާއިރު ކަންކުރަންޖެހޭނީ ޅެންބައިތެއްގައި ބުނާހެން، ސައިކިޔަންޏާ ބޮނދު ބޮޑަށް ނޫނީ ކިޔާނެ ކަމެއް ނެތޭ، ގައިމުވެސް ދެން އޭރަކުން ހަމަ ސައިފިލާނެ ގެއެއް ނެތޭ، ބޮޑު ބޮލެއް ރިޔަލެއް ނުވަތަ މަންތިރިއަކުން ނަމަ ސައި ކިޔަސް، ބޮނދު ބޮޑަށް ނުކިޔައިފިނަމަ މަނަލެއް ހުރަސްކޮށްފާނެއޭ" މިއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކުރި ހުކުމަކީ ބޭއިންސާފުން ކުރި ހުކުމެއް ކަމަށް ބުނެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމާއި ދެކޮޅަށް ވާހަފުޅުދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އެޕާޓީގެ ކޮންގްރެސްއިން އިންތިހާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވި ވާހަކަފުޅެވެ. ޅެންބައިތަކެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރުމުން އަޅުގަނޑު ހަނދާނަށް އައީ ރާޒުވާ ކުޅެން ލޯބި ކުރައްވާ އިބޫ އެ ދުވަހު ދެއްކެވި ވާހަކަފުޅެވެ. އެމަނިކުފާނު ސިޔާސީ މައިދާނުގައި 'ކުޅިބައި' އަތުރާލެއްވި ގޮތާއި މެދުގައެވެ. ކޮންމެ ކުޅިއެއްވެސް އިބޫ ސިޔާސީ މައިދާނުގައި ޖައްސަވަނީ ވިސްނުންތެރިކަމާއެކުގައެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ޓިކެޓުގައި އެމަނިކުފާނު ވާދަނުކުރައްވަން ނިންމެވުމަށް ފަހު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި އިބޫ އިންތިހާބުކުރެއްވުމަކީ އެމްޑީޕީން ހަ ކުޅި ކުރިއަށް ކުޅުނު ކުޅިއެކޭ ވެސް ބުނެވިދާނެވެ. ގައުމަށްޓަކައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރެއްވުމަށް އިބޫ އަށް ކުޅިބައި މިފަހަރު އަތުރާލައްވައިދެއްވީ ރައީސް ނަޝީދެވެ. ދެން އޮތީ ބޮނދު ބުޑަށް ސައި ކިޔުމެވެ. އިބޫ ވިދާޅުވަނީ "ސައި ކިޔަންޏާ ބޮނދު ބުޑަށް ނޫނީ ކިޔާނެ ކަމެއް ނެތް" ކަމަށެވެ. ރައީސް ނަޝީދު އަތުރާލެއްވި މި ކުޅިބައިގެ ވާހަކަ ހަމަ ޔަގީނުން ވެސް އިބޫ ފައްޓަވާނަމަ ފައްޓަވާނީ މީގެ 40 އެތަށް އަރެއްގެ ކުރީގެ ހަނދާންތަކާއެކުގައެވެ. 'އަންނި'ގެ ވާހަކައިންނެވެ.
"ރައީސް ނަޝީދަކީ ކޮންބޭފުޅެއްތޯ، މިތަނަށް އަރާ ކޮންމެ ބޭފުޅަކުވެސް ތާއާރަފްގައި ކޮންމެވެސް އެއްޗެއް ވިދާޅުވޭ، އަޅުގަނޑު ރައީސް ނަޝީދަކީ ކޮންބޭފުޅެއްތޯ ދަންވަން ޖެހިއްޖިއްޔާ ދައްކަން ހުރި ވާހަކަ ވަރަށް ގިނަ، އެއީ "ލައްކަ" ވާހަކަ، ރައީސް ނަޝީދަކީ ކޮންބޭފުޅެއްތޯ ބުނުމުގެ ކުރިން އަޅުގަނޑު ތިބޭފުޅުންނަށް ކިޔައިދޭން ޖެހޭނީ އަންނި އަކީ ކާކުތޯ! އެއީ 40 އެތަށް އަހަރުގެ ދިގު ވާހަކައެއް" ޖަޒީރާ ރައީސްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
ކެނޑިޑޭޓަކަށް އިބޫ އިންތިހާބުވެވަޑައިގަތުމުން ވިދާޅުވީ "ރައްޔިތުން މި ގައުމަށް ބަދަލެއް" ބޭނުންވާ ކަމަށެވެ. 1994 ވަނަ އަހަރުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން ފަސް ވަނަ ދައުރެއް މިހާރު ފުރައްވަމުން ގެންދަވާ އިބޫ ވިދާޅުވީ ސިޔާސީ ހަޔާތުގައި "ތަފާތު ހިޔާލުގެ މީހުންނާއި އެކު މަސައްކަތް ކުރެވޭނެކަމުގެ ޔަގީންކަން" އެބަ އޮތްކަމަށެވެ. މަޖިލީހުގައި ހޭދަ ކުރެއްވި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރަމަތިލައްވަން ޖެހިވަޑައިގަތީ ހިޔާލު ތަފާތު މީހުންނާއި ކަމަށެވެ. އެހެންކަމުން ރައްޔިތުން އެދޭ ބަދަލު ގެނެއުމަށް ގުޅިފައިވާ ޕާޓީތަކާއި އެކު މަސައްކަތްކުރައްވަން ތައްޔާރަށް ހުންނެވިކަމަށެވެ. އިބޫ އެންމެ ދެކިލައްވަން ބޭނުންފުޅުވާ ދުވަހަކީ ރައީސް ނަޝީދު އަލުން ވެރިކަން ކުރައްވާ ދުވަސް ކަމަށެވެ.
"ހިންޏަކުން އަދި ހޫނަކުން ތިޔަ އަސަރުތަށް ފިލުމެއް ނެތޭ، ހިތްމަތާއި އަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއް ނެތޭ" އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ނަޝިދާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
ކެނޑިޑޭޓްކަން އިބޫއަށް ލިބިލެއްވި ނަމަވެސް ރައީސް ނަޝީދު އިންތިހާބުގައި ވާދަނުކުރައްވަން ނިންމެވި ނިންމެވުމަކީ އެމްޑީޕީ އަށާއި އެމަނިކުފާނަން ލިބުނު ހިތާމައެއް ކަމަށް އިބޫ ވިދާޅުވިއެވެ. ރައީސް ނަޝީދުގެ ހިދުމަތްތައް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށް އިބޫ ދެކިވަޑައިގަންނެވެ.
"މި ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވާދަނުކުރައްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން އެއީ، އެހާ ފަސޭހައިން އަޅުގަނޑުމެން އެކަކަށް ވެސް ގަބޫލުކުރަން ފަސޭހަކަމަކަށް ވެގެން ނުދިޔަ، އެއީ ސަބަބުތަކެއް އޮތީމަ، އެމަނިކުފާނަކީ ރާއްޖޭގެ ޑިމޮކްރަސީއަށާއި، ރާއްޖޭގެ އިސްލާހީ މަސައްކަތަށާއި، ރާއްޖޭގެ ތަރައްގީއަށާއި، ރައްޔިތުންގެ ކުރިއެރުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވާތީ" ކޮންގްރެސްގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް ނަޝީދު އިސްވެ ހުންނަވާ "ގާނޫނު އަސާސީގެ ދިފާއުގައި ދިވެހިން" މި ނަމުގައި ފެށި ހަރަކާތަށް ބޮޅެއް އިތުރުކޮށްލެއްވީ "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން"ގެ ނަމުގައި ފެށި ހަރަކާތުންނެވެ. އަނިޔާވެރިކަން އިންތިހާއަށް ގޮސް ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ދުވަސްތަށް ހޭދަކުރަވަން ޖެހިވަޑައިގަތެވެ. ނަތީޖާއަކަށްވީ ޕާޓީތަކާއި އެކު، "މީހުންގެ މީހެއްގެ ގޮތުގައި" އިބޫ މަސައްކަތް ކުރައްވަންޖެހިވަޑައިގަތުމެވެ. މީހެއްގެ އަޅަކަށް ނުވެއެވެ. ހިޔާލުތަފާތުވާ ދަނޑިވަޅުގައި ވެސް ދައްކާ ވާހަކަ އަޑުއައްސަވާ މީހެއްގެ ގޮތުގައެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ހަތަރު ލީޑަރުންގެ ފުރިހަމަ ތާއިދާއެކު ދެން އޮތީ އަންނަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު ބޮނދު ބުޑަށް ސައި ކިޔުމެވެ.
"ކޮންމެ ފަދަ ހޫނެއް ވިއަސް މެންދުރުގެ އަވިގަދަ، ކޮންމެ މެންދުރަކަށް ފަހުން ފިނިކަން ހަވީރުގެ އަންނަނީ، އާދެ މިއަދު މި ވަނީ އިރު، މެންދުރުގެ ވާޖިބު އަދާކޮށް ނިމި، އަނެއްކޮޅަށް ތިރިވެލާފަ، ދާދި އަވަހަށް ހަވީރުގެ ފިނިކަން އައިސް އަޅުގަނޑުމެނާއި ހަމަކުރާނެ" ރައީސް މައުމޫން ބައިވެރިވަޑައިގެންނެވި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މީގެ ކުރިން އިބޫ ވިދާޅުވިއެވެ.