ކުއްތާތައް ބޭނުން ކޮށްގެން ބަރުހެލި ވުމާ ބެހޭ ދިރާސާއެއް ހަންގޭރިއަން ސައިންސިޓުން ކޮށްފިއެވެ.
އެ ދިރާސާއިން ހޯދި ހޯދުންތަކުން ފަލަ ކުއްތާއި ފަލަ އިންސާނުންނާއި ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ކަން ވަނީ އެގިފައެވެ. އޭގެ ތެރޭގައި ފަލަ އިންސާނުންނެކޭ އެއްފަދައިން ފަލަ ކުއްތާތައް މީރު އަދި މޮޅެތި ކާއެއްޗެހި ކާން ބޭނުންވާ ކަންވެސް ވަނީ ހޯދިފައެވެ.
ރިސާޗަރުންނަށް އެކަން ދެނެ ގަނެވުނީ ކުއްތާތަށް ކަމުން ދާ ގޮތް ދިރާސާ ކޮށްގެނެވެ. އެ ގޮތުން ރިސާޗަރުން ވަނީ ދެ ބާވަތެއްގެ ކާއެއްޗެހި ވަކި ތައްޓަށް އަޅާފައި ކުއްތާތަކެއް ކުރި މަތީގައި ބަހައްޓާފައެވެ. އެތަނުން އެއް ތަށީގައި ހުރީ މީރު ކާއެއްޗެއްސެވެ.
ކުއްތާތައް ކާއެއްޗެހި ކޭ ގޮތަށް ބަލާއިރު ހެޔޮވަރު ބަރުދަނުގައި ހުރި ކުއްތާތައް ވަނީ ދެ ކާތަށީގައި ހުރި ކާއެއްޗެހި ވެސް ކައިފައެވެ. އެހެން ނަމަވެސް ބަރުހެލި ކުއްތާތަށް ވަނީ މި ގޮތަށް ކާންދޭން ފެށިތާ މާ ގިނައިރު ނުވަނީސް މީރު ކާ އެއްޗެހި ނޫނީ ނުކަން ބޮޑާ ހާއްކާ، މީރު ނޫން އެއްޗެހި ކެއުމަށް ދެކޮޅު ހަދާފައެވެ.
ރިސާޗަރުން ބުނީ މިކަން ހިނގީ އެމީހުން ހީކޮށްގެން ހުރި ގޮތާއި މުޅިން ޚިލާފަށް ކަމަށެވެ. އެމީހުން ހީކޮށްގެން ހުރީ ބަރުހެލި ކުއްތާތަށް ކާއެއްޗެއް ހޯދުމަށް ކޮންމެ ކަމެއް ވެސް ކޮށްފާނެ ކަމަށާއި އަދި ކޮންމެ އެއްޗެއް ވެސް ކާފާނެ ކަމަށެވެ.
އަދި ބަރުހެލި ކުއްތާތައް ބަޑުހައިވީއެއް ކަމަކު އެ މީހުން ކަންނެތް ކަމުން ކާއެއްޗެއް ލިބެންދެން ނުކާ ތިބޭ ކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި ކާން ކޮންމެހެން ޖެހިއްޖިއްޔާމުން ވީހާވެސް މަދު ހަކަތައެއް ބޭނުން ކޮށްގެން މީރު ކާއެއްޗެހި ހޯދާކަން ވެސް ވަނީ އެގިފައެވެ.
ދިރާސާ ކުރިފަރާތް ތަކުން ބުނީ އިންސާނުންނާއި ކުއްތާ މި ކަމުގައި އެއްގޮތް ކަމުގެ ސަބަބުން ކުރި މަގުގައި މި ޖަނަވާރު ބޭނުން ކޮށްގެން ފަލަވުމާއި ގުޅިގެން ނަފްސާނީ ގޮތުން އިންސާނުންނަށް ކުރާ އަސަރުތައް ދެނެ ގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރޯޔަލް ސޮސައިޓީ އޯޕެން ސައިންސް ޖާނަލްގައި ބުނެފައިވާ ގޮތުން ކުއްތާއާއި އިންސާނުން ވެސް ކާއެއްޗެއްސަކީ އިނާމެއްގެ ގޮތުގައި ގަބޫލް ކުރާ ކަމަށެވެ.