އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑަރޭޝަން (އައިއޭއޭއެފް)ގެ ސްކޮލަޝިޕެއްގައި އަނެއްކާވެސް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖެމެއިކާއަށް ފުރަން ހަމަޖެހިއްޖެ އެވެ.
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ތަމްރީން ސެންޓަރު ކަމަށްވާ ޖެމެއިކާގެ ހައި ޕާފޯމަންސް ސެންޓަރުގައި 2012 ވަނަ އަހަރުން ފެށިގެން ތަމްރީން ހަދަމުން އަންނަ ސާއިދުއަށް މި ސެންޓަރުން ފުރަތަމަ ފުރުސަތު ހޯދައިދިނީ މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ އިން ނެވެ. އެއަށް ފަހު ވޭތުވެދިޔަ ހަތަރު އަހަރު އޭނާ ތަމްރީންތައް ފުރިހަމަކޮށްފައި ވަނީ އައިއޭއޭއެފްގެ ސްކޮލަޝިޕްގެ ތެރެއިންނެވެ.
2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖެ އަށް 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިދިން ސާއިދު ވަނީ އެ ގޭމްސްގެ 200 މީޓަރު ދުވުމުންނާއި މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު އަދި 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދައިފަ އެވެ. ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ކަމަށްވާ އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރު ފަހަނައަޅައި އެއްވަނަ ބުރުގައި މިދިޔަ އަހަރު ސާއިދު ވަނީ ވާދަކޮށްފަ އެވެ.
އެތްލެޓިކްސް އިން ގައުމީ ގިނަ ރެކޯޑުތަކެއް އާކޮށްފައިވާ ސާއިދު ވަނީ ދެކުނު ކޮރެއާގައި ކުރިއަށްދިޔަ އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލުގައި ވެސް ވާދަކޮށްފަ އެވެ.
އާ އަހަރުގެ ސްކޮލަޝިޕަށް ފުރަން ތައްޔާރުވަމުންދާއިރު ސާއިދު ބުނީ އޭނާގެ އަމާޒަކީ މިދިޔަ އަހަރަށް ވުރެން ގިނަ ކާމިޔާބުތަކެއް މިއަހަރު ހޯދުން ކަމަށާއި ގައުމަށް ރީތި ނަން ހޯދުމަށް މިއަހަރު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ޖެމެއިކާގައި ފަށާ ޓްރެއިނިން ސްކޮލަޝިޕްގައި ބައިވެރިވުމަށް ސާއިދު ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ފުރުމަށް ހަމަޖެހިފައިވާއިރު ބާރު މި އަހަރުގެ އެތްލެޓިކްސް ސީޒަން ނިމެންދެން އޭނާ ޖެމެއިކާގައި މަޑުކުރާނެ އެވެ.