ކ. މާލެ
|
16 ޖެނުއަރީ 2017 | ހޯމަ 16:20
އޭސީސީ: ކޮމިޝަނުގެ ރިޕޯޓުގައި ޑިރެކްޓަރުގެ ނަމެއް ހާމަކޮށްފައެއް ނުވޭ
އޭސީސީ: ކޮމިޝަނުގެ ރިޕޯޓުގައި ޑިރެކްޓަރުގެ ނަމެއް ހާމަކޮށްފައެއް ނުވޭ
ސަން އޮންލައިން
ކޮރަޕްޝަން
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
 
އިމާރާތުގެ ވެރިފަރާތުން ކުރަންޖެހޭ ކަންތައްތައް ކޮށްފައިވާ ކަމަށް ބުނެ ޑިރެކްޓަރު ސޮއިކުރި
 
ކުލީގެ ގޮތުގައި 481،000 ރުފިޔާ ދެއްކި
 
ހަދާ ނުނިމޭ އިމާރާތަކަށް ކުލި ދައްކަމުން ދިޔައީ

ޕަބްލިކް ސާވިސް މީޑިއާ(ޕީއެސްއެމް) އިން "މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް" ހުޅުވުމަށްޓަކައި ހަދާނުނިމޭ އިމާރާތެއްގެ ދެ ބުރި ކުއްޔަށް ނަގައިގެން ކުލި ދައްކަމުން ދިޔަ މައްސަލައަކީ ކޮރަޕްޝަން އެކުލެވޭ މައްސަލައެއް ކަމަށް ކަނޑައަޅައި، ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ ކުރީގެ ޑިރެކްޓަރުގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވައިފި އެވެ.

 

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު، ޕީއެސްއެމްގެ ޕްރޮކިއުމެންޓް ޑިޕާޓްމެންޓުގެ ކުރީގެ ޑިރެކްޓަރުގެ މައްޗަށް ތިން ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

 

އެގޮތުން، ފުރަތަމަ ދައުވާއަކީ، ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ކޮށްފައިވާ ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން އޭނާއަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

 

ދެވަނަ ދައުވާއަކީ ގާނޫނުލްއުގޫބާތުގެ  513ވަނަ މާއްދާގެ (ށ) ގެ (2) ދަށުން ކޮށްފައިވާ ތިމާއަށް ނުވަތަ އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ މަގުސަދުގައި، ކަމެއް ކުރުމުގެ ކުށުގެ ދައުވާ އެވެ.

 

އޭސީސީން ބުނީ "މީޑިއާ ޓްރެއިނިންގ އިންސްޓިޓިއުޓް" ގާއިމްކުރުމަށް ޕީއެސްއެމް އިން ކުއްޔަށް ހިފާފައިވާ އިމާރާތުގެ ކުލީގެ ގޮތުގައި 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ޚަރަދުކޮށްފައިވާ 481،000ރ. އަކީ އެ ކުންފުންޏަށް ގެއްލުންވާ ގޮތަށް ޚަރަދުކޮށްފައިވާ ފައިސާއެއް ކަމަށެވެ.

 

އެހެންކަމުން އެ އިމާރާތުގެ ކުލީގެ ގޮތުގައި ޕީއެސްއެމް އިން ދައްކާފައިވާ ފައިސާ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ކުރީގެ ޑިރެކްޓަރުގެ އަތުން އަނބުރާ ހޯދުމުގެ ދައުވާ ކުރުމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ވަނީ ފޮނުވާފަ އެވެ.

 

އޭސީސީން އާންމު ކުރި މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ، މީޑިއާ އިންސްޓިއުޓް ގާއިމްކުރުމަށް އިމާރާތެއް ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ތިން ބިޑެއް ހުށަހަޅާފައިވާއިރު، ބިޑް ކާމިޔާބުކުރި ފަރާތުން ހުށަހަޅާފައިވާ އާކިޓެކްޗުއަލް ކުރެހުންތަކުން ފްލޯ ޕްލޭން ރާވާނެ ގޮތެއް އެނގެން ނެތީތީވެ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޕީއެސްއެމްގެ އިސް ދެ ފަރާތަކުން އިމާރާތް ބެލުމަށް ދިޔަކަން ލިޔުންތަކުން އެނގެން އޮންނަ ކަމަށެވެ.

