އީދު ބަންދާ ދިމާކޮށް ޝަލަބީ އިބްރާހިމްގެ އަޑުން ކިޔާފައިވާ ލޯބީގެ އައު ލަވައެއް ރިލީޒް ކޮށްފި އެވެ.
"ތިބާ ހީލުމުން" މިނަމުގައި ނެރެފައިވާ މިލަވަ ރިލީޒްކޮށްފައިވަނީ އެކަމަށްޓަކައި ބަރިސްތާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަބްދުއްރަޝީދު އަލީ (އަބްސީ) އެވެ.
މިލަވަ ރިލީޒް ކުރުމަށްފަހު އަބްސީ ބުނީ މިއުޒިކް ދާއިރާގައި ޚާއްސަކޮށް ރާއްޖޭގައި ކޮޕީ ލަވަ ވަރަށް ގިނަ ކަމަށެވެ. ކޮޕީ ލަވަ އަޑުނާހަން ބައެއް މީހުން ބުނި ނަމަވެސް ކޮޕީލަވައަށް ވުރެ އަމިއްލަ ރާގުގެ ލަވަ ވުޖޫދު ނުވެ މިކަން ނިމުމަކަށް ނުގެނެވޭނެ ކަމަށެވެ.
"އެހެންވީމަ އަހަރެންގެ އެދުމަކީ އަމިއްލަ ލަވަ ވީހާ ވެސް ގިނައިން ހަދާށޭ. ކޮޕީ އެއްލަވައަކަށް އަމިއްލަ ތިން ލަވަ ހަދަން އެބަޖެހޭ. އަމިއްލަ ލަވަތައް އަޑުއިވެން ފެށީމަ ނޫނީ ކޮޕީލަވައިގެ އަޑުއެހުން މަދެއް ނުކުރެވޭނޭ. އަމިއްލަ ލަވަ ގިނަ ކުރަންވީ" އަބްސީ ބުންޏެވެ.
މިލަވައާ ބެހޭ ގޮތުން ޝަލަބީ ބުނީ މިލަވައަކީ މިއުޒިކް ދާއިރާގެ އަބްދުﷲ މޫސާ ރަފީއު (އައްޅޮގެ) ލޯބީގެ ވާހަކަ އެއްގެ މައްޗައް ކިޔާފައިވާ ލަވައެއް ކަމަށެވެ. އަދި މިލަވަ ޚާއްސަ ކުރަނީ އޭނާގެ އަންހެނުންނަށް ކަމަށް ވެސް ޝަލަބީ ބުންޏެވެ.
އައްޅޮ ޕާސަނަލީ އިނގޭ. މިލަވައިގެ މެސެޖް ރީތިކަމުން ކިޔާލަން ބޭނުންވީ. އަސްލު އައްޅޮއާ އޭނަގެ ވައިފް އަކީ ވަރަށް ލޯބިން އުޅޭ ކަޕުލްއެއް. އެދެމީހުންނަކީ ކިހާ ލޯބިން އުޅޭ ދެކަޕުލްކަން މިލަވައިން ވެސް އެނގިގެންދާނެ. އީދާ ދިމާކޮށް މިލަވަ ރިތީޒް ކުރީ ލޮއެއްބާ ބެހޭ ގޮތުން މިމުޖުތަމައުއަށް މެސެޖެއް ދިނުމުގެ ގޮތުން. އައްޅޮގެ ލަވް ސްޓޯރީ އެނގޭ ބަޔަކަށް ޚާއްސަކޮށް މިލަވަ ވަރަށް ޓަޗިން ވާނެ. ދެން މިހާރު ލަވަފޮށިން މިލަވަ އަޑު އަހާލެވޭނެ. ޝަލަބީ ބުންޏެވެ.
މިލަވަ ރިލީޒް ކުރުމުގެ ހަފްލާގައި ބައިވެރިވި މޯލްޑިވިއަން އައިޑޮލްގެ ސީޒަން 3 އިން މަޝްހޫރުވި މަރިޔަމް މައިޝާ ބުނީ މިލަވަ ވަރަށް ފުރިހަމަ ކަމަށާއި، މިފަދަ ލަވައެއް ކިޔާލަން ފުރުސަތު ލިބުމަކީ ވެސް ފަހުރެއް ކަމަށެވެ. އަދި މިއީ ޝަލަބީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
އަމިއްލާ ރާގުގެ މިލަވައިގެ ޅެން ހަދާފައިވަނީ މަޝްހޫރު ޅެންވެރިޔާ ހޯރަފުށީ އާދަމް ސަލީމްގެ ދަރިފުޅު އާމިރު ސަލީމެވެ.