މެންޗެސްޓާ ޔުނައިޓެޑަށާއި ބާސެލޯނާ އަދި ނެދަލެންޑްސްގެ ގައުމީ ޓީމަށް ކޯޗުކަން ކޮށްދީފައިވާ ލުއިސް ވެން ހާލް 26 އަހަރަށް ފަހު ކޯޗިންގެ ދާއިރާއިން ރިޓަޔާ ކޮށްފި އެވެ.
ވެން ހާލް ކޯޗިން ދާއިރާއިން ރިޓަޔާކުރިކަން އިއުލާންކުރީ ނެދަލެންޑްސް ސަރުކާރުން އޭނާ ފުޓްބޯޅަ އަށް ކޮށްދިން ހިދުމަތުގެ އަގުވަޒަންކުރުމަށް ދިން "ލައިފް ޓައިމް އެޗީވްމަންޓް" އެވޯޑާ ހަވާލުވުމަށް ފަހުއެވެ.
ނެދަލެންޑްސްއަށް އުފަން އުމުރުން 65 އަހަރުގެ ވެން ހާލް ބުނީ، ކޯޗިންގެ ދާއިރާއިން ރިޓަޔާކުރީ އުމުރުގެ ބާކީ އޮތް ދުވަސްކުޅު އާއިލާއަށް ވަގުތު ދޭން ބޭނުންވެގެން ކަމަށެވެ. އެނާ ބުނީ މި ނިންމުމަކީ އަމިއްލަ އަށް ބޭނުން ވެގެން ނިންމި ނިންމުމެއް ކަމަށާއި އަދި މިގޮތަށް ނިންމި ނަމަވެސް ފުޓުބޯޅައާ ދުރަށް ނުދާނެ ކަމަށެވެ.
މީގެ 26 އަހަރު ކުނިން ވެންހާލް ކޯޗިން ކެރިއަރު ފެށީ ނެދަލެންޑްސްގެ އަޔެކްސްއިންނެވެ. އޭގެ ފަހުން އޭނަ ވަނީ ސްޕެއިންގެ ބާސެލޯނާގެ އިތުރުން ނެދަލެންޑްސް ގައުމީ ޓީމަށާއި ބަޔާން މިއުނިކަށް ވެސް ކޯޗްކަން ކޮށްދީފަ އެވެ. އެންމެ ފަހުން އޭނަ ކޯޗްކަން ކޮށްދީފައި ވަނީ މެންޗެސްޓާ ޔުނައިޑެޑަށެވެ. ޔުނައިޓެޑުގެ ކޯޗްކަމުން ވެން ހާލް ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހު އެވެ.
ވެން ހާލްގެ ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ނެދަލެންޑްސް އަށް ތިން ވަނަ ހޯދައިދީފަ އެވެ. އަދި މީގެ އިތުރުން އަޔެކްސް އަށް ތިން ފަހަރު ނެދަލެންޑްސްގެ ލީގު ކާމިޔާބު ކޮށްދިންއިރު ބާސެލޯނާ އަށް ދެ ފަހަރު ސްޕެނިޝް ލީގު އޭނަ ވަނީ ކާމިޔާބު ކޮށްދީފަ އެވެ. އަދި އެންމެ ފަހުން ކޯޗުކަން ކޮށްދިން މެންޗެސްޓާއަށް އޭނާވަނީ އެފްއޭކަޕް ކާމިޔާބުކޮށްދީފަ އެވެ.
ގިނަ ބައެއްގެ މަގުބޫލްކަން ހޯދި ވެންހާލް ވަނީ އޭނަގެ ކޯޗު ކަމުގައި އޭޒެޑް އަށް އެއް ފަހަރު ނެދަލެންޑްސް ލީގުވެސް ކާމިޔާބު ކޮށްދީފަ އެވެ.