 

އޭސީސީން ބުނީ ކޮންމެ ފަންގިފިލާއަކަށް މީލާދީ ކޮންމެ މަހަކަށް 37،000ރ. ގެ ރޭޓުން އިމާރާތް ކުއްޔަށް ހިފާފައިވާއިރު، އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ހައުސިން މިނިސްޓްރީން އެ އިމާރާތް ބޭނުންކުރުމުގެ ހުއްދަ ދީފައި ނުވަނީސް ކަން އެނގެން އޮންނަ ކަމަށެވެ. އަދި އެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި، ކުއްޔަށް ހިފި މުއްދަތު ގުނަން ފަށާނީ 1 ޑިސެމްބަރ 2015 ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، 1 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ކުރިން ޕީއެސްއެމް އިން ބޭނުންވާ މިންވަރަށް އިމާރާތް ފުރިހަމަކޮށް ހަވާލުކޮށްފައި ނުވާކަން އެނގެން އޮތް ނަމަވެސް، އެކަމާ ގުޅިގެން ޕީއެސްއެމް އިން އިދާރީ ފިޔަވަޅު އަޅާފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުނެއެވެ.

 

ނަމަވެސް، އިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ ނިންމާފައި ކަމަށް ބަޔާންކޮށް ޕީއެސްއެމް ގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ ސޮއިކޮށް ކުންފުނީގެ އެޑްމިނިސްޓްރޭޝަން ޑިޕަރޓްމަންޓަށް ފޮނުވާފައިވާ މެމޯއަށް ބަލައި، ޕޭމަންޓް ވައުޗަރު ހަދައި، އެ އިމާރާތުގެ 2015 ވަނަ އަހަރުގެ ޑިސެމްބަރ އަދި 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުލީގެ ގޮތުގައި 111،000ރ. ޕީއެސްއެމް އިން އިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ދީފައިވާކަން އެނގެން އޮންނަ ކަމަށް އޭސީސީން ބުނެއެވެ.

 

އޭސީސީން ބުނީ، އޭގެ ފަހުން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޖޫން މަހާ ހަމައަށް އެ ޢިމާރާތުގެ ކުލީގެ ގޮތުގައި 74،000ރ. އެ އިމާރާތް ކުއްޔަށް ދޫކޮށްފައިވާ ފަރާތަށް ޕީއެސްއެމް އިން ދީފައިވާކަން ތަހުގީގަށް ލިބިފައިވާ ލިޔުންތަކުން އެނގެން އޮތް ނަމަވެސް، 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ޕީ.އެސް.އެމް އިން ޢިމާރާތުގެ ކުލި ދީފައިވަނީ، އެ ޢިމާރާތް ކުއްޔަށްހިފުމަށް ސޮއިކޮށްފައިވާ އެއްބަސްވުމުގެ 16 ވަނަ މާއްދާގައި ޢިމާރާތް ކުއްޔަށްދޭ ފަރާތުން ޢިމާރާތް ޕީ.އެސް.އެމް އާ ޙަވާލުކުރުމުގެ ކުރިން ކޮށް ނިންމަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ކަންތައްތައް އެފަރާތުން ފުރިހަމަ ކޮށްފައި ނުވަނީސް ކަން ތަހުގީގަށް އެނގެން އޮންނަ ކަމަށެވެ.

 

އޭސީސީން ބުނީ ޢިމާރާތް ކުއްޔަށްދޭ ފަރާތުން ކޮށް ނިންމާންޖެހޭ މަސައްކަތްތައް ހުރީ އެ މާއްދާގައި ބަޔާންކޮށްފައިވާގޮތަށް ނިންމާފައިކަމަށް ބަޔާންކޮށް އެކަމާގުޅޭ އިދާރީ މެމޯ ގައި ސޮއިކޮށްފައިވާ ޕީއެސްއެމްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑިރެކްޓަރ އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ވަކި ފަރާތަކަށް މަންފާތަކެއް ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ތަހުގީގަށް ފާހަގަކުރެވުނު ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި