ބޮލީވުޑް ތަރިންގެ ތެރެއިން އެ ތަރިއެއްގެ ވާހަކަ އެންމެ ގިނައިން ދެކެވޭ އެއްތަރި އަކީ ސަލްމާން ޚާން އެވެ.
އޭނާގެ އިންސްޓަގާމްގައި ގާތް ގަނޑަކަށް 16 މިލިއަނެއްހާ މީހުން ވަނީ ފޮލޯ ކޮށްފައެވެ. ނަމަވެސް ސަލްމާން ފޮލޯ ކޮށްފައިވަނީ އެންމެ ތިން މީހުންނެވެ.
މީގެ މަސްތަކެއް ކުރިން މީހުންގެ ހައިރާންކަން ގެނުވިކަމަކީ ކެޓްރީނާ ކައިފް ފޮލޯނުކޮށް އޭނާގެ ކޮއްކޮ އިޒަބެލް ކައިފް ފޮލޯ ކުރުމެވެ.
ގިނަ ދުވަސް ތަކަކަށް ފަހު އަނެއްކާ ވެސް ސަލްމާން އިތުރު މީހަކު ފޮލޯކޮށްފިއެވެ.
މިފަހަރު އޭނާ ފޮލޯކުރީ ލޫލިއާ ވަންތުރު އެވެ.
ލޫލިއާ އާއި ސަލްމާން ޚާން ކައިވެނިކުރަން އުޅޭ އަޑުތައް ވެސް މީގެ ކުރިން ވަނީ ފެތުރިފައެވެ. އެ ދެ މީހުން އެކީގައި އެކި ހަފްލާތަކުން ވެސް ދަނީ ފެންނަމުންނެވެ. ސަލްމާނާއި ކައިވެނި ކުރަން އުޅޭ ވާހަކައަށް ރައްދު ދީ ލޫލިއާ ބުނެފައިވަނީ އޭނާ އެކަހަލަ އަޑުތަކަށް އެހާ ސަމާލުކަމެއް ނުދޭ ކަމަށެވެ.
ސަލްމާންގެ ޚާންދާނުގެ ބައެއް ޙަފްލާތަކާއި، ރަޙުމަތްތެރިންގެ ކައިވެނި ހަފްލާތަކަށް ވެސް ލޫލިއާ އާއި ސަލްމާން އެކީގައި ދާ މަންޒަރު ނޫސްވެރިންގެ ކެމެރާތަކަށް ވެސް ވަނީ އަރާފައެވެ. އެހެން ނަމަވެސް ލޫލިއާ ބުނީ އޭނާއަށް މީހުން ކިޔާއެއްޗެއް ނުހިފެހެއްޓޭނެ ކަމަށާއި އޭނާ ސަލްމާނަށް ވަރަށް އިހުތިރާމް ކުރާ ކަމަށެވެ.
ރޯމަނަށް އުފަން ލޫލިއާ އަކީ ރޯމަން ލަވަކިޔުންތެރިއެއްގެ އިތުރުން ހިންދީ ލަވަކިޔުންތެރިއެއް ވެސް މެއެވެ. ލޫލިއާ ބުނާ ގޮތުން އޭނާއަށް ހިންދީ ލަވަކިޔުމަށް އެންމެ އެހީތެރިކަމެއް ލިބުނީ ސަލްމާންޚާންގެ ފަރާތުންނެވެ. ލޫލިއާ ބުނީ އޭނާއަކީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށާއި އޭނާއަށް ހިންދީ ލަވަކިޔުމަށް ހިތްވަރު ދިނީ ސަލްމާން ޚާން ކަމަށެވެ.
މިމަހުގެ 15 ގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ރޭސް 3" ގައި ވެސް ލޫލިއާގެ ލަވައެއް ހިމެނިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.