ކ. މާލެ
|
23 ޖޫން 2018 | ހޮނިހިރު 10:11
ސަޢޫދީ އަރަމްކޯގެ ތެޔޮ ސާފުކުރާ މަރުކަޒެއް
ސަޢޫދީ އަރަމްކޯގެ ތެޔޮ ސާފުކުރާ މަރުކަޒެއް
ގޫގުލް
ތެލުގެ ބާޒާރު
ތެޔޮ ނަގާ މިންވަރު އިތުރުކުރަން އޯޕެކުން ނިންމިނަމަވެސް ތެލުގެ އަގު މައްޗަށް!
ފީފާއެއްގެ އަގު ހުކުރު ދުވަސް ނިމުނުއިރު ހުރީ 74.60 ޑޮލަރުގައި

ދުނިޔޭގެ ބާޒާރުގެ ޑިމާންޑާއި އެއްވަރަކަށް ސަޕްލައިކުރުމަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އޯޕެކުން ނިންމައިފިއެވެ. 

ތެޔޮ އެކްސްޕޯޓްކުރާ ޤައުމުތަކުގެ ޖަމްއިއްޔާ އޯޕެކްގެ ވަޒީރުންގެ ބައްދަލުވުމެއް ހުކުރު ދުވަހު އޮސްޓްރިއާގެ ވިއެނާގައި ބޭއްވުމަށްފަހު އޯޕެކްގެ އެންމެ ބާރުގަދަ އެއް ޤައުމުކަމަށްވާ ސަޢޫދީ ޢަރަބިއްޔާއިން ބުނީ މިނިންމުމާއެކު ދުވާލެއްގެ މައްޗަށް އިތުރު މިލިއަނެއްހާ ފީފާގެ ތެޔޮ އުފެއްދޭނެކަމަށެވެ. މިއީ ކޮންމެ ދުނިޔޭގެ ބާޒާރުގައި ދުވާލެއްގެ ތެޔޮ ސަޕްލައިގެ އެންމެ އިންސައްތައެކެވެ. 

އެހެންނަމަވެސް އިރާޤުން ބުނީ މިލިއަނެއްހާ ފީފާގެ ތެޔޮ ދުވާލަކު އިތުރަށް ނުނެރެވޭނެކަމަށާއި، ބައެއް ޤައުމުތަކަށް ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ވަގުތު ބޭނުންވާނެކަމަށެވެ. އެހެންކަމުން ބާޒާރަށް ނެރެވޭނީ ދުވާލަކު 770،000 ފީފާގެ ތެޔޮކަމަށް އިރާޤުން ލަފާކުރެއެވެ. 

ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް އޯޕެކްގެ ޤައުމުތަކުން ނިންމިނަމަވެސް، މި ނިންމުމާއި އެޖަމާޢަތުގެ މެމްބަރު ޤައުމުތަކުގެ ތެރެއިން 3 ވަނައަށް އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ޤައުމުކަމަށްވާ އީރާނުން ދެކޮޅު ހަދައެވެ. އެހެންކަމުން ވަޒީރުންގެ ބައްދަލުވުމަށްފަހު އޯޕެކުން ނިންމި ނިންމުމުގެ ސަބަބުން ބާޒާރަށް ނެރޭ ތެލުގެ މިންވަރު އިތުރުވުމުގެ ބަދަލުގައި، އެނިންމުމުގެ ސަބަބުން ވެގެންދާނެ ގޮތަކީ ބާޒާރުގައި ތެޔޮ ނެތް ދިމާތައް ފޫބެއްދުންކަމަށް މުހައްލިލުން ބުނެއެވެ. 

ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް ސަޢޫދީއަށް ބާރު އެޅީ އޯޕެކްގައި ނުހިމެނޭ އެމެރިކާއިންނެވެ. އެހެން ނަމަވެސް ބާޒާރުގައި ތެޔޮ މަދުވެގެން އުޅެނީ ތެޔޮ ނަގާ މިންވަރު މަދުވެގެން ނޫންކަމަށާއި، މައްސަލައަކީ ތެޔޮ އުފައްދާ ބައެއް ޤައުމުތަކާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެޤައުމުތަކަށް ބައިނަލްއަޤްވާމީ ބާޒާރަށް ތެޔޮ ނުނެރެވުންކަމަށް އީރާނުން ބުނެއެވެ. އީރާނުން އިޝާރާތްކުރީ އެޤައުމާއި ވެނެޒުއޭލާއާއި ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. 

ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނަށް ލިބޭ އިޤްތިޞާދީ ގެއްލުންތައް ފޫބެއްދުމަށް ތެލުގެ ފައިދާއިން ލިބޭ އާމްދަނީ އެޤައުމަށް މުހިއްމެވެ. އަދި ތެލުގެ އާމްދަނީ އިތުރުކުރުމަށް ތެލުގެ އަގު ވެއްޓުނަ ނުދީ ހިފަހައްޓަން ތެޔޮ ނަގާ މިންވަރު އިތުރުކުރުމަށް އީރާނުން ދަނީ ދެކޮޅު ހަދަމުންނެވެ. 

ދުނިޔޭގެ ބާޒާރުގައި 2014 ވަނަ އަހަރުން ފެށިގެން ތެލުގެ އަގު ހެޔޮވާން ފެށީ ތެޔޮ ނަގާ މިންވަރު އިންތިހާއަށް އިތުރުވުމާ ގުޅިގެންނެވެ. ތެޔޮ އުފައްދާ މިންވަރު މަދުކޮށް، ކޮންޓްރޯލްކުރުމަށް ޤައުމުތަކުން ނިންމީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ތެޔޮ ފީފާއެއްގެ އަގު 25 ޑޮލަރަށް ވެއްޓުމާއި ގުޅިގެންނެވެ. އަދި ތެޔޮ އުފައްދާ މިންވަރު ކޮންޓްރޯލްކުރުމަށް 2017ވަނަ އަހަރުގެ ޖެނުއަރީ މަހު އޯޕެކުން ނިންމައި، ބާޒާރުގައި ހުރި އިތުރު ތެޔޮ ހުސްކުރިއެވެ. މިގޮތުން ދުނިޔޭގެ ސަޕްލައި ޗެއިނުން ދުވާލެއްގެ މައްޗަށް 1.8 މިލިއަން ފީފާގެ ތެޔޮ އޯޕެކުން އުނިކުރިއެވެ. އަދި އެއާ އެކު ތެޔޮ ފީފާއެއްގެ އަގު 70 ޑޮލަރަށް ވުރެ މައްޗަށް ދިޔައެވެ. 

އެހެން ނަމަވެސް ވެނެޒުއޭލާ، އެންގޯލާ އަދި ލީބިޔާއިން ތެޔޮ ނެގޭ މިންވަރު އިންތިހާއަށް ދަށްވުމާއި ގުޅިގެން ދުނިޔޭގެ ބާޒާރުން ދުވާލެއްގެ މައްޗަށް 2.8 މިލިއަން ފީފާގެ ތެޔޮ މަދުވިއެވެ. އަދި މިފަހަރު އޯޕެކުން އިތުރުކުރަން ނިންމީ އެ ހުސްތަން ފޫބެއްދުމަށް ނެރޭނެ ތެލުގެ ޝިޕްމަންޓެވެ.

އޯޕެކުން ހުކުރު ދުވަހު ނިންމި ނިންމުމުގައި ސުވާލު އުފެދޭ ބައެއް ކަންކަން ހުރުމުން ތެލުގެ އަގު ހުކުރު ދުވަހު މައްޗަށް ދިޔައެވެ. އެގޮތުން ތެޔޮ ފީފާއެއްގެ އަގު 74.60 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. ތެލުގެ އަގު މައްޗަށް ދިޔައިރު، އޯޕެކުގެ ބައްދަލުވުމުގެ ކުރިން އެބައްދަލުވުމުން ރަނގަޅު ނަތީޖާއެއް ނިކުންނާނެކަމަށް ލަފާކުރެވޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުޑަ ތަންކޮޅެއް ހެޔޮވިއެވެ. 

- ކޮމެންޓް
23 ޖޫން 2018 | ހޮނިހިރު 10:11
ޔާ ގުމްޑާ
ތެޔޮ އަގުހެހޮވާނީ ޔާމީނުއާއި ޝައިނީގެ ތެޔޮވަޅުން ތެޔޮނަގައިގެން ވިއްކަން ފެށީމައި