ކ. މާލެ
|
30 ޖޫން 2018 | ހޮނިހިރު 10:38
އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުހުން
އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ފުލުހުން
ޑެއިލީ މެއިލް
މެކްސިކޯ
އިންތިޚާބުގެ ކެމްޕެއިނަށް ނުވަމަސް، 132 ކެނޑިޑޭޓުން މަރާލައިފި
އިންތިޚާބު ބާއްވާނީ ޖުލައި 1 ގައި
ނުވަ މަސްތެރޭ 132 ކެނޑިޑޭޓުން މަރާލާފައިވޭ

މެކްސިކޯއަކީ ދުނިޔޭގެ ނިސްބަތުންބަލާއިރު ކުށް ގިނަ ގައުމެއްގެ ގޮތުގައި  ލޭބަލްވެފައި އޮންނަ ގައުމެކެއެވެ. އެ ގައުމުގައި ހިނގާ ގިނަ ކުށްތަކުގެ އަސްލަކަށް ވެފައި އޮންނަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ކުށުގެ ވެށި ސިޔާސީ ފަރާތްތަކާއިވެސް ގުޅިފައިވާ މިންވަރު އަދި ބިރުވެރިކަން އެނގިގެންދަނީ ރޭވިގެން ހިންގޭ ޖަރީމާ ތަކުގައި ފުލުހުންގެ ދައުރު އޮންނަ ކަމަށް ތުހުމަތުތަކަށް ފާހަގަވަމުންދާ ދިއުމުންނެވެ. 2014 ވަނަ އަހަރު މެކްސިކޯގެ ޣެރޭރޯ ސިޓީގައި 43 ދަރިވަރުން ގެއްލުނު ހާދިސާގައިވެސް ފުލުހުންގެ ދައުރު އޮތްކަމަށް ސިޓީގެ ގަވަރނަރ ވިދާޅުވެފައިވާއިރު އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ އެކި ފަރާތްތަކުން ހެދި ތަހުގީރީ ރިޕޯޓްތަކުންވެސް އެކަންވަނީ ފާހަގަކުރެވިފައެވެ. މީގެ އިތުރުން އަންނަ މަހު 1 ވަނަ ދުވަހު ބާއްވާ އިންތިޚާބުތަކުގައި އޮކަމްޕޯ ޓައުންގެ މޭޔަރު ކަމަށް ވާދަކުރެއްވި ކެންޑިޑޭޓަކު މަރާލި މައްސަލައެއްގައި އެރަށުގެ ހުރިހާ ފުލުހުންވަނީ ހައްޔަރުކޮށްފައެވެ.

ޖުލައި 1 ގައި މެކްސިކޯގައި ރިޔާސީ އިންތިޚާބުގެ އިތުރުން ފެޑެރަލް، ސްޓޭޓް އަދި މުނިސިޕަލް އިންތިޚާބުތަކެއް ބާއްވަން ހަމަޖައްސާފައިވާއިރު މިދިޔަ އަހަރުގެ ސެޕްޓެމްބަރުންފެށިގެން ކެނޑިޑޭޓުން އަންނަނީ ކެމްޕެއިން ކުރައްވަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރުން ފެށިގެން މިހާތަނަށް 132 ކެނޑިޑޭޓަކުވަނީ މަރާލާފައެވެ.

ރިސްކް އެނަލިސިސް އަދި ކްރައިސިސް މެނޭޖްމަންޓް ފާރމް އެއްކަމަށްވާ އެޓެލެކްޓްއިން އަންގާރަ ދުވަހު ނެރުުނު ރިޕޯޓްގައި ބުުނެފައިވާ ގޮތުގައި މެކްސިކޯގެ 32 ސްޓޭޓްގެ ތެރެއިން 22 ސްޓޭޓެއްގައި ކެމްޕެއިން ފެށުނު ފަހުން ސިޔާސީ ފަރާތްތައް މަރާފައިވެއެވެ.

އެންމެ ހައިރާންކުރަނިވި އެއް މަރު ހިނގާފައިވަނީ މި މަހުގެ ކުރީކޮޅު، ކޮންގްރެސްއަށް ވާދަކުރައްވާ ކެނޑިޑޭޓަކު ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދެއްކެވުމަށްފަހު ބައްދަލުވުން އޮތް ހޯލުން ނުކުމެވަޑައިގެން ފޮޓޯއަަކަށް ހުއްޓިވަޑައިގެން ހުންނަވަނިކޮށެވެ.

އުތުރުގެ ސްޓޭޓޭއްކަމަށްވާ ކައުހީލާގައި ފެރްނާންޑޯ ޕޫރޯންގެ ބޮލަށް ފުރަގަހުން ބަޑިޖަހައި މަރާލާފައިވަނީ ޖަރީމާތަށް މަދުކުރައްވާނެކަމަށް ވައުދުވެ ވަޑައިގެން ވާހަކަދައްކަވާފައި ނުކުންނެވިތަނުންނެވެ.

ޕޫރޮންއަކީ މެކްސިކޯގެ މައި ޕާޓީ، އިންސްޓިޓިއުޝަނަލް ރިވޮލިއުޝަނަރީ ޕާޓީގެ މެމްބަރެކެވެ. އެޓެލެކްޓްގެ ރިޕޯޓްގައިވާގޮތުން އެންމެ ގިނަ ކެނޑިޑޭޓުން މަރުވެފައިވަނީ އެ ޕާޓީންނެވެ. އެ ޕާޓީން ޖުމްލަ 12 ކެނޑިޑޭޓަކު މަރުވެފައިވެއެވެ.

މަރުތަކުގެ ފަހަތުގައިވަނީ ކޮން މަގްސަދެއްކަން ސާފު ނުވިނަމަވެސް ބެލެވިފައިވާ ގޮތުގައި މި ހުރިހާ ފަރާތްތަކެއް މަރާލުމުގެ ފަހަތުގައިވެސްވަނީ އެގައުމުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ޑްރަގް ކާޓެލްތަކެވެ.

އެތައް ބަޔަކު ގެންދަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހުން ފެށިގެން ވެރިކަމުގައި ހުންނެވި މިހާރުގެ ރައީސް އެންރީކޭ ޕީނާ ނިއެޓޯ ގެ ވެރިކަމުގައި މަސްތުވާތަކެއްޗާ ގުޅުންހުރި ޖަރީމާތައް މަދުކުރުމަށް ނުކުޅެދިފައިވާތީ ފާޑުކިޔަމުންނެވެ.

ކެނޑިޑޭޓުން މެރުމުގެ އަމަލުތަކަކީ މި ރިޕޯޓްގައި އެޓެލެކްޓްއިން ފާހަގަކުރެވުނު ކަންކަމުގެ އެއްބައެވެ. މީގެ އިތުރުން ކެނޑިޑޭޓުން ވަގަށްނެގުމާއި އެމީހުންނަށް ބިރުދައްކައިގެން ފޭރެން އުޅުމުގެ 543 ހާދިސާއެއް ފާހަގަކޮށްފައިވެއެވެ.

މީހުން މެރުމުގެ ކަންކަމަކި އެ ގައުމުގައި ހަމައެކަނި ސިޔާސީ ކަންކަމާއި ގުޅިގެން އިތުރުވެފައިވާ ކަމެއް ނޫނެވެ. 2017 ވަނަ އަހަރަކީ އެ ގައުމުގައި އެންމެ ގިނައިން މީހުން މެރި އަހަރަށްވާއިރު ސަރުކާރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ އަހަރު 25،000 އަށްވުރެ ގިނަ މީހުން މަރާލާފައިިވެއެވެ.

މީހުން މަރާ އަދަދު ސަރުކާރުން ހާމަކުރަން ފެށިފަހުން މިދިޔަ މެއި މަހަކީ އެގައުމުގައި އެންމެ ގިނައިން މީހުން މަރާފައިވާ މަހެވެ.

ސަރުކާރުން އެންމެ ފަހުން އާއްމުކުރި ހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 20،506 މީހުން މަރާލާފައިވާއިރު މެއި މަހު އެކަނިވެސް 4،381 މީހުން މަރާލާފައިވެއެވެ.

- ކޮމެންޓް