ޔޫރަޕް، ކެނެޑާ އަދި މެކްސިކޯއިން އެމެރިކާއަށް އެތެރެކުރާ އެލުމިނިއަމްއާއި އެކަތައިގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާއި ގުޅިގެން، ޔޫރަޕިއަން ޔޫނިއަންއިން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން އެމެރިކާއިން ޔޫރަޕަށް އެތެރެކުރާ ގިނަ އަދަދެއްގެ ބާވަތްތަކުން އިތުރު ޓެކްސްއެއް ނެގުމަށް ނިންމައިފިއެވެ.
ބުރާސްފަތި ދުވަހު ޔޫރަޕިއަން ޔޫނިއަންގެ ހުރިހާ ޤައުމަކުން ވަނީ މިފިޔަވަޅު އެޅުމަށް ރުހި، އެއްބަސްވެފައެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނީ އެމެރިކާއިން އެތެރެކުރާ ބާވަތްތަކުން މި ޓެކްސް ނަގަން ނިންމީ އެމެރިކާއިން އެޅި ފިޔަވަޅުގެ ސަބަބުން ނިކުންނަ ނަތީޖާގެ ތިލަފަތް ހަމަހަމަކުރުމަށް ކަމަށެވެ. އަދި ވަރަށް އަވަހަށް މިފިޔަވަޅުތައް އަޅާނެކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެއެވެ. ޤައުމުތަކުން އެއްބަސްވީނަމަވެސް މިމަހުގެ 20 ވަނަ ދުވަހު އޮންނަ ޔޫރަޕިއަން ކޮމިޝަންގެ ބައްދަލުވުމުގައި މި ފިޔަވަޅު އެޅުމަށް ފާސްކުރަން ޖެހެއެވެ.
އެހެންކަމުން ޖޫން މަހުގެ ފަހުކޮޅު ނުވަތަ އަންނަ ޖުލައި މަހުގެ ކުރީކޮޅު އެމެރިކާއާއި ދެކޮޅަށް ޔޫރަޕުން އަޅާ އިޤްތިޞާދީ މިފިޔަވަޅުތައް އަޅާނެކަމަށް ބެލެވެއެވެ.
އެމެރިކާއިން ޔޫރަޕަށް އެތެރެކުރާ މުދަލުގެ ތެރެއިން ޓެކްސް ބޮޑުކުރުމަށް ޔޫރަޕުން ނިންމާފައިވާ ބާވަތްތަކުގެ ތެރޭގައި އެމެރިކާގެ އެކްސްޕޯޓްގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ބާވަތްތައް ހިމެނެއެވެ. އޭގެ ތެރޭގައި ޖީންސާއި، މޮޓޯސައިކަލާއި ބަނގުރާގެ ބައެއް ބާވަތްތައް ހިމެނެއެވެ.
މިއީ ޔޫރަޕުން ކުއްލިއަކަށް އަޅަން ނިންމި ފިޔަވަޅެއް ނޫނެވެ. އެމެރިކާއަށް ޔޫރަޕާއި މެކްސިކޯ އަދި ކެނެޑާއިން އެތެރެކުރާ އެލުމިނިއަމްއާއި އެކަތައިން ޓެރިފެއް ނަގާނެކަމަށް މިދިޔަ މާޗްމަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވުމާއި ގުޅިގެން ބްރަސަލްސްއިން ވަނީ ބަދަލުގައި އެމެރިކާގެ އުފެއްދުންތަކުން ޓެކްސް ނަގަން ފަަށާނެކަމުގެ އިންޒާރުދީ، ޓެކްސް ނަގާނެ މުދަލުގެ ލިސްޓެއްގެ ޑްރާފްޓް ތައްޔާރުކޮށްފައެވެ.
އެމެރިކާއާއި ދެކޮޅަށް ޔޫރަޕުން ފިޔަވަޅު އެޅިއިރު، ކެނެޑާއާއި މެކްސިކޯއިންވެސް ވަނީ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ. މެކްސިކޯއިން ވަނީ އެމެރިކާއިން އެޤައުމަށް އެތެރެކުރާ އޫރުގެ މަހުގެ ބާވަތްތަކާއި، އާފަލު، މޭބިސްކަދުރު، ޗީޒް އަދި އެކަތައިގެ ބާވަތްތަކުން އިތުރު ޓެކްސް ނަގާނެކަމަށް ބުނެފައެވެ. އަދި ކެނެޑާއިންވެސް ވަނީ އެމެރިކާއިން އެތެރެކުރާ 12.8 ބިލިއަން ޑޮލަރުގެ މުދަލުން ޓެރިފް ބޮޑުކުރާނެކަމަށް ބުނެފައެވެ.
އެމެރިކާގެ ވިޔަފާރިއާއި އެހެން ދާއިރާތަކުގެ އެންމެ ގާތް އެކުވެރިންކަމަށްވާ ކެނެޑާ، މެކްސިކޯ އަދި ޔޫރަޕުން އެތެރެކުރާ އެލުމިނިއަމްއާއި އެކަތައިގެ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމަށް އެމެރިކާ ސަރުކާރުން ނިންމިއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗައިނާއިން އެތެރެކުރާ މިބާވަތްތަކުން އިތުރު ޓެރިފެއް ނުނެގުމަށް ނިންމަވާފައެވެ. އެހެންނަމަވެސް ޗައިނާއިން އެމެރިކާއަށް އެތެރެކުރާ އެކަތައަކީ އެމެރިކާއަށް އެތެރެކުރާ އެކަތައިގެ އެންމެ 2.4 އިންސައްތައެވެ.
މިޓެކްސްގެ މައްސަލައިގެ އިތުރުން އެހެން ގިނަ މައްސަލަތަކެއްގައި ޔޫރަޕާއި އެމެރިކާގެ ގުޅުން ވަނީ ފަހަކަށް އައިސް ގޯސްވެފައެވެ. އޭގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ ޕެރިސް މުޢާހަދާ، އީރާނުގެ ނިއުކްލިއަރ އެއްބަސްވުން އަދި ޤުދުސްގައި އެމެރިކާގެ އެމްބަސީ ހުޅުވުމުގެ މައްސަލަ ހިމެނެއެވެ.