ކ. މާލެ
|
15 ޖެނުއަރީ 2017 | އާދީއްތަ 22:23
ޑްވައިޓް ޔޯކް މިއަދު އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ
ޑްވައިޓް ޔޯކް މިއަދު އެއާޕޯޓްގައި ނޫސްވެރިންނާ ވާހަކަ ދައްކަނީ
މުހައްމަދު ޝަރުހާން
އެފްއޭއެމް
ފުޓްބޯލް އެވޯޑް ނައިޓަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ
ޑްވައިޓް އަކީ ކުރިން ޔުނައިޓެޑާއި އެސްޓަން ވިލާއަށް ކުޅެފައިވާ ފޯވަޑެއް
ޔޯކް ބައިވެރިވުމަކީ ހަފްލާއަށް ލިބިގެންދާނެ ފުރިހަމަ ކަމެއް. ބައްސާމް
މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓް އޮންނާނީ ހޯމަ ދުވަހުގެރޭ ދަރުބާރުގޭގައި

ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓްބޯލް އެވޯޑްސްގެ ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ޑްވައިޓް ޔޯކް ރާއްޖެ އަތުވެއްޖެ އެވެ.

ޑްވައިޓް ޔޯކް އަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑާއި އެސްޓަން ވިލާއަށް ކުޅެފައިވާ މަޝްހޫރު ފޯވަޑެކެވެ.

އާދިއްތަ ދުވަހު މެންދުރުފަހު ޑްވައިޓް ޔޯކް ރާއްޖެ އައުމުން އޭނާއަށް މަރުހަބާ ކިޔުމަށްޓަކައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އެ އެސޯސިއޭޝަންގެ އިސްވެރިން ވަނީ ބައިވެފަ އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވިދާޅުވީ މިފަދަ ހައި ޕްރޮފައިލް ކުޅުންތެރިއަކު އެވޯޑް ނައިޓްގައި ބައިވެރިވުމަކީ މި ހަފްލާއަށް ލިބިގެންދާނެ އިތުރު ފުރިހަމަ ކަމެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައިވެސް މިފަދަ މަޝްހޫރު މޫނުތައް އެވޯޑް ނައިޓުން ފެނިގެންދާނެ ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.

ޑްވައިޓް ޔޯކް ވަނީ މެންޗެސްޓާ ޔުނައިޓެޑާއެކު އިނގިރޭސި އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސް ލީގާއި އިންޓަ ކޮންޓިނެންޓަލް ކަޕްގެ އިތުރުން ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބު ކޮށްފަ އެވެ. އޭގެ އިތުރުން އޭނާ ކުޅެފައިވާ ކްލަބްތަކުގެ ތެރޭގައި އެސްޓަން ވިލާ، ބްލެކްބާން ރޯވާޒް، ބާމިންހަމް ސިޓީ، ސަންޑަލޭންޑްގެ އިތުރުން އޮސްޓްރޭލިއާގެ ސިޑްނީ އެފްސީ ހިމެނެ އެވެ.

ކްލަބް ކެރިއަރުގައި ކުޅުނު 479 މެޗުގައި 147 ގޯލު އޭނާ ވަނީ ކާމިޔާބުކޮށްފަ އެވެ. ޔޯކް ވަނީ ޓްރިނިޑާޑް އެންޑް ޓޮބެގޯ ގައުމީ ޓީމަށް ކުޅުނު 74 މެޗްގައި 19 ގޯލު ކާމިޔާބުކޮށްފަ އެވެ.

2016 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ މާޒިޔާގެ އަސަދުﷲ އަބްދުﷲ (އަސައްކޮ)، ޓީސީ ސްޕޯޓްސް ކްލަބްގެ އަލީ ފާސިރު (ސެންޓޭ) އަދި ކްލަބް އީގަލްސްގެ އިމްރާން ނަޝީދު އެވެ. އަދި އަހަރުގެ އެންމެ މޮޅު ކޯޗުގެ މަގާމަށް ވާދަކުރަނީ މާޒިޔާގެ އަލީ ސުޒޭން އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުހައްމަދު ނިޒާމް ގެ އިތުރުން ކްލަބް އީގަލްސްގެ އިހުސާން އަބްދުލް ގަނީ އެވެ.

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އަހަރުގެ އެންމެ މޮޅު ކޯޗު ހޮވުމަށްޓަކައި ވޯޓު ދީފައި ވަނީ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ ކޯޗުންނާއި ފުރަތަމަ ޑިވިޝަނުގެ ކެޕްޓަނުން އަދި ކުޅިވަރުގެ ނޫސްވެރިންނެވެ. މިއީ މިފަދަ ގޮތަކަށް ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާ އާއި މޮޅު ކޯޗު ހޮވާ ފުރަތަމަ ފަހަރެވެ.

މި އެވޯޑްސްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ދޭ ރަން ބޫޓުގެ އިތުރުން އެންމެ އުންމީދީ ޒުވާން ކުޅުންތެރިޔާ ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

- ކޮމެންޓް