ކ. މާލެ
|
12 ޖޫން 2018 | އަންގާރަ 19:25
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ރިޔާސީ އިންތިޚާބު 2018
އެވިދާޅުވާ ސާފު ކެނޑިޑޭޓަކީ ކޮބާ؟
ގުޅިފައިވާ ޕާޓީތަކަށް އެމައްސަލަ ހުށަހެޅިތޯ؟
ވަކި ބޭފުޅަކު ވިސްނުންފުޅުގައި އެބަހުރިތޯ؟
"ސާފު ކެނޑިޑޭޓެއް" ނެރެގެން ވާދަކުރަން ސަރުކާރުން ފުރުސަތު ދޭނެތޯ؟

މިހަފްތާ ފެށިގެން އައިއިރު އެންމެ މުހިއްމު އެއް ޚަބަރަކަށް އަޑު އިވިގެން ދިޔައީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މާ ސާފު ކެނޑިޑޭޓެއް ނެރެން ބޭނުންފުޅުވެގެން އުޅުއްވާ ވާހަކައެވެ. ގުޅިފައިވާ ޕާޓީތަކުގެ އެއް ލީޑަރުގެ ގޮތުގައި ހުންނެވި ޤާސިމަށް، އެކޯލިޝަނުން ރިޔާސީ ކެނޑިޑޭޓެއްގެ ގޮތުގައި ނެރުން އެންމެ ގާތް އެމްޑީޕީގެ ލީޑަރު މުޙައްމަދު ނަޝީދު ކަމަކު ނުދިޔައެވެ. ނަޝީދަށް ކުރިމަތި ނުލެވިއްޖެ ޙާލަތެއް ދެން ނެރޭނެކަމަށް އެންމެ އެކަށީގެންވާ ކެނޑިޑޭޓަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސާލިޙް (އިބޫ) އެވެ. ޤާސިމަށް އިބޫވެސް ކަމަކު ނުދިޔައެވެ. 

ޤާސިމަށް އެމްޑީޕީއިން ދައްކާ ވާހަކަވެސް ކަމަކު ނުދިޔައެވެ. އެންމެން ދައްކަން ޖެހޭނީ އެއް ވާހަކައެއްކަމަށް ޤާސިމް ޤަބޫލުކުރައްވާ ކަހަލައެވެ. 

ޤާސިމް 'ސާފު ކެނޑިޑޭޓެއް' ނެރެން ބޭނުންފުޅު ވެގެން އެވާހަކަ އެމަނިކުފާނުގެ ޕާޓީގެ ކައުންސިލް މެމްބަރުން އަރިހުގައި ދެއްކެވުމާއި ގުޅިގެން އަޅުގަނޑުގެ ހިތުގައި ދެތިން ސުވާލެއް އުފެދެއެވެ. ފުރަތަމަ ސުވާލަކީ ސާފު ކެނޑިޑޭޓެއްކަމަށް ޤާސިމް ޤަބޫލުކުރައްވާ މިންގަނޑު ތަކަކީ ކޮބައިތޯއެވެ؟ ރައީސް ނަޝީދާއި އިބްރާހިމް މުހައްމަދު ސާލިޙް އަކީ ސާފު ކެނޑިޑޭޓުންކަމަށް ޤާސިމަށް ޤަބޫލުނުކުރެއްވޭނަމަ، ޤާސިމްގެ ވިސްނުންފުޅު އެހެރީ ސަރުކާރުގެ ވިސްނުމާއި އެއްގޮތަށެވެ. ޤާސިމްވެސް މިނިވަންކުރުމަށް އަމުރުކުރި 1 ފެބްރުއަރީގެ ސުޕްރީމް ކޯޓު އަމުރަކީ ސައްޚަ އެއްޗެއްކަމަށް ޤާސިމް ޤަބޫލު ނުކުރައްވަނީތޯއެވެ؟ އެހެންކަމަށް ވާނަމަ މިދިޔަ 4 ވަރަކަށް މަސް ދުވަހު އެދެއްކެވީ ކޮން ވާހަކައެއްތޯއެވެ؟

ސާފު ކެނޑިޑޭޓެއް ނުނެރެވިގެން ޤާސިމް އެކަމާ ކަންބޮޑުވެވަޑައިގެން އެވާހަކަ ޕާޓީގެ އިސްބޭފުޅުން އަރިހު ދެއްކެވިއިރު، އެވާހަކަ ގުޅިފައިވާ ޕާޓީތަކުގެ މެދުގައި އެކުލަވާލެވިފައިވާ ކޮމިޓީތަކުގައި ދެއްކެވިތޯއެވެ؟ އަށާރަ ނަވާރަ ކޮމިޓީއަކާއި ދެންވެސް ހުރިއްޔާ ހުރި ނަމްބަރެއް ކިޔާފައި ކޮމިޓީތައް އެކުލަވާލިއިރު، އެކޮމިޓީތަކުގައި މިކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނުތޯއެވެ؟ މިހުރިހާ ދުވަސް ވަންދެން ދެކެވުނީ ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓް ނެރޭ ވާހަކަ ނޫންތޯއެވެ؟ އެމަޝްވަރާތަކުގައި އެވާހަކަ ދެކެވުނީ ކިހާ ވަރަކަށްތޯއެވެ؟ އެމްޑީޕީއަށް މިމެސެޖް ރައްދު ކުރެވުނީ ކިހާ ވަރަކަށްތޯއެވެ؟ އަދާލަތު ޕާޓީއާއި ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުންގެ އަރިހުގައި މިވާހަކަ ދެކެވުނުތޯއެވެ؟ މިއީ ރައްޔިތުން އަހަން ބޭނުންވާނެ ސުވާލުތަކެވެ. މިހުރިހާ ދުވަހު މިވާހަކަ ނުދައްކާ ކުއްލިއަކަށް މިހާރު މިވާހަކަ ދައްކަން ފެށުމުން ހަމަ ގައިމުވެސް ރައްޔިތުން މިސުވާލު ކުރާނެއެވެ.

ސާފު ކެނޑިޑޭޓެއް ނެރޭ ވާހަކަ ކުއްލިއަކަށް ޤާސިމް ދެއްކެވިއިރު، އެމަނިކުފާނުގެ ވިސްނުންފުޅުގައި ވަކި ބޭފުޅަކު އެބައޮތްތޯ، މިވެސް އުފެދޭ ސުވާލެކެވެ. ވަކި ނަންފުޅެއް އޮތްނަމަ، އެނަމެއް ގުޅިފައިވާ ޕާޓީތަކުގެ ކޮމިޓީއަށް ހުށަހަޅުއްވަންވީ ނޫންތޯއެވެ؟ މިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިސަރުކާރުގެ ދަންތުރައެއްގައި ޖައްސާފައި ނެތް ބޭފުޅަކު ނެތެވެ. ޤާސިމްގެ ވިސްނުންފުޅުންނަމަ "ސާފު" އެކަކުވެސް ނެތެވެ. ދެން ކުއްލިއަކަށް މީހަކު އައިސް ދައްކާފައި އެމީހަކަށް ވޯޓު ދޭށޭ ބުންޏަސް، ރައްޔިތުންނަށް އެވާނީ ދަތި އުނދަގޫ ކަމަކަށެވެ.

މިހުރިހާ ސުވާލުތަކާއިއެކު، ދެން އުފެދޭ ސުވާލަކީ ޤާސިމް އެބުނާ ސާފު ކެނޑިޑޭޓް ނެރޭއިރަށް، އެމީހަކު ސަރުކާރުން 'ހަޑި'ކޮށް ނުލާނެތޯއެވެ؟ ވަކި ބޭފުޅަކު ނެރެގެން އެބޭފުޅަކާއިގެން ކުރިއަށްދާން ސަރުކާރުން ދޫދޭނެކަމަށް ޤާސިމަށް ވިސްނުނީ ކިހިނެއްތޯއެވެ؟ އެޔަޤީންކަން ޤާސިމަށް ދެއްވީ ކާކުތޯއެވެ؟ ޤާސިމް ބޭނުންފުޅުވާ ބޭފުޅަކު ނެރެން ސަރުކާރާއި އެކު ޑީލެއް ހެއްދެވީތޯއެވެ؟ މިހިރީ ހައްތަހާވެސް ސުވާލެވެ. ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ މި ސުވާލުތަކުގެ ޖަވާބު ލިބޭނެކަމަށް ބެލެވެއެވެ. ދެން އޮތީ އިންތިޒާރުކުރުމެވެ.

- ކޮމެންޓް
12 ޖޫން 2018 | އަންގާރަ 15:33
ނޫރި
ޑީލެއް ނުހައްދަވާނަމަ މިނާޒުކު ދަނޑިވަޅުގައި އެމޭރުމުން އެވާހަކަ ނުދެއްކުމަށް ކަން ޔަގީނެވެ. ގާސިމް ލައްވައިގެން ގޭސްގަނޑެއް އަނބުރލީކަން ޔަގީން. 2012 ގައި ވެރިކަން ވައްޓާލުމަށް އިދިކޮޅުން ބޭނުންކުރި ހަތިޔާރަކީވެސް ގާސިމުގެ މުއްސަނދިކަން